Roadha Mihaaru
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް

ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް

18 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ބަލިވެ ވިކްޓަރީ ގަދަ ހަތަރަކުން ކެޓިއިރު. މި ނަތީޖާއާ އެކު ކްލަބް ގްރީން ސްޓްރީޓްސް އިން ގަދަ ހަތަރެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ. އަދި މި ނަތީޖާއާ އެކު ޓީސީ އަށް އުއްމީދު އާވިއިރު އެ ޓީމަށް ޖެހޭނީ މާދަމާ ހަވީރު ގްރީން އާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބް އަތުން 4-1 އިން ބަލިވެ ވިކްޓަރީ ގަދަ ހަތަރަކުން ކެޓިއިރު. މި ނަތީޖާއާ އެކު ކްލަބް ގްރީން ސްޓްރީޓްސް އިން ގަދަ ހަތަރެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ. އަދި މި ނަތީޖާއާ އެކު ޓީސީ އަށް އުއްމީދު އާވިއިރު އެ ޓީމަށް ޖެހޭނީ މާދަމާ ހަވީރު ގްރީން އާއި އީގަލްސް ކުޅޭ މެޗުގެ ނަތީޖާއަށް އިންތިޒާރުކުރާށެވެ.

ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ގްރީން ސްޓްރީޓްސް އަށް މިރޭގެ ނަތީޖާއާ އެކު ޕްރިމިއާ ލީގުން ފުރުސަތު ލިބުނީ އެ ޓީމަށް ވުރެ ކުރިއެރުމުގެ ފުރުސަތު އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމަ ކެޓުމާ ގުޅިގެންނެވެ. އެ ޓީމަށް ވުރެ ކުރިއަށް އެރުމުގެ ފުރުސަތު މިހާރު އޮތީ އީގަލްސް އަށް އެކަންޏެވެ.

ގްރީން ސްޓްރީޓްސް 24 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު އެ ޓީމާ އެކު ޕްރިމިއާ ލީގުން ފުރުސަތު ހޯދާފައިވަނީ 26 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އާއި ނިއު ރޭޑިއަންޓެވެ.

ފަހު ޖާގަ ލިބޭނެ ޓީމެއް އެނގޭނީ މާދަމާ ހަވީރު ގްރީން އާއި އީގަލްސް ކުޅޭ މެޗަށް ފަހު އެވެ. އެ މެޗުން ގްރީން މޮޅުވެއްޖެ ނަމަ އީގަލްސް ކަޓައި ޓީސީ އަށް ފުރުސަތު ލިބޭނެ އެވެ. އީގަލްސް ބަލިނުވެ ފަރުޖައްސާލައިފި ނަމަ އެ ޓީމަށް ޖާގަ ލިބި ޓީސީ ކަޓާނެ އެވެ. މި ވަގުތު 22 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތަރު ވަނައިގައި ޓީސީ އޮތްއިރު އީގަލްސް އޮތީ 22 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިރޭ މޮޅުވެގެން ޕްރިމިއާ ލީގުން ފުރުސަތު ލިބެން އޮތް ވިކްޓަރީ އޮތީ 22 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެ ޓީމަށް ދެން ޖެހޭނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގައެއް ކަށަވަރުކުރަން މާލޭ ލީގު ކޮލިފައިންގައި ވާދަކުރާށެވެ. މި ބުރުގައި ވާދަކުރާނީ ގަދަ ހަތަރަކުން ކަޓާ ހަތަރު ޓީމާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރެވެ. އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭނީ މީގެ ގަދަ ހަތަރު ޓީމަށެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މިރޭ ފެނިގެންދިޔައީ ޖުމްލަކޮށް ވަރަށް ގޯސް މެޗެއް ކަމަށާއި ވިކްޓަރީ އަށް މެޗުގެ ތެރެއަށް އެއްގޮތަކަށް ވެސް ނުވަދެވުނު ކަމަށެވެ.

"ޓީސީ ފެނުނީ މާބޮޑަށް ވެސް މޯޓިވޭޝަން ރަނގަޅުކޮށް. އަޅުގަނޑުމެންނަށް މިރޭ ފުރުސަތު އޮތްއިރު ވެސް އެފަޓެއް ނުލެވި މިދިޔައީ،" ބޮޑު ހަރަދެއްކޮށް ވަރުގަދައަށް ސީޒަނަށް ތައްޔާރުވި ޓީމުގެ ކޯޗު ސުޒޭން ބުންޏެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އެ ޓީމުން ކުރަން ޖެހޭ ކަންތައްކޮށްފި ކަމަށާއި ގަބޫލުކުރަނީ މާދަމާގެ މެޗަށް ފަހު ޓީސީ އަށް އެ ފުރުސަތު ލިބޭނެ ކަމަށް ކަމަށެވެ.

"މި ބުރުގެ ތިން ވަނަ މެޗުން ފެށިގެން ޓީސީން މި އަންނަނީ ވަރަށް ރަނގަޅަށް ކުޅެމުން. ކުޅުންތެރިން ވަރަށް ބުރަކޮށް މަސައްކަތްކުރޭ. މިރޭ ވެސް އަދި ކުރީ މެޗުގައި ވެސް ޓީސީން ކުރަން ޖެހޭ ކަންތައްކޮށްފައި މިއޮތީ. އެއީ މޮޅުވުން. ހައްގުވަންޏާ ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ ކަމަށް ގަބޫލުކުރަނީ،" ނިޒާމްބެ ބުންޏެވެ.

މިރޭގެ މެޗުގައި ވިކްޓަރީގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނުއިރު ޓީސީން ވަނީ 32 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ލަނޑުން ލީޑު ނަގައިފަ އެވެ. އޭގެ ފަހުން 37 ވަނަ މިނެޓުގައި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ލަނޑެއް ޖެހުމާ ގާތަށް ދިޔަ އެވެ.

ދެ ވަނަ ހާފު ފަށައިގެން 49 ވަނަ މިނެޓުގައި ޓީސީގެ ނާއިޒް ހަސަން (ދާދު) ގެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު އެ ޓީމުގެ އިއްބެ ވަނީ 55 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފަ އެވެ. މުހައްމަދު ސާމިރު ގޯލަށް ޖެހި ބޯޅަ ވިކްޓަރީ ކީޕަރު މަހްމޫދު އަލް ޔޫސުފް ބްލޮކްކޮށް ފޮނުވާލި ވަގުތު އިއްބެ ވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

ވިކްޓަރީ އަށް އުއްމީދެއް ލިބުނީ 75 ވަނަ މިނެޓުގައި ކެރިޗް އަންދްރޭ ޖެހި ލަނޑުންނެވެ. އެކަމަކު މި ލަނޑަށް ފަހު ވެސް އެ ޓީމަށް ކުޅެގަނެވޭ ގޮތްނުވިއިރު ޓީސީގެ މުހައްމަދު އައްޒާމް ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި މެޗު އަނެއްކާ ވެސް އަނބުރާލައިފަ އެވެ. އަދި 82 ވަނަ މިނެޓުގައި ޓީސީގެ ކޮނޭލިއަސް ސްޓެވާޓް ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ވައްދާލި ގޯލާ އެކު އެ ޓީމަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވި އެވެ.