Roadha Mihaaru
އަދީބުގެ އާދޭސް: އަޅުގަނޑާ މެދު ހިތް ސާފުކޮށްދީ!

އަދީބުގެ އާދޭސް: އަޅުގަނޑާ މެދު ހިތް ސާފުކޮށްދީ!

07 ޖޫން 2017

ދިވެހި ރައްޔިތުންގެ ވިސްނުން އެމަނިކުފާނާ ދޭތެރޭގައި ހުންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އާދޭހަކީ، ހިތްތަކުގައި ހުރި ކިލަނބުކަން ފިލުވާލައި ހިތް ހަލާސްކޮށް ދިނުން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހި ރައްޔިތުންގެ ވިސްނުން އެމަނިކުފާނާ ދޭތެރޭގައި ހުންނާނެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އާދޭހަކީ، ހިތްތަކުގައި ހުރި ކިލަނބުކަން ފިލުވާލައި ހިތް ހަލާސްކޮށް ދިނުން ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށުގައި ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު މިއަދު އާއްމުކުރެއްވި ސިޓީއެއްގައި ވިދާޅުވީ ކުރު ސިޔާސީ ހަޔާތްޕުޅުގައި ރައްޔިތުންގެ ކުރިމަތީގައި ސޫރަކުރެވެމުން ދިޔަ އަހްމަދު އަދީބަކީ، މެދުވެރިވި ގިނަ ހާލަތްތަކާއި ސަބަބުތަކުގެ ނަތީޖާ ކަމަށެވެ. އިވޭ ކޮންމެ އަޑަކީ ހަގީގަތެއް ނޫން ކަމަށާއި ހަގީގަތުން ބައެއް އެނގިގެން ވެސް ނަތީޖާއާ ހަމައަށް ވާސިލްނުވެވޭނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި ޖަލު ބަންދުގައި އެމަނިކުފާނަށް ވަނީ ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފަ އެވެ. މިފަދަ މައްސަލަތަކަކީ "ހޮޅުއަށިތަކަށް އާއްމުކުރެވިގެން ނުވާނެ" އަމިއްލަ މައުލޫމާތުތަކަށް ވިއަސް އެކަން އާއްމުކުރައްވަން މަޖޫބޫރުވެވަޑައިގަތީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ކިޑްނީގައި ހިލަ ހުރުމާއި އިންޓާނަލް ސިސްޓު ހުރުމާއި ލޮލުގެ ބައްޔެއް ކަމަށްވާ ގުލޮކޮމާ ޖެހިފައިވުން ހިމެނެ އެވެ. މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ފަރުވާ ނުލިބި އެކަމާ މެދު ކުރަން ޖެހޭ ފިކުރުތަކަކީ މި މައްސަލަތަކުގެ މައްޗަށް އަންނަ އިތުރު ތަކުލީފެކެވެ،" ސިޓީގައި އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ސިޔާސީ ހަޔާތްޕުޅުގައި މިތުރުންނާއި އާއިލީ ބޭފުޅުން ތަފާތު ނުކުރައްވާ ކަމަށާއި ހިތުން ޖާގަ ދެއްވުނު ކޮންމެ މީހެއްގެ ތަކުލީފް ދުރުކުރެއްވޭތޯ މަސައްކަތްޕުޅުކުރެއްވި ކަމަށެވެ.

"އަޅުގަނޑަށް ކޮށްދެވުނު ނަމަ ކޮށްދެވިފައިވާ އެއްވެސް ކަމަކީ ބަދަލަކަށް އުއްމީދުކޮށްގެން ކޮށްފައިވާ ކަންކަމެއް ނޫނެވެ،" އަދީބު ވިދާޅުވި އެވެ.

އެކަމަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި އެކަނި އޮންނަވަން ޖެހިވަޑައިގަތުމުން ހަގީގަތް ސާފުވެވަޑައިގެން، އެކުވެރިންނާއި ހެޔޮއެދޭ މީހުންނާއި އާއިލާ އާއި ގާތްތިމާގެ މީހުންނަކީ ކޮބައިކަން ވެސް ހަގީގީ މާނައިގައި ދެނެގަނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދީބު ވިދާޅުވި ގޮތުގައި، ކޮށްފައިވާ ކަމަށް ތުހުމަތުކުރާ އެއްވެސް ކުށެއްގެ އަދަބަކީ ޖަލުގައި އެކަނި އޮވެ މަރުވުން ކަމަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. އިންސާނީ ހައްގުތަކަކީ އެމަނިކުފާނަށް ވެސް ކަށަވަރުކޮށް ދޭންޖެހޭ ހައްގުތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވި އެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޖަލުގައި މަޑުން އޮންނެވީ، އަދީބު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިޔާސީ މަސްރަހާ ދޭތެރޭގައި ކަންބޮޑުވެވަޑައިނުގަންނަވާތީއެއް ނޫނެވެ.

އަދީބު ވިދާޅުވީ ދިވެހިރައްޔިތުންނާ ދައްކަވަން ހުރި ވާހަކަތައް ވަރަށް ގިނަ ކަމަށެވެ. ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ވެސް ރަނގަޅު ނުކުރެވޭނެ ކަމެއް ނެތް ކަމަށާއި އެކަމަަށް ބޭނުންވަނީ ދިވެހިރައްޔިތުންގެ މިންނެތް މަސައްކަތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ މެދު ހިތްނުބައި އެންމެންނާ މެދު ވެސް އަޅުގަނޑުގެ ހިތް ސާފެވެ. އަޅުގަނޑުގެ މަރަށް އިންތިޒާރުކުރާ އެންމެންނަށް ވެސް އަޅުގަނޑު އެދެނީ ދިގު އުމުރެކެވެ،" އަދީބު ވިދާޅުވި އެވެ.