Roadha Mihaaru
ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!

ޕީޕީއެމް އަދިވެސް ގޮތް ދޫކުރާކަށް ނުވޭ!

18 ޖުލައި 2017

ޕީޕީއެމް އުފެއްދިތާ އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައުމަކީ އެ ޕާޓީން ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ކަންކަން ތަރުތީބުވިލެއް ފުރިހަމަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުން ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް ލިބުނެވެ. މިއާ އެކު، ޕީޕީއެމް ވެގެން ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމް އުފެއްދިތާ އަހަރު ދުވަހުގެ ތެރޭގައި ވެރިކަމަށް އައުމަކީ އެ ޕާޓީން ހޯދި ފަޚުރުވެރި ކާމިޔާބީއެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީޕީއެމްގެ ކަންކަން ތަރުތީބުވިލެއް ފުރިހަމަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުން ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ވެސް ލިބުނެވެ. މިއާ އެކު، ޕީޕީއެމް ވެގެން ދިޔައީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އަށެވެ.

އެކަމަކު މި ފަޚުރު ދެމެހެއްޓުނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހަށެވެ. ގަދަ ކަނޑަކުން އަމާން މަންޒިލަކަށް ދަތުރު ކުރި ޕާޓީގެ މިސްރާބު މުޅިން ގޯސްވި އެވެ. ސަބަބަކީ، ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއްވެސް ދައުރެއް ނެތް ބަޔަކު ޕާޓީއަށް "އަތްގަދަ ކުރުމެ"ވެ. އެ މައްސަލަ ހައްލު ނުވެ، ކުރިމަތިވި ކަންކަމުން ޕާޓީ މިހާރު އޮތީ ވިއްސިވިހާލިވެފައި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ގިނަ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާއި ކޮމެޓީތަކުގެ ގަވާއިދުތަކަށް ވެސް ގިނަ ކަންކަމުގައި އަމަލެއް ނުކުރެ އެވެ. ޕާޓީ އަށް ވެރިކަން ހޯއްދަވައި ދެއްވި، މައުމޫން ވަނީ ޕާޓީން އެކަހެރިކޮށްފަ އެވެ. ޕާޓީގެ ހިންގުން މުސްތަޝާރު، ރައީސް ޔާމީންއާ، ހަވާލުކޮށްފައިވާއިރު، ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެއީ ޕާޓީ ހިންގުމުގެ އެއްވެސް ދައުރެއް އޮންނަ ބޭފުޅެއް ނޫނެވެ.

ކައުންސިލް އިންތިހާބާ ކުރިމަތިވީ މި ކޯޅުންގަނޑުގެ ތެރޭގަ އެވެ. ދައުރުގެ މެދު ތެރެއިން ބޭއްވި އެ އިންތިހާބު ޕީޕީއެމަށް ނާކާމިޔާބުވީ އެވެ. އެ ޕާޓީން ނެރުނު ގިނަ ކެންޑިޑޭޓުން ރައްޔިތުން ބަލައެއް ނުގަތެވެ. އެއާއެކު، ޕާޓީ ތެރޭގައި ދެން ނެގި ރާޅު ވަކިން ބޮޑެވެ.

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ 10 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފައި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ވަރުގަދަ ޕާލަމެންޓްރީ ގްރޫޕް ވެސް ބައިބައިވެ، މަޖިލީހުގައި ސަރުކާރަށް އޮތް ސާފު އަޣުލަބިއްޔަތު ވެސް ގެއްލިއްޖެ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެގެން، ޕީޕީއެމްގެ ހަތަރު މެމްބަރަކު ޕާޓީން ވަކިކުރި އެވެ. އޭގެ ފަހުން 10 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތީ، އެ މެމްބަރުން ވިދާޅުވާ ގޮތުގައި، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ސަރުކާރުން ކުރަމުންދާ ކަންކަމާ "ކެތް ނުކުރެއްވިގެންނެ"ވެ. މިހާ ގިނަ މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގަތުމަކީ ސަރުކާރާއި ޕާޓީ އަށް ވެސް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެކެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ޚިޔާލު ތަފާތުވުންތަކާއި އިތުބާރުގެ މައްސަލަ އަދިވެސް އިންތިހާ އަށް ބޮޑެވެ. ލީކުވެފައިވާ ވައިބާ މެސެޖުތަކުން އެކަން ސާފެވެ. އެ ގްރޫޕް ތެރޭގައި މެމްބަރުންގެ ޒުވާބު ބޮޑުވެ، އެކަމާ ހިތްޕުޅުހަމަޖެހިވަޑައިނުގެން ރައީސް ޔާމީން އެ ގްރޫޕުން ނިކުމެވަޑައިގަންނަވަން ވެސް އުޅުއްވި އެވެ.

މި ހާލަތުގައި، އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ވެދާނެތޯ އުފައްދާ ސުވާލު އަދި ބާއްވާށެވެ!

މައުމޫން ބޭރުކޮށްލުން، ބޮޑު ގޯހެއް!

ސަރުކާރު ހިންގަވާ ގޮތާ ދުވަހުން ދުވަހަށް މައުމޫން "ބެހިވަޑައިގަތުމަކީ" ރައީސް ޔާމީނަށް ގަބޫލުފުޅު ކުރެއްވުނު ކަމަކަށް ނުވި އެވެ. ސަރުކާރުގެ ސިޔާސަތުތަކާއި ޕާޓީީ ހިންގާ ގޮތާ ވެސް މައުމޫން ހިތްޕުޅާ ހަމަޖެހިވަޑައިނުގެން ދެއްކެވި ވާހަކަތައް ރައީސް ޔާމީން ގަބޫލުފުޅުކުރައްވާކަށް ބޭނުންފުޅެއް ނުވި އެވެ. އޭރު ވެސް އަދި މިހާރު ވެސް ރައީސް ޔާމީންގެ އަރިސް ބޭފުޅުން ވިދާޅުވީ މައުމޫންގެ ފާޑުވިދާޅުވުންތަކުގައި "ފޮރުއްވާފައި ވަނީ އަމިއްލަފުޅު އެދުމެއް" ކަމަށެވެ.

ދެ ބޭފުޅުންގެ ދެމެދު އޮތް މައްސަލަ އާއްމުންނާ ހަމައަށް އެންމެ ސާފުކޮށް ތިލަވީ، ބިދޭސީންނަށް ބިން ވިއްކޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅުމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމްގެ ތެރެއިން އިސްލާހު ގެންނަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައި. ---މިހާރު ފޮޓޯ: ހުސައިން ވަހީދު

އިދިކޮޅު ފަރާތްތަކުގެ ޖަލްސާއެއްގައި މައުމޫން ބައިވެރިވެވަޑައިގަންނަވަނީ: ޕީޕީއެމްގެ ތެރެއިން އިސްލާހު ގެންނަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފައި. ---މިހާރު ފޮޓޯ: ހުސައިން ވަހީދު

މައުމޫން ޕާޓީން ވަކިކުރުމަށް ފަހު، އެމަނިކުފާނަށް ނިސްބަތް ކުރައްވައި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ؛ ޕީޕީއެމްގައި "ވަކި ބޭފުޅަކު ނެތުމުން ޕާޓީ އަށް އެއްވެސް ހީނަރުކަމެއް ނާންނާނެ" އެވެ. އެކަމަކު ޕީޕީއެމްގައި މައުމޫނުގެ މަގާމް، ކައުންސިލް އިންތިހާބުގެ ނަތީޖާ އިން އެ އޮތީ ފެންނަން ކަމަށް ޕީޕީއެމްގެ ބައެއް އެހެން މެމްބަރުން ވިދާޅުވެ އެވެ.

ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދީ އިިދިކޮޅު އިއްތިހާދުގެ އެހީގައި އެމްޑީޕީންނެވެ. އޭގެ ތެރޭގައި، ޕީޕީއެމްގެ ސާފު އަޣުލަބިއްޔަތު އޮންނަ ރަށްތައް ވެސް ހިމެނެ އެވެ.

މެމްބަރުންގެ އަޑެއް ނޭހި، ނަތީޖާ ވަރަށް ހިތި!

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ހާލަތެވެ. އެ ގްރޫޕުގެ ތެރޭގައި "ހުޅު" ފަޅައިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ހިސާބުންނެވެ. އެކަމަކު އޭގެ މާ ކުރިން ވެސް އެ ގްރޫޕްގެ ތެރޭގައި ވަނީ ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ.

ސަރުކާރުން ހުށަހެޅި ބައެއް ބިލްތަކާ މެމްބަރުން ފާޅުގައި ދެކޮޅު ހެއްދެވި އެވެ. އެ ހިތްހަމަނުޖެހުންތަކާ އެކު ވެސް ސަރުކާރުން އެދުނު ހުރިހާ ކަމެއް މަޖިލިސް ތެރެއިން މެމްބަރުން ކުރެއްވިއިރު، މެމްބަރުން މައްސަލަތަކަށް ހައްލު ހޯދައި ދީފައި ނުވާ ކަމަށް ޕާޓީން ވަކިވެވަޑައިގަތް މެމްބަރުން ވިދާޅުވެ އެވެ. އެ ބޭފުލުން ވިދާޅުވާ ގޮތުގައި މެމްބަރުން ތަމްސީލް ކުރައްވާ ދާއިރާތަކުގެ ރައްޔިތުންގެ އިހްސާސްތައް ހުރި ގޮތް ޕީޕީއެމްގެ އިސް ބޭފުޅުންނަށް އެކި ގޮތްގޮތުން ހިއްސާކުރެއްވި އެވެ. ވަޒީރުންގެ އެއްބާރުލުމަށް އެދިި "އާދޭސް" ދެންނެވި އެވެ. މެމްބަރުން ބޭނުންވާ ކަންކަން ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދެއްވަން ތަކުރާރުކޮށް ޕާޓީގެ ލީޑަޝިޕްގައި އެދިވަޑައިގެންނެވި އެވެ.

ރައީސް ޔާމީނާއި މަޖިލިހުގެ ރައީސް މަސީހް: މަޖިލީހުގެ ރައީސް ކަމުގައި މަސީހު ހުންނެވުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި އަދިވެސް ޚިޔާލުތަފާތުވުން ބޮޑު.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ރައީސް ޔާމީނާއި މަޖިލިހުގެ ރައީސް މަސީހް: މަޖިލީހުގެ ރައީސް ކަމުގައި މަސީހު ހުންނެވުމާ މެދު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި އަދިވެސް ޚިޔާލުތަފާތުވުން ބޮޑު.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކޮށްދޭން މެމްބަރުން ވޯޓު ދެއްވަނީ އެ ހުށަހަޅާ ބިލަކާ ގުޅިގެން ނުވަތަ އެ ކުރާ ކަމަކާ ގުޅޭ ގިނަ ސުވާލުތަކަށް ޖަވާބު ނުލިބި. ކޮންމެ ވޯޓަކަށް ވެސް ރައީސް ޔާމީން މެމްބަރުންނާ ބައްދަލުކުރައްވައި އެ ދެއްވާ ޔަގީންކަމާއި އިތުބާރާ އެކު މެމްބަރުން އެއްބާރުލުން ދެއްވާ،" ޕީޕީއެމުން ވަކިވެވަޑައިގަތް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވި އެވެ.

"އެކަމަކު ކަރަންޓާއި ކާޑުގެ އަގު ބޮޑުކުރުމުން އިންތިހާ އަށް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި. އެ ކަންބޮޑުވުންތައް މާ ބޮޑު ކަމަކަށް ޕީޕީއެމްގެ ލީޑަޝިޕުން ނުހެދިއިރު، އެއީ ސީދާ ރައްޔިތުންނާ ގުޅިފައިވާ ކަންކަން. މިފަދަ ގިނަ ކަންކަމަށް ހައްލު ހޯދައި ދެއްވަން ނޫޅުމަކީ މައްސަލައެއް."

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ހަމައަށް ދަނީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވި ނުފޫޒު ގަދަ މަދު ބޭފުޅުންތަކެއްގެ އަޑެވެ. ދެން ތިއްބެވި މެމްބަރުންގެ ޝަކުވާ އަޑުއަހައި، ޚިޔާލުތަފާތުވުން ހައްލުކުރާކަށް ޕީޕީއެމްގެ ލީޑަޝިޕުން ބޭނުން ނުވީ އެވެ. އޭގެ ނަތީޖާ ފެނުނީ، ޕާޓީ އަށް ވަރަށް ހިތްދަތި ގޮތަކަށެވެ. މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އިދިކޮޅު ފަރާތްތަކާ ގުޅުނީ އެވެ. މިއާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު ވެސް އެ އޮތީ އިދިކޮޅު ފަރާތްތަކަށް ލިބިފަ އެވެ.

"މަސީހު ވަކިކުރަން ސޮއި ނުކުރައްވައި ޕާޓީ ތެރޭގައި ތިއްބެވި މެމްބަރުންގެ މާ ނުތަސްވަންކަން ބޮޑު. އަދިވެސް ބަލަނީ ފިއްތައި ގަދަބާރުން މެމްބަރުން ލައްވައި ކަންކަން ކުރުވަން. އެގޮތަށް ދީލައިގެން ރައީސް ޔާމީން އަރިހުގައި މާ ގިނަ މެމްބަރުންނެއް ދެން ނުތިއްބަވާނެ،" ޕީޕީއެމުން ވަކިވެވަޑައިގަތް މެމްބަރަކު ވިދާޅުވި އެވެ.

ޕާޓީގެ މިސްރާބު ބަދަލުކުރަން ޖެހޭ!

ވެރިކަން ކުރާ ޕާޓީ ބަލިކަށިވުމަކީ ސަރުކާރު ބަލިކަށިވުމެވެ. ޕީޕީއެމްގެ އެތެރޭގައި އެއްވެސް މައްސަލައެއް އުޅޭ ކަމަށް އެ ޕާޓީގެ ލީޑަޝިޕުން ގަބޫލެއް ނުކުރެ އެވެ. މަޖިލިހުގެ 10 މެމްބަރަކު ޕާޓީން ވަކިވެވަޑައިގަތުމުން ވެސް ގޯސްވީ އެ މެމްބަރުންނެވެ. ސަރުކާރާއި ރައްޔިތުންނަށް "ގައްދާރު ވެވަޑައިގަތް" ކަމުގެ ތުހުމަތު އެޅުވީ އެ މެމްބަރުންގެ އިސްތަށިފުޅުގަ އެވެ. މާނައަކީ އަދިވެސް ގޮތް ދޫކުރެއްވުމުގެ ވިސްނުމެއް ޕީޕީއެމްގެ ލީޑަޝިޕުގައި ނެތުމެވެ.

މި ތުހުމަތާ އެކު މެމްބަރުންނަށް "މަޖުބޫރުކޮށް ގަދަކަމުން" ޕާޓީގައި ބައިތިއްބަން ވެސް މަސައްކަތް ކުރަނީ އެވެ. މެމްބަރުން އަމިއްލަ އަށް ވަކިވެވަޑައިގަތުމުން ވެސް އަދި ވަކި ނުވާ ކަމަށް ވިދާޅުވެ އެކި ކޮމެޓީތަކުން މައްސަލަ ކުރިއަށް ގެންދަނީ އެވެ. މިއީ ޕީޕީއެމްގެ އަސާސީ ގަވާއިދާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ވެސް ޚިލާފަށެވެ. އެ މެމްބަރުން ޕާޓީން ވަކިވާން ސިޓީ ހުށަހެޅުއްވި ހިސާބުން މެމްބަރު ކަމުން ވަކިވީ އެވެ.

މި ހަގީގަތްތައް ޕީޕީއެމްގެ ލީޑަޝިޕުން ގަބޫލުކޮށް، ޕާޓީ އިސްލާހު ކުރާނެ ހެއްޔެވެ؟ ގަދަކަމުން މެމްބަރުން ޕާޓީގައި ތިބެން މަޖުބޫރު ކުރެވޭނެ ހެއްޔެވެ؟ ސަރުކާރާއި ޕާޓީގެ ސިޔާސަތުތަކަށް ގަދަކަމުން މެމްބަރުން ލައްވައި ވޯޓު ދެވޭނެ ހެއްޔެވެ؟ މިހާރު ހުރި މައްސަލަތައް ހައްލު ނުކޮށް، އިދިކޮޅު ހުރިހާ ޕާޓީތަކާ ދެކޮޅަށް ޕީޕީއެމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ހެއްޔެވެ؟