Roadha Mihaaru
މާޒިޔާ އިން ރުމޭނިއާ ޑިފެންޑަރު ކޯޑޯސް ދޫކޮށްލައިފި

މާޒިޔާ އިން ރުމޭނިއާ ޑިފެންޑަރު ކޯޑޯސް ދޫކޮށްލައިފި

08 ޖުލައި 2017

މާޒިޔާގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް އެ ޓީމުން ދޫކޮށްލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާޒިޔާގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް އެ ޓީމުން ދޫކޮށްލައިފި އެވެ.

ރޫމޭނިއާގެ ޔޫތު ގައުމީ ޓީމުތަކުން ފާހަގަކުރެވި އަދި ފަހުން އެ ގައުމުގެ އެންމެ ވަރުގަދަ ކްލަބްތަކަށް ކުޅެފައިވާ ކޯޑޯސް ދޫކޮށްލަން މާޒިޔާ އިން ނިންމީ އޭނާ އެދުމުން ކަމަށް އެ ޓީމުގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ވަނީ ބުނެފަ އެވެ.

"މެއި 31 ވަަނަ ދުވަހު ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކޯޑޯސް އެދުނު އޭނާގެ އާއިލާ ގާތަށް ދިއުމަށް. މާޒިޔާ އިން އެ ފުރުސަތު ދިން. ދެން ޓީސީ މެޗަށް ފަހު އޭނާ ބުނި ކްލަބް ދޫކޮށްލަން ބޭނުން ކަމަށް. އެ ހިސާބުން މެނޭޖްމަންޓް ވެސް އަހަރެން ވެސް ކުޅުންތެރިއާގެ ނިންމުމަށް އިހުތިރާމްކޮށް އެ ފުރުސަތު ދިނީ،" ލީގުގައި ވެލެންސިއާއާ ދެކޮޅަށް މާދަމާ ހަވީރު ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެކުލޮސްކީ ބުންޏެވެ.

މި ސީޒަނުގައި މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައި އޭއެފްސީ ކަޕާއި އެސްޓީއޯ މާލޭ ލީގުގައި ކުޅުނު މެޗުތަކު ޓީމުގެ ފަހަތުގައި ކޯޑޯސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސެކުލޮސްކީ ބުނީ ކޯޑޯސް ނެތިސް އެ ޓީމުން ވަރުގަދަ ދެ މެޗެއް ކާމިޔާބުކުރި ކަމަށާއި އޭނާ ނެތުމަކީ މާ ބޮޑު މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

"މާލޭ ލީގުގެ ފުރަތަމަ ބުރުގައި އަހެރެމެން 1-0 އިން ވިކްޓަރީ ބަލިކުރީ ކޯޑޯސް ނެތި. އޭއެފްސީ ކަޕްގައި ކަލްކަތާގައި މޯހަން ބަގާން 1-0 އިން ބަލިކުރި މެޗުގައި ވެސް ކޯޑޯސް ނުކުޅޭ. އެ ދެ މެޗުގައި ވެސް ބަދަލުގައި ނުކުތް ކުޅުންތެރިން ތަފާތު ދެއްކި. އެ ހިތްވަރު ކުރިއަށް އޮތް މެޗުތަކުގައި ވެސް ފެންނާނެ،" އޭނާ ބުންޏެވެ.

އުމުރުން 28 އަހަރުގެ ކޯޑޯސް ވަނީ އެ ކްލަބާ އެކު ރޫމޭނިއާގެ ދެ ވަނަ ޑިވިޝަނާއި ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ. އޭގެ ފަހުން 2009 އިން 2011 އަށް އިޓަލީގެ ދެ ވަނަ ޑިވިޝަނުގެ ފްރޮސިނޯނޭ ކުޅުނެވެ. އެ ކްލަބުގެ ޖާޒީގައި އޭނާ ވަނީ 2011 ވަނަ އަހަރު އިޓާލިއަން ކަޕުގެ ފުރަތަމަ ބުރުގައި ޕޮމިގްލިއާނޯ އާއި މޮޑޭނާއާ ދެކޮޅަށް ފުލްކޮށް ކުޅެފަ އެވެ.

އިޓަލީ އަށް ފަހު ކޮޑޯސް އެނބުރި ރޫމޭނިއާ އަށް އެ ގައުމުގެ ފުރަތަމަ ޑިވިޝަނުގެ ޓާގޫ މުރޭސް އަށް 2010-2012 އަށް ކުޅުނެވެ. އެއަށް ފަހު 2012 ވަނަ އަހަރު އެ ގައުމުގެ ވަސްލުއިޖް އަށް ބަދަލުވެ، ޔޫރަޕުގެ ދެ ވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔުރޮޕާ ލީގުގެ ޕްލޭއޮފުގައި އިޓަލީގެ ގަދަބާރު އިންޓަ މިލާނާ އެ ޓީމުގެ ދަނޑުގައި ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ކުޅުނެވެ.

ކޯޑޯސް މާޒިޔާ އަށް މި އަހަރު ސޮއިކުރީ ރުމޭނިއާގެ ދެ ވަނަ ޑިވިޝަން ކްލަބްތަކުން ހުށަހެޅުން ލިބިފައިވަނިކޮށެވެ. މި ދުވަސްވަރަކީ ޔޫރަޕްގެ ޓްރާންސްފާ މާކެޓް ހުޅުވިފައިވާ ދުވަސްވަރު ކަމަށްވުމުން ބެލެވޭ ގޮތުގައި ކޯޑޯސް މާޒިޔާ ދޫކޮށްލީ އެ ގައުމުގެ ކްލަބަކާ ގުޅުމަށެވެ.