Roadha Mihaaru
އައިހެވަންގެ މާސްޓަ ޕްލޭން މިމަހު ނިމޭނެ

އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން މިމަހު ނިމޭނެ: މިނިސްޓަރު ސައީދު

06 ޖުލައި 2017

އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން މި މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެ އިތުރުން އެ ތަނުގެ ފީސިބިލީ ސްޓަޑީ ވެސް ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އައިހެވަން މަޝްރޫއުގެ މާސްޓާ ޕްލޭން މި މަހުގެ ތެރޭގައި ނިމޭނެ ކަމަށާއި އޭގެ އިތުރުން އެ ތަނުގެ ފީސިބިލީ ސްޓަޑީ ވެސް ނިމިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި "މިހާރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެތަނުގެ މާސްޓަ ޕްލޭންގެ ތަފުސީލްތައް މި މަހުގެ އާއްމުކުރައްވާނެ ކަމަށެވެ.

"އައިހެވަންގެ މާސްޓަޕްލޭންގެ މަސައްކަތް ޖުލައި މަސް ނިމުމުގެ ކުރިން ނިމޭނެ. ނިމޭ އިރުގައި އަޅުގަނޑުމެން މީޑިއާ އަށް ހިއްސާ ކޮށްލާނަން. ނިމޭއިރުގައި އަޅުގަނޑުމެންނަށް ހުރިހާ ޑީޓެއިލެއް އެނގޭނެ،" އެ މަޝްރޫއު ފެށުން ލަސްވާ ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މާސްޓަ ޕްލޭން ނިމޭއިރު އެތަނުގެ މަގުތައް ހަދާނެ ގޮތްތަކާއި ބަނދަރާއި އެއާޕޯޓް އޮންނާނެ ތަނާއި ފެހި ކުރާނެ ސަރަހައްދުތަކާއި ހުސް ބިމާއި އިންޑަސްޓްރިއަލް މަސައްކަތްކުރާނެ ސަރަހައްދުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.

"އެ މަސައްކަތަށް ކުޑަވެސް ބުރުލެއް ނާރާ. ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެން ޖުލައި މަސް ނިމުމުގެ ކުރިން މާސްޓާ ޕްލޭންގެ ހުރިހާ ކަމެއް ނިމޭނެ. ދެން އޮންނާނީ މަސައްކަތް ފެށުން،" ސައީދު ވިދާޅުވި އެވެ.

އައިހެވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ ހަވާލުކުރީ މިދިޔަ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.

މިއަހަރުގެ ބަޖެޓްގައި އެސްއީޒެޑް މަޝްރޫއުތަކުން ލިބޭނެ ކަމަށް ހިމަނާފައިވާ ކަންތައްތަކުން ލިބޭނެ އާމްދަނީއާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެސްއީޒެޑަށް ކަނޑައެޅިފައި ހުރި އާމްދަނީން މިއަހަރު ނިމުމުގެ ކުރިން ވަރަށް ބޮޑު ބައެއް ލިބޭނެ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި 23 ވަނަ ރައީސް އަބްދުﷲ ޔާމީން ހއ. ހޯރަފުއްޓަށް ވަޑައިގެން ވިދާޅުވީ ރާއްޖޭގެ ޗާޓު ބަދަލުވާ ފަދަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށާއި އައިހެވަން މަޝްރޫއު ހަގީގަތަކަށް ހެދުމަށް މި އަހަރު ބިން ހިއްކަން ފަށާނެ ކަމަށެވެ.

"އެސްއީޒެޑަށް އެކަށައެޅި އާމްދަނީ އަހަރު ނިމުމުގެ ކުރިން ވަރަށް ބޮޑުތަން ރިއަލައިޒް [ހަގީގަތަކަށް]ވާނެ،" ސައީދު ވިދާޅުވި އެވެ.

ފޮރިން އިންވެސްޓްމަންޓްތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ކ. އެނބޫދޫފަޅު ހިއްކުމުގެ 700 މިލިއަން ޑޮލަރުގެ މަޝްރޫއަކާއި ތުލުސްދޫ ކައިރީގައި މިހާރު ވެސް 800 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަމުން އަންނަ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމަންޓްތަކަށް ކަނޑައެޅި މިންވަރު މިހާރު ވެސް ހާސިލްވެފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.