Roadha Mihaaru
ޖުލައި 26 އަށް ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ އަށް

މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވަނީ

20 ޖުލައި 2017

އަންނަ ހަފުތާގައި ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

އަންނަ ހަފުތާގައި ރާއްޖޭގައި ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް، މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވާނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި އަންނަ އަންގާރަ ދުވަހު އެވެ.

މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ވެސް ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ޔާމީން ދައުވަތު އެރުވި އެވެ. އެކަމަކު އެ ދައުވަތު ގަބޫލުފުޅު ކުރެއްވި ފަހުން، ނަވާޒް ޝަރީފް ބައިޕާސްގެ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަތުމުން، ރާއްޖެ ވަޑައިނުގެންނެވުނީ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް 2015 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ގޮތަށް ވެސް ހަމަޖެހިފައި އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރެވެ. އެކަމަކު، އެ ގައުމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކު މަރުވުމާ ގުޅިގެން އެ ދަތުރުފުޅު ކެންސަލް ކުރެއްވީ އެވެ.

ނަވާޒް ޝަރީފްގެ ދަތުރުފުޅު ކެންސަލް ކުރެއްވުމުން، މިނިވަން 50ގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ އެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ ރައީސް އޮފީހުން ބުނި ގޮތުގައި، ޖުލައި 26 ވަނަ ދުވަހުގެ ރޭ 9:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. ރައީސް ޔާމީންގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން އޮންނާނީ ޖުލައި 27 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ގައުމާ މުހާތަބު ކުރައްވާ ގޮތަށް ވަނީ ނިންމަވައިފަ އެވެ.

މީގެ އިތުރުން، ގައުމީ ކެޑޭޓް ކޯ ގެ ފަރާތުން މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ޕެރޭޑާއި ރޫޓް މާޗް ޖުލައި 27 ވަނަ ދުވަހުގެ ހަވީރު މާލޭގައި އޮންނާނެ އެވެ.