Roadha Mihaaru

މަސީހަށް ލަތީފްގެ ސިޓީއެއް: "ޑިމޮކްރެޓިކް ނިޒާމް ފުނޑާނުލައްވާ"!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވައިގެން، ހުރިހާ ބާރުތައް އެއް ދިމާއަކަށް ޖަމާކުރައްވައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޑިމޮކްރެޓިކް ނިޒާމް "ފުނޑާލައްވަން" ހިންގަވާ އަމަލުތައް ހުއްޓާލައްވަން އެދިވަޑައިގެން އެމަނިކުފާނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ސިޓީއެއް މިއަދު ފޮނުއްވައިފި އެވެ.

މަސީހަށް ލަތީފްގެ ސިޓީއެއް: "ނިޒާމް ފުނޑާނުލައްވާ"!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

05 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވައިގެން، ހުރިހާ ބާރުތައް އެއް ދިމާއަކަށް ޖަމާކުރައްވައި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޑިމޮކްރެޓިކް ނިޒާމް "ފުނޑާލައްވަން" ހިންގަވާ އަމަލުތައް ހުއްޓާލައްވަން އެދިވަޑައިގެން އެމަނިކުފާނަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ސިޓީއެއް މިއަދު ފޮނުއްވައިފި އެވެ.

އެ ސިޓީގައި ލަތީފް ވަނީ، މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ގޮތަށް މަޖިލިސް ތެރެއިން މަސީހު ހެއްދެވި "ގޯސްތައް" ހަނދާން ކޮށްދެއްވައިފަ އެވެ. މި އަމަލުތައް ހިންގެވީ މާތްﷲ ގަންދީ ކުރައްވައިގެން ހުންނެވި ހުވަޔާ ހިލާފަށް، އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ވެސް ފުށުއަރާ ގޮތަށް ކަަމަށް ވިދާޅުވެފައިވެ އެވެ.

މަސީހުގެ އަމަލުފުޅުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ޕީޕީއެމުން ވަކިވެވަޑައިގެންނެވި ލަތީފް ވިދާޅުވީ މަސީހުގެ މަގާމް ދިފާއުކޮށްދެއްވަން ތިން ފަހަރަށް އޭނާ ވޯޓު ދެއްވާފައިވާނެ ކަމަށެވެ. އެއީ ރިޔާސަތަށް އޭނާ ގެންނަވަން ދެއްވި ވޯޓާއި، އިތުރުބާރު އޮތް ކަމަށް ދެއްވި ވޯޓާއި ރިޔާސަތާ ދެކޮޅަށް މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއި އޮވެގެން ކަމަށް ކަނޑައެޅި ބަދަލަށް ދެއްވި ވޯޓު ކަމަށް ވިދާޅުވި އެވެ.

ލަތީފު ވިދާޅުވި ގޮތުގައި މަސީހު ހިމާޔަތްކުރަން އެންމެ ފަހު ދެ ފަހަރު ވޯޓު ދެއްވުމަކީ ކިހާ ބޮޑު ގުރުބާނީއެއްކަން އެ އޮތީ މަޖިލީހުގެ ރެކޯޑުތަކުން ފެންނާށެވެ.

މަޖިލީހުގެ މެމްބަރުންނަށް އިމްތިޔާޒުތަކެއް ލިބިފައިވާއިރު ވެސް މެމްބަރުން ފަހައި ސަރުކާރުން ދުވާއިރު މަސީހު "ހަނުހުންނަވަނީ" ކޮން ބޭފުޅެއްގެ ބަހަށް ހެއްލިގެންތޯ ސިޓީގައި އޭނާ ސުވާލު ކުރައްވާފައިވެ އެވެ.

އެއްވެސް ކަމަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތް ނުކުރައްވައި މަގާމުގައި ދެމިހުންނެވީ އެއްވެސް މަޖުބޫރީ ހާލަތެއް މެދުވެރިވެގެންތޯ ވެސް ސުވާލުކުރެއްވި އެވެ.

"ތިޔަ ގޮތަށް ހުންނަވައިގެން ހުރިހާ ބާރުތަކެއް އެއް ދިމާއަކަށް ޖަމާކޮށް ދެއްވަމުން ގެންދަވަނީ، ރައްޔިތުންނަށް އެއްވެސް އިޚްލާސްތެރިކަމެއް ނެތި އަދި ކުރައްވައިގެން ހުންނެވި ހުވަޔާ ޚިލާފަށް ނޫންތޯ އެވެ. މަނިކުފާނު މަސައްކަތްޕުޅު ކުރައްވަމުން ތިޔަ ގެންދަވަނީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ހެދިފައިވާ ގަވާއިދުތަކާ ވެސް ފުށުއަރާ ގޮތަށް ނޫންތޯ އެވެ. އެހެންކަމަށް ވުމާ އެކު ތިޔަ މަގާމްގައި ހުންނަވައިގެން ތިޔަ ގޮތަށް ކަންކަން ކުރެއްވުމަށް ވުރެ މަނިކުފާނު އިންތިޚާބު ކުރެއްވި ދާއިރާ ތަމްސީލްކުރެއްވުން ބުއްދިވެރި ވާނެ ކަމަށް ގަބޫލުކުރެވޭތީ އެ ވާހަކަ ދެންނެވީމެވެ،" ލަތީފް ވިދާޅުވި އެވެ.

ބިދޭސީންނަށް ދިވެހިރާއްޖެ އިން ބިން މިލްކުކުރެވޭ އިސްލާހާ މެދު ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް ހުއްޓައި އަވަސް އަރުވާލައިގެން އެ ބިލް ފާސްކޮށްފައިވާ މައްސަލާގައި ވެސް މަސީހުގެ އިހުމާލު ބޮޑު ކަން ލަތީފް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ޒުވާނުން ބޭނުން ވަނީ ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއްގެ މަތީގައި ރާއްޖެ ދެމިއޮތުމަށް ކަމަށެވެ. އެ ނިޒާމް ހަރުދަނާ ވާނީ ރައްޔިތުންނާ މެދު ހަމަހަމަ އުސޫލަކުން ކަންކަން ކުރުމުގެ މަތިވެރި ރޫހު އެތަނެއްގައި އޮވެގެން ކަން ވެސް ފާހަގަކުރެއްވި އެވެ.

"މަނިކުފާނު ކަންކަން ކުރައްވާ ގޮތާ މެދު ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ ހިތްހަމަނުޖެހުން ބޮޑުވެ، ރިޔާސަތުގެ މައްޗަށް މެންބަރުންގެ އިތުބާރު ގެއްލެމުން ގޮސް ރައީސް ކަމުގެ މަގާމު ގެއްލޭ ހިސާބަށް ކަންތައްތައް ދިޔަ ނުދެއްވައި، ރީތި ގޮތުގައި އަދަބު އިހްތިރާމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުޞަތު އަދިވެސް އެބަ އޮތެވެ،" ލަތީފް ވިދާޅުވި އެވެ.

ޑިމޮކްރެޓިކް ނިޒާމެއް ފުރިހަމަވާނީ ސަރުކާރު ހިންގާ ޕާޓީ އާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ނުވަތަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބަޔަކު ތިބެގެން ކަމަށް ވެސް، ފާޑުވިދާޅުވެ މަސީހަށް މެމްބަރަކު ފޮނުއްވި ފުރަތަމަ ސިޓީގައި ލިއުއްވާފައިވެ އެވެ.

"މަނިކުފާނުގެ ނަޒަރުގައި އިދިކޮޅު މީހުންނަކީ ނެތް ބަޔެކެވެ. ހުރިހާ ވެސް ބަޔަކީ ޕީޕީއެމްގެ ސުޕަ މެޖޯރިޓީ ކަމަށް ގަބޫލުކުރެވުމެވެ. މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން އިދިކޮޅު މެންބަރުންނަށް އެއްވެސް ގަދަރެއް، އިހްތިރާމެއް ނެތި ހިތުހުރިހައި ގޮތަކަށް ކަންކަން ކުރައްވަމުން، އެމީހުންގެ އަޑު ކަނޑުވާލަމުން ތިޔަ ގެންދަވަނީ ޕީޕީއެމް މަޖިލީހުގެ މެންބަރުން އައްޑަނައަކަށް ހައްދަވައިގެން ނޫންތޯ އެވެ،" ލަތީފް ވިދާޅުވި އެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.