Roadha Mihaaru
ނިއު ލީގަށް، ވިކްޓަރީ އަށް މުހިއްމު ޕޮއިންޓެއް

ނިއު ޕްރިމިއާ ލީގަށް، ވިކްޓަރީ އަށް މުހިއްމު ޕޮއިންޓެއް

08 ޖުލައި 2017

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ވިކްޓަރީ 1-1 އިން އެއްވަރުވެ، ނިއު ދިވެހި ޕްރިމިއާ ލީގުން ޖާގަ ކަށަވަރުކުރިއިރު ވިކްޓަރީން ވެސް ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ރޭހުގައި މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި ވިކްޓަރީ 1-1 އިން އެއްވަރުވެ، ނިއު ދިވެހި ޕްރިމިއާ ލީގުން ޖާގަ ކަށަވަރުކުރިއިރު ވިކްޓަރީން ވެސް ޕްރިމިއާ ލީގުން ޖާގަ ހޯދުމުގެ ރޭހުގައި މުހިއްމު ޕޮއިންޓެއް ހޯދައިފި އެވެ.

ނިއު 25 ޕޮއިންޓް ހަމަކޮށް ގަދަ ހަތަރެއް ކަށަވަރުކުރިއިރު ދެން އެ ފުރުސަތު ހޯދާފައިވަނީ 25 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތް މާޒިޔާ އެވެ. ގަދަ ހަތަރެއް ކަށަވަރުވި ނަމަވެސް މި މެޗުން ނިއު އަށް މޮޅުނުވެވުމުން އެ ޓީމަށް ވަނީ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

ވިކްޓަރީން 19 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އެރިއިރު މިއީ ގަދަ ހަތަރެއް ކަށަވަރުކުރަން އެ ޓީމުން ހޯދި މުހިއްމު ޕޮއިންޓެކެވެ. ތިން ވަނައިގައި 20 ޕޮއިންޓާ އެކު އޮތް އީގަލްސް އޮތްއިރު ކުރިން ހަތަރު ވަނައިގައި 18 ޕޮއިންޓާ އެކު އޮތް ގްރީން ސްޓްރީޓްސް މިހާރު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އެކަމަކު މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ ގްރީން ސްޓްރީޓްސް އަށް އަލުން ހަތަރު ވަނަ އަށް އެރޭނެ އެވެ.

ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޯން ބުނީ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުވުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އެ ޓީމުގެ މައި ޓާގެޓަކީ ލީގު ކާމިޔާބުކުރުން ކަމަށާއި އެހެންވެ އަދި ހިތްދެމިލެވެން ނެތް ކަމަށެވެ.

"މި މެޗުން ލިބުނު ޕޮއިންޓަކީ ޕްރިމިއާ ލީގަށް ކޮލިފައިކޮށްދިން ޕޮއިންޓެއް. އެކަމަކު އަހަރެން ބޭނުމެއް ނޫން އެހާ އުއްމީދުތައް ދަށްކުރާކަށް. އަހަރެމެންގެ މައި ޓާގެޓަކީ މާލޭ ލީގުގެ ޗެމްޕިއަންކަން. އެކަމަށް މަސައްކަތްކުރާއިރު މިއަދު މޮޅުނުވުމަކީ ދެރައެއް. އެކަމަކު އަދިވެސް ފުރުސަތު އެބައޮތް. ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ކަށަވަރުވާނެ ކަމަށް އުއްމީދުކުރަނީ،" އޮސްކާ ބުންޏެވެ.

އޭނާ ބުނީ މެޗުގެ ފުރަތަމަ 60 މިނެޓާ ހަމައަށް ކޮންޓްރޯލް ހޯދައި ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު ވިކްޓަރީގެ ލަނޑަށް ފަހު މަޑުޖެހުނު ކަމަށެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ވިކްޓަރީ އަށް މޮޅުވެވޭނެ މެޗެއް ކަމަށާއި ނަސީބު ދެރަވީ ކަމަށެވެ. އެގޮތުން ދެ ހާފުގައި ވެސް ހާއްސަކޮށް ފަހު ހާފުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިކަން އޭނާ ފާހަގަކުރި އެވެ.

"މެޗު ދިޔަ ގޮތަށް ބަލާއިރު ނިއު އަށް ނަސީބު ރަނގަޅުކޮށް މިދިމާވީ. އެ ޓީމަށް ލީގަށް ފައިޓްކުރަން އިތުރު ޕޮއިންޓެއް ލިބުނީ. ހަގީގަތުގައި މިއީ ވިކްޓަރީ އަށް ތިން ޕޮއިންޓް ލިބުން ކައިރި މެޗަށް. އެކަމަކު ނަސީބު ދެރަކޮށް މިދިޔައީ،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ މި ވަގުތު ގަދަ ހަތަރެއްގެ ވާހަކަ ދެއްކެން ކަމަށާއި މި ވަގުތު ހުރިހާ ސަމާކުކަމެއް ހުރީ ކުރިއަށް އޮތް ވެލެންސިއާ މެޗަށް ކަމަށެވެ.

ިއަދުގެ މެޗުގެ ކުރީކޮޅު ވިކްޓަރީ އަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތު ލިބުނެވެ. އެގޮތުން 26 ވަނަ މިނެޓުގައި އެ ޓީމުގެ ހަސަން އަދުހަމް (ސަޑޭ) އަރިމަތިން ނެގި ބޯޅަ ގޯލް ރޮނގު މަތިން ހުރަސްވެގެން ދިޔައިރު 26 ވަނަ މިނެޓުގައި މުހައްމަދު ސެޑިކްގެ ހަމަލައެއް ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން ނިއުގެ އެޑްރިއަން ގަލާޑޯ ވަނީ ދެ ހަމަލާ ފޮނުވާލައިފަ އެވެ. އެކަމަކު ހުރަހަކަށްވީ ވިކްޓަރީގެ ސީރިއާ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ވިކްޓަރީގެ ސެޑިކް އެކަނި ކުރިއަށް އަރައި ގޯލަށް ޖަހަން އުޅުނު ބޯޅައެއް ނިއުގެ ކީޕަރު އިމްރާން ދިފާއުކުރި ވަގުތު ފަލަމަސްގަނޑަށް ވަނީ އަނިޔާވެފަ އެވެ. ދެ ވަނަ ހާފުގައި އޭނާގެ ބަދަލުގައި ގޯލް ބެލެހެއްޓީ އަބްދުﷲ ޒިޔަޒަން އެވެ. އިމްރާންގެ އަނިޔާ އެހާ ސީރިއަސްކަމަށް ނުބެލެވެ އެވެ.

ދެ ވަނަ ހާފު ފަށައިގެން 56 ވަނަ މިނެޓުގައި ނިއު އިން ވަނީ ލީޑު ނަގައިފަ އެވެ. އަލީ ފާސިރު (ސެންޓޭ) ކޯނަރަކުން ހުރަސްކުރި ބޯޅަ އަހުމަދު ސުހެއިލް (ބަމްޕުޗް) ޖައްސާލުމުން ބޯޅަ ގޯލަށް ވައްދާލީ ގަލާޑޯ އެވެ.

ވިކްޓަރީގެ މުހައްމަދު ރިސްވާން ވަނީ 67 ވަނަ މިނެޓުގައި އެއްވަރުކުރުމާ ގާތަށް ގޮސްފަ އެވެ. އެކަމަކު އޭރިއާ ތެރެއިން މުޅިން ހުރެ ޖެހި ބޯޅަ ޒިޔަޒަން މަތަކުރި އެވެ. ވިކްޓަރީން އެއްވަރުކުރީ 72 ވަނަ މިނެޓުގަ އެވެ. އަރިމަތިން ނެގި ހުރަހެއް ގޯލްކުރިމަތިން ކެޕްޓަން އިސްމާއިލް އީސާ ޖެހުމުން ގޯލުގެ ތެރެއަށް ވަނީ ޒިޔަޒަން އަތުގައި ޖެހިފަ އެވެ.

މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ނިއުގެ ގަލާޑޯ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އެކަނިމާއެކަނި ބޯޅަ ހިފައިގެން ކުރިއަށް ވަދެ އޭނާ ޖެހި ބޯޅަ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

ވިކްޓަރީން މެޗު ނިންމާލީ އެކަކު މަދުކޮށެވެ. އެއީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ރިލްވާން ވަހީރު (ރިލޭ) އަށް ރަތްކާޑު ދެއްކުމުންނެވެ.