Roadha Mihaaru
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައިފި

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފައްދަވައި، ކުރީގެ ކައުންސިލްތައް އުވާލައްވައިފި

03 ޖޫން 2017

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގައި އޮތް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިދާރާތައް މިއަދުން ފެށިގެން އުވާލައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން އިދާރާއެއް އުފައްދަވައި، ކުރިން އެރަށުގައި އޮތް އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިދާރާތައް މިއަދުން ފެށިގެން އުވާލައްވައިފި އެވެ.

ފުވައްމުލަކުގައި އަތޮޅު ކައުންސިލަކާއި އެރަށުގެ ކޮންމެ އަވަށަކަށް ވަކި ރަށު ކައުންސިލަކާ އެކު ޖުމްލަ ނުވަ ކައުންސިލް އޮއްވައި ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހެއްގެ ދަށުން ފުވައްމުލަކަކީ ސިޓީއެއްގެ ގޮތުގައި ރައީސް ޔާމީން ވަނީ ކުރިން ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުގައި ބޭއްވީ ސިޓީ ކައުންސިލްގެ އިންތިޚާބެކެވެ.

ކުރިން އޮތް އަތޮޅު ކައުންސިލްގެ އިދާރާ އާއި ނުވަ ރަށު ކައުންސިލް އިދާރާ އުވާލައްވައި، ސިޓީ ކައުންސިލް އިދާރާގެ ނަމުގައި އާ އިދާރާއެއް ރައީސް އުފެއްދެވީ އެރަށު ސިޓީ ކައުންސިލަށް އިންތިޚާބުވި ތިން ކައުންސިލަރުން މިއަދު ހަވީރު ހުވާ ކުރެއްވުމުން ކުރީގެ ކައުންސިލްތަކުގެ ދައުރު ހަމަވުމުންނެވެ.

ލާ މަރުކަޒީ ގާނޫނު ބުނާގޮތުން ކޮންމެ ކައުންސިލަކަށް ކައުންސިލް އިދާރާއެއް އުފެއްދެވުމަކީ ރައީސްގެ ޒިންމާއެކެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އުފެއްދެވުމުގެ ކުރިން، އެރަށު ސިޓީ ކައުންސިލަށް އޮންނާނީ އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލަށް ވެސް ލިބިގެންވާ ބާރުތައް އެކަނި ކަމަށް ކަނޑައަޅައި، އެ ކައުންސިލްގެ ބާރުތައް ރައީސް ޔާމީން ކުރިން އޮތީ ހަނިކުރައްވައިފަ އެވެ. ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީ ކައުންސިލްގެ ބާރުތަކާއި ޒިންމާ ކަނޑައަޅާނީ ރައީސެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އެރަށަށް ސިޓީގެ ދަރަޖަ ލިބުނީ 10،000 މީހުން އާބާދީ ހަމަވާ ރަށްރަށަށް ސިޓީގެ ދަރަޖަ ދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުންނެވެ. ކުރިން ގާނޫނުގައި އޮތީ ސިޓީގެ ދަރަޖަ ދެވޭނީ 25،000 މީހުންގެ އާބާދީ އޮންނަ ރަށްރަށަށް އެކަނި ކަމަށެވެ.