Roadha Mihaaru
"އަނިލް އުޅުއްވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން"

ބަންޑާރަ ނައިބު މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން: އިދިކޮޅު މެމްބަރުން

13 ޖުލައި 2017

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މައްސަލަ ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޕާޓީން ވަކިވާ އަދި ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހަދަން ސުޕްރީމް ކޯޓަށް، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް މައްސަލަ ހުށަހަޅުއްވާފައިވަނީ ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ރޭ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިިކޮޅު ޕާޓީތަކުގެ 29 މެމްބަރަކު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހުރިހާ މެމްބަރުންހެން ވަނީ ބަންޑާރަ ނައިބުގެ މި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. އަދި މެމްބަރުން ވަކިވާނެ ގޮތް ގާނޫނު އަސާސީގައި ސާފުކޮށް ބުނެފައިވާއިރު، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމު ކޯޓަށް ހުށަހެޅުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމުގެ ކަމެއް ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ޖުމްހޫރީީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީގައި ސީދާ ވަކި ގޮތަކަށް ބުނެފައި އޮތް ކަމެއް، އެއާ އިދިކޮޅަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ނިންމާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި ސާފު އިބާރާތުން "ބްލެކް އެންޑް ވައިޓުން" ލިޔެފައިވާ ކަމެއް، ގާނޫނާ ހިލާފަށް ނިމިގެން ހިނގައިދާނެ ކަމަށް ހީނުކުރައްވާ ވެސް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ އެންމެ އިސް އެއް ލީޑަރު ގާސިމް --ފޮޓޯ/ނިޝާން އަލީ/މިހާރު

އިދިކޮޅު ފަރާތްތަކުގެ އެންމެ އިސް އެއް ލީޑަރު ގާސިމް --ފޮޓޯ/ނިޝާން އަލީ/މިހާރު

"އަޅުގަނޑު ދެކޭ ގޮތުގައި އެ މައްސަލަ ސުޕްރީމު ކޯޓުން އެ ބަލަނީ ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ސުޕްރީމު ކޯޓަށް ހުށަހެޅުއްވީމައި. އެކަމަކު އަޅުގަނޑު ޔަގީންކުރަނީ އެ މައްސަލަ ނިމިގެންދާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް،" ގާސިމް ވިދާޅުވި އެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމު ކޯޓަށް ގާނޫނު އަސާސީން ލިބިދޭ ހަމައެކަނި ބާރަކީ މަޖިލީހަށް ކުރިމަތިލާ މެމްބަރެއްގެ ޝަރުތު ހަމަވޭތޯ ބެލުމާއި އުނިވެއްޖެ ނަމަ އެކަން ބަލައި ގޮތެއް ނިންމުން ކަމަށެވެ. އެކަމަކު އިތުރު ޝަރުތުތަކެއް ކޮށް، މެމްބަރުކަމުން ވަކިވީތޯ ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީން ސުޕްރީމު ކޯޓުން ލިބިދީފައި ނުވާއިރު އެކަން އެނގިވަޑައިގެން ހުންނަވައި ކޯޓަށް މައްސަލަ ހުށަހެޅުއްވުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން އަނިލް ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އޮންނަ ގޮތުން، މަޖިލީހުގައި ނަގާ ވޯޓަކުން، ދައްކާ ވާހަކައަކުން އެއްވެސް މެމްބަރަކާ މެދު ފިޔަވަޅެއް ނޭޅޭނެ. އަދި ތަހުގީގުކޮށް ބަންދެއް ވެސް ނުކުރެވޭނެ. މިހެން އޮއްވެ، ޕާޓީއަކުން ނެރޭ ވިޕްލައިނަކާ ހިލާފަށް ވޯޓުލާ މެމްބަރެއްގެ މެމްބަރުކަން ގެއްލޭނެ އެއްވެސް ގޮތެއް ގާނޫނު އަސާސީއަކު ނެތް،" ކޯޓުން އެ ފަދަ ގާނޫނާ ހިލާފު ނިންމުމެއް ނިންމާނެ ކަމަށް ގަބޫލު ނުކުރައްވާނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް (ކ) އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ-- --ފޮޓޯ/ނިޝާން އަލީ/މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް (ކ) އާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެ ވަޑައިގަންނަވަނީ-- --ފޮޓޯ/ނިޝާން އަލީ/މިހާރު

ދުސްތޫރީ އެ މައްސަލައިގެ ތެރެއަށް ވަންނަވަން ހުށަހަޅުއްވާފައިވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ އެޓާނީ ޖެނެރަލްގެ ނިންމުމާ ގުޅޭ ގޮތުން ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ގާނޫނު އަސާސީ އާއި ސުޕްރީމު ކޯޓުގެ ނިންމުން ތަފާތު ވެއްްޖެ ނަމަ ރައްޔިތުން އޭގެ ތެރޭން ގަބޫލުކުރާނީ ކޮން ނިންމުމެއްތޯ ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު މި މައްސަލަ އޮތް ގޮތުން، ހުރިހާ ބާރެއް ލިބޭނީ ޕާޓީތަކަށް ކަމަށާއި އޭގެ ސަބަބުން މެމްބަރުންގެ ދައުރު ހަނިވެ، ރައްޔިތުން އެދޭ ގޮތަށް ވޯޓުލުމުގެ ހައްގު ވެސް ނިގުޅައިގަނެވޭނެ ކަމަށެވެ.

"މަޖިލީހުގެ މެމްބަރުން އިހްތިޔާރު ކުރަނީ ޕާޓީއަކުންނެއް ނޫން. ނޫނީ އެ މެމްބަރަކު ހޮވަން ވޯޓު ދޭނީ ވަކި ޕާޓީއެއްގެ މީހުންނެއް ވެސް ނޫން. އެކަމަކު މިހާރު އޮތް ގޮތުން ރައްޔިތުން ބޭނުންވާ ގޮތަކަށް ވޯޓެއް ނުލެވޭނެ. މީގެ ސަބަބުން ރައްޔިތުންގެ ވެސް ވަރަށް ގިނަ ހައްގުތަކެއް އެބަ ގެއްލޭ،" މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެމްބަރު ވިދާޅުވި އެވެ.

ރޭ ކުނޫޒުގައި އޮތް އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނާރާ (ކ) އާއި ވައްޑެ ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ނިޝާން އަލީ/މިހާރު

ރޭ ކުނޫޒުގައި އޮތް އިދިކޮޅު ފަރާތްތަކުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަނާރާ (ކ) އާއި ވައްޑެ ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ/ނިޝާން އަލީ/މިހާރު

ދައުވާ ލިބޭ ފަރާތެއް ނެތި، އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި އެޓާނީ ޖެނެރަލްގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ދެން އޮންނާނީ ހުކުމް ކުރުން ކަމެއް ނުވަތަ އިތުރު އަޑުއެހުމެއް ކަމެއް ފަނޑިޔާރުންގެ ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.