Roadha Mihaaru
ދަގަނޑޭ ފިޓްކޮށްދޭން ޒިނާން އެހީވަނީ

ދަގަނޑޭ ފިޓްކޮށްދޭން ޒިނާން އެހީވަނީ

14 ޖޫން 2017

ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް މިދިޔަ މަހު އޮޕަރޭޝަންކުރި ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ފިޓްކޮށްދިނުމަށް އޭނާގެ ރިހެބިލިޓޭޝަން ޕްރޮގްރާމްއާ ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ފިޒިކަލް ޓްރެއިނަރު ހުސެން ޒިނާން ހަވާލުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ކަކުލަށް ލިބިފައިވާ އަނިޔާ އަށް ފަރުވާ ހޯދުމަށް މިދިޔަ މަހު އޮޕަރޭޝަންކުރި ނިއު ރޭޑިއަންޓުގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ފިޓްކޮށްދިނުމަށް އޭނާގެ ރިހެބިލިޓޭޝަން ޕްރޮގްރާމްއާ ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގެ ފިޒިކަލް ޓްރެއިނަރު ހުސެން ޒިނާން ހަވާލުވެއްޖެ އެވެ.

ކުރިން ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދު 2015 ވަނަ އަހަރު އަނިޔާ އިން ރަނގަޅުކޮށްދީ ފިޓްކޮށް ދަނޑާ ހަމައަށް ގެނެސްދިނުމަށް ވެސް ޒިނާން ވަނީ އެހީތެރިވެދީފަ އެވެ. ޒިނާން އޭރު ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ދިމާވާ އަނިޔާތަކުން ރަނގަޅުވުމަށް ރަނގަޅު ފިޒިކަލް ޓްރެއިނަރެއްގެ ބެލުމުގެ ދަށުން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކުރިއަށްގެންދިއުން މުހިއްމު ކަމަށެވެ.

ލަންކާގައި މިދިޔަ މަހު 27 ގައި ކުރި އޮޕަރޭޝަނަށް ފަހު ދަގަނޑޭ މަހެއްހާ ދުވަސްތެރޭ ފިޓްކޮށް ފެންނާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް "މިހާރަ"ށް ޒިނާން މިއަދު ބުނީ ދަގަނޑޭ އެއްކޮށް ފިޓްކޮށް މެޗެއް ކުޅުމަށް ދެ މަސް ނަގާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެން އިއްޔެ ޕްރޮގްރާމް މި ފެށީ. ޓާގެޓަކީ ދެ މަސް ދުވަހުގެ ތެރޭގައި ދަގަނޑޭ އެއްކޮށް ފިޓްކޮށްދިނުން. ހަގީގަތުގައި މިހެން ދެ މަހޭ ބުންޏަސް ރިކަވަރީ މެދުނުކެނޑި ކުރިއަށްދާ ނަމަ ދެ މަހަށް ވުރެ އަވަހަށް ވެސް ފެނުން ގާތް. އެކަމަކު ފްލޫއެއް ކަހަލަ ކަމެއް ދިމާވެގެން ރިހެބިލިޓޭޝަން މެދުކެނޑިއްޖެ ނަމަ ހަފްތާއެއް ވަރު ލަސްވެސް ވެދާނެ. އެހެން ނޫން ނަމަ އޮން ޝެޑިއުލް ނިމޭނެ،" ޒިނާން ބުންޏެވެ.

ދަގަނޑޭ އޭނާގެ ރިކަވަރީ ކުރިއަށްދާގޮތް ދައްކައިދޭން ކޮށްފައިވާ ވީޑިއޯ ޕޯސްޓެއް.--

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ތިން ސީޒަން ކުޅުމަށް ފަހު އަނިޔާގެ ސަބަބުން އެ ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ އެނބުރި ރާއްޖެ އައިސް މިދިޔަ ސީޒަނުގެ ފަހު ބައިގައި މާޒިޔާ އަށް ކުޅުނުއިރު ވެސް އަނިޔާގެ ސަބަބުން މުހިއްމު ބައެއް މެޗުތައް ގެއްލުނެވެ. މީގެ އިތުރުން ގައުމީ ޓީމަށް ނުކުޅެ ހުންނަން ޖެހުނީ ވެސް އަނިޔާގެ ސަބަބުންނެވެ.

ވާތު ކަކުލަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން ކޮށްފައިވާ އާތޮސްކޮޕިކް ސާޖަރީ ނުވަތަ ނުފަޅައި، ކަށި ކޮއްޕައިގެން ކުރާ އޮޕަރޭޝަން ދަގަނޑޭ ވަނީ މީގެ ކުރިން ވެސް ކޮށްފަ އެވެ.

"މެނިސްކަސް އަށް ލިބިފައިވާ ގެއްލުމަކުން ސަލާމަތްވާން ކޮށްފައިވާ ކުޑަ ސާޖަރީއެއް ދަގަނޑޭ ކުރީ. ހަގީގަތުގައި އޮޕަރޭޝަން ކުރި ފަހުން މިހާރު ދެ ހަފްތާ މިވީ. އޭރުގެ ހާލަތާ މިހާރުގެ ހާލަތަށް ބަލާއިރު ދަގަނޑޭގެ ރިކަވަރީ ރަނގަޅު. މި ގޮތަށް ބަލާއިރު ދަގަނޑޭގެ ރިކަވަރީ ސްޕީޑު ރަނގަޅުކަން ފާހަގަކުރެވޭ،" ޒިނާން ބުންޏެވެ.

އޭނާ ބުނީ ދަގަނޑޭގެ ޓްރެއިނިން ކުރިއަށްދާ ގޮތް ވެސް ވަރަށް ގާތުން ބަލާނެ ކަމަށާއި ރިކަވަރީގެ ކަންތައްތައް ދެ ހަފްތާ އިން މޮނިޓާ ކުރަން ހަަމަޖެހިފައިވާ ކަމަށެވެ.

މަހެއްހާ ދުވަސް ތެރޭ ފިޓްވި ނަމަވެސް އޭނާ އަށް ނިއު އަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ޖުލައި 14 ވަނަ ދުވަހު ހުޅުވޭ ޓްރާންސްފާ އަށް ފަހު އެވެ.