Roadha Mihaaru
އިތުރު 1،000 ހައްޖު ކޯޓާ މި އަހަރު ނުލިބޭނެ

އިތުރު 1،000 ހައްޖު ކޯޓާ މި އަހަރު ނުލިބޭނެ

13 ޖޫން 2017

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ރަސްމީ 1،000 ކޯޓާގެ އިތުރަށް ދެމުން އައި 1،000 ޖާގަ މި އަހަރު ނުލިބޭނެ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ރަސްމީ 1،000 ކޯޓާގެ އިތުރަށް ދެމުން އައި 1،000 ޖާގަ މި އަހަރު ނުލިބޭނެ ކަން "މިހާރު" އަށް ކަށަވަރު ވެއްޖެ އެވެ.

ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، މި އަހަރު އިތުރު 1،000 ޖާގަ ނުދޭ ގޮތަށް ސައޫދީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ކުންފުނިތަކަށް ޖާގަ ބެހީ 2،000 ކޯޓާ އަށް ބަލައިގެންނެވެ. އެކަމަކު އެ އަދަދަށް ކޯޓާ ހަމަނުޖެހި، މިދިޔަ އަހަރު އެތައް ބަޔަކަށް ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު އުފެދި ބޮޑު މައްސަލައެއް އުފެދުނެވެ.

އެންމެ ފަހު ވަގުތު ކޯޓާ ހަމަޖެހުނީ އެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދަން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނާ އެކު ހަތަރު ކުންފުންޏަކަށެވެ.

މި ކުންފުނިތައް ކަނޑައެޅީ، ހައްޖަށް މީހުން ގެންދަން ފުރަތަމަ ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުއްދަ ދީފައިވާ ކަމަށް އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އަލުން ޕްރޮޕޯސަލް އިވެލުއޭޓްކޮށްގެން ހުއްދަ ދޭން އަންގާފައި ވަނިކޮށެވެ.

ފަހުން، ހަތަރު ކުންފުންޏަކަށް ހުއްދަ ދިނީ އޭސީސީގެ އެންގުމާ ހިލާފަށް ކަމަށް ބުނެ ބަޔަކު ވަނީ އެ ކޮމިޝަނަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ ކޮމިޝަނުން މައްސަލަ ބަލަމުން އަންނަ އިރު، އެކްރޯ ޕްރައިވެޓް ލިމިޓެޑުން ވަނީ ހައްޖު ކޯޓާގެ މައްސަލަ ސިވިލް ކޯޓަށް ވެސް ވައްދައިފަ އެވެ.

ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި 16 ކުންފުންޏަކުން މި އަހަރު ހުށަހެޅި އެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހައްޖަށް ގެންދިއުމަށް ހަތަރު ކުންފުންޏެއް ކަނޑައެޅީ ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމާއި ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރި ކަމަށް ފެންނާތީ އެވެ.

މީގެ އިތުރުން ގްރޫޕްތައް ކަނޑައެޅީ މިފަދަ ނާޒުކު ހާލަތެއްގައި ދިވެހި ހައްޖާޖީންނަށް މި މަތިވެރި އަޅުކަން އަދާކުރުމުގައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެންމެހައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ މަސްލަޙަތު ހުރި ގޮތްކަމުގައި ފެންނާތީ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.