Roadha Mihaaru
50 އަހަރު ފާހަގަ ކުރަން 50 ހަތިމުކޮށްފި

50 އަހަރު ފުރުން ފާހަގަ ކުރަން 50 ހަތިމުކޮށްފި

14 ޖޫން 2017

ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ގުރުއާން ކުލާސް، ބ. ކެންދޫ، ތޮލަބަތުއްނޫރަށް މިއަދު 50 އަހަރު ފުރިއްޖެ އެވެ. އެކަން ފާހަގަ ކުރުމަށް، އެ ތަނުގެ 50 ދަރިވަރަކު، 50 ހަތިމު މިއަދު ވަނީ ކޮށްފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރަޖިސްޓްރީކޮށްގެން ރާއްޖޭގައި ހިންގާ އެންމެ ގިނަ ދުވަސްވީ ގުރުއާން ކުލާސް، ބ. ކެންދޫ، ތޮލަބަތުއްނޫރަށް މިއަދު 50 އަހަރު ފުރިއްޖެ އެވެ. އެކަން ފާހަގަ ކުރުމަށް، އެ ތަނުގެ 50 ދަރިވަރަކު، 50 ހަތިމު މިއަދު ވަނީ ކޮށްފަ އެވެ.

މިއަދު ފަތިސް ނަމާދަށް ފަހު، ބޭއްވި ހަތިމު ކުރި އެ ހަރަކާތުގައި ބައިވެރިވީ އެކި ދުވަސްވަރު އެތަނުން ކިޔެވި ދަރިވަރުންނެވެ.

ކުރިން މަސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ކެންދޫ އެއްގަމުގޭ އަލީ ހުސައިން މީގެ 58 އަހަރު ކުރިން ގުރުއާން ކްލާސް ފެށީ 12 ދަރިވަރުންނާ އެކު، އޭނާގެ އުމުރުން 16 އަހަރުގަ އެވެ. އޭގެ ފަހުން، 1967 ވަނަ އަހަރު ގުރުއާން ކްލާސް ރަޖިސްޓްރީކޮށް، 33 އަހަރު ވާންދެން އެތަނުގައި ހިލޭ ގުރުއާން ކިޔަވައިދެއްވި އެވެ. ގުރުއާން ކުލާސްގެ 50 އަހަރު ފުރުން ފާހަގަކުރީ އެތަން ރަޖިސްޓްރީކުރި ދުވަހުން ފެށިގެންނެވެ.

މިހާރު އުމުރުން ދުވަސްވެ، ބަލި އެނދުގައި އޮންނަވަން ޖެހިވަޑައިގަތުމުން ގުރުއާން ކްލާސް ހިންގަމުން އަންނަނީ އޭނާގެ 12 ދަރިންނެވެ.

ތޮލަބަތުއްނޫރު ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައި

ތޮލަބަތުއްނޫރު ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވެފައި

އަލީ ހުސެންގެ ދަރިފުޅު، މުއީނާ އަލީ ވިދާޅުވި ގޮތުގައި އޭނާގެ ބައްޕަ ވަނީ އެ ރަށުގެ 600 އަށް ވުރެ ގިނަ މީހުންނަށް ގުރުއާން އުނގަންނައިދީފަ އެވެ. އެންމެ ފުރަތަމަ ބަލައިގެން ގުރުއާން ކިޔަވަން ދަސްކޮށްދިނީ އެވެ، އެކަމަކު މިހާރު އެތަނުގައި އަންނަނީ ހަ ގުރުއާން ޓީޗަރުންނާ އެކު ތަޖުވީދު މަގަށް، ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދެމުންނެވެ.

"ބައްޕަ އެންމެ ފުރަތަމަ ކިޔަވައިދިން ދަރިވަރުންނަށް މިހާރު 65 އަހަރު ވެސް ފުރިއްޖެ. އެ މީހުންނަށް ކާފަ/މާމަ ކިޔާ ކުދިންނަށް މިހާރު އެ ކިޔަވައިދެމުން އަންނަނީ،" މުއީނާ ވިދާޅުވި އެވެ.

އަލީ ހުސެންގެ އަމިއްލަ ގޯތީގައި އިމާރާތް ކޮށްފައިވާ އެ ގުރުއާން ކްލާހުން އަންނަނީ ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ގާރީ ކްލާސްތަކެއް ވެސް ހިންގަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 43 މީހުން ވަނީ އެތަނުން ތަމްރީނުކޮށްފަ އެވެ.

ތޮލަބަތުއްނޫރު ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކެންދޫގެ މަގެއްގައި ކުޑަ އެލުވައި ޒީނަތްތެރިކޮށްފައި

ތޮލަބަތުއްނޫރު ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކެންދޫގެ މަގެއްގައި ކުޑަ އެލުވައި ޒީނަތްތެރިކޮށްފައި

މުއީނާގެ ބައްޕަ އަލީ ހުސެން އަކީ ގުރުއާން ކްލާސް ހިންގުމުގެ އިތުރުން، ރަށުގައި ހިލޭ ސާބަހަށް ގިނަ މަސައްކަތްތަކެއް ވެސް ކޮށްދެއްވި ބޭފުޅެކެވެ. އެހެންވެ، ގުރުއާން ކްލާހަށް 50 އަހަރު ފުރޭ މުނާސަބާއާ ގުޅުވައިގެން، ތޮލަބަތުއްނޫރު ފައުންޑޭޝަނުގެ ނަމުގައި ޖަމިއްޔާއެއް ވެސް މިއަދު ވަނީ އުފައްދާފަ އެވެ.

ބޭރުގެ އެކި ޖަމާއަތްތަކުން އެހީ ހޯދައިގެން މި ފައުންޑޭޝަނުން އެކި ފަރާތްތަކަށް އެހީވުމަށް ވަނީ ހަމަޖެހިފަ އެވެ.

ތޮލަބަތުއްނޫރަށް 50 އަހަރު ފުރުން ކުލަގޮތަކަށް ފާހަގަ ކުރަން ހަމަޖެހިފައިވާއިރު އެތަނުގެ ނަން، އިންސްޓިއުޓް އޮފް ތޮލަބަތުއްނޫރަށް ބަދަލުކޮށް، މައުހަދެއްގެ ގޮތުގައި ހިންގަން ފަށާނެ އެވެ. އަދި އެތަނުގެ ދެ ބުރި އިމާރާތުގެ ބިންގާ ވެސް މިއަދު އަޅާނެ ކަމަށް މުއީނާ ވިދާޅުވި އެވެ.

މި ހަރަކާތުގައި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައި ވެ އެވެ.

ގުރުއާން ކްލާހަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކެންދޫ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ރަށުގެ ބައެއް މަގުތަކުގައި، ފެހި ކުލަ އާއި ހުދު ކުލައިގެ ކުޑަ އެލުވައި މަގުތައް ރީތިކޮށްފައި ވެ އެވެ.