Roadha Mihaaru
މަސީހާ ދެކޮޅަށް ކުރި ސޮއި އަނބުރާ ނަގަން އަންގައިފި

މަސީހާ ދެކޮޅަށް ކުރި ސޮއި އަނބުރާ ނަގަން މެމްބަރުންނަށް އަންގައިފި

17 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއި ކުރައްވައި ޕީޕީއެމުން ވަކިވެވަޑައިގަތް 10 މެމްބަރަކު، ސޮއި އަނބުރާ ނެންގެވުމަށް އެ ޕާޓީން މިއަދު އެ މެމްބަރުންނަށް އަންގައިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރަން ސޮއި ކުރައްވައި ޕީޕީއެމުން ވަކިވެވަޑައިގަތް 10 މެމްބަރަކު، ސޮއި އަނބުރާ ނެންގެވުމަށް އެ ޕާޓީން މިއަދު އެ މެމްބަރުންނަށް އަންގައިފަ އެވެ.

ޕީޕީއެމުން ވަކިވެވަޑައިގަތް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ މަސީހާ ދެކޮޅަށް އޭނާ ކުރެއްވި ސޮއި މިރޭ 12:00 ގެ ކުރިން ނަގަން އަންގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު އެ އެންގުމަކީ ޕީޕީއެމަށް އެންގޭނެ އެންގުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ މިހާރު ޕީޕީއެމުގެ މެމްބަރެއް ނޫން. ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޕާޓީން ވަކިވާން ސިޓީ ހުށަހެޅި ހިސާބުން އަޅުގަނޑު ވަނީ ވަކިވެފައި. އެހެންވީމަ ސޮއި ނަގާކަށް ޕީޕީއެމަކަށް ނޭންގޭނެ،" ސައުދުﷲ ވިދާޅުވި އެވެ.

ޕީޕީއެމާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީން ވަކިވެވަޑައިގަތް މެމްބަރުންނަކީ ސައުދުﷲގެ އިތުރުން ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ އާއި ތިނަދޫ ދެކުނު ދާއިރާގެ މުހައްމަދު އަބްދުﷲ އާއި މަހިބަދޫ ދާއިރާގެ މުހައްމަދު ތޯރިގާއި ތިމަރަފުށި ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހެވެ.

ޕީޕީއެމުން ވަކިވި ކަން އަންގައި ސިޓީ ފޮނުވުމުން ޕާޓީން ވަކިވުމާ މެދު ޖަވާބެއް ނުދީ ޕާޓީން އެ މެމްބަރުންނަށް އަންގާފައިވަނީ އެ މެމްބަރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި ސުލޫކީ މައްސަލައެއް ބެލުމަށް ފަހު އަޅާ އެންމެ ބޮޑު ފިޔަވަޅަކީ ވެސް ޕާޓީން ވަކިކުރުން ކަމަށްވާ އިރު، އެ ބުނާ މައްސަލައެއް ބަލަން ފެށުމުގެ ކުރިން ޕާޓީން ވަކިވެފައިވާތީ އެ މެމްބަރުންނަކީ މިހާރު ޕީޕީއެމްގެ މެމްބަރުންނެއް ނޫނެވެ. އަދި ޕާޓީން ވަކިނުވާ ކަމަށް ބުނާ ނަމަ އެއީ އެ މެމްބަރުން "ހައިޖެކްކުރުމެއް" ކަމަށް ދެކެވަޑައިގަންނަވަ އެވެ.