Roadha Mihaaru
ހަގީގަތާ އެއްގޮތަށް އިންސާފުން ނޫނީ ބަސް ނުބުނާތި!

ހަގީގަތާ އެއްގޮތަށް އިންސާފުން ނޫނީ ބަސް ބުނެގެން ނުވާނެ!

21 ޖުލައި 2017

ބަސްބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމް ދީނުގައި ކަށަވަރު ކޮށްދޭ ހައްގެކެވެ. އަދިކިއެއްތަ، އެއީ ދީނީ ގޮތުން ބަލާއިރު ބައެއް ހާލަތްތަކުގައި ހަމަ ކޮންމެހެން މުސްލިމުން ކުރަން ޖެހޭ ކަމެކެވެ. އެހެނީ، އިސްލާމީ މުޖުތަމައުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރަން ޖެހެ އެވެ. (އައްތައުބާ 71). އަމިއްލަ ރައުޔަށް ކަންކަން ނިންމުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު ބޭނުން ކުރަން ޖެހެ އެވެ. (އައްޝޫރާ 38)

ބަސްބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިސްލާމް ދީނުގައި ކަށަވަރު ކޮށްދޭ ހައްގެކެވެ. އަދިކިއެއްތަ، އެއީ ދީނީ ގޮތުން ބަލާއިރު ބައެއް ހާލަތްތަކުގައި ހަމަ ކޮންމެހެން މުސްލިމުން ކުރަން ޖެހޭ ކަމެކެވެ. އެހެނީ، އިސްލާމީ މުޖުތަމައުގައި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީ ކުރަން ޖެހެ އެވެ. (އައްތައުބާ 71). އަމިއްލަ ރައުޔަށް ކަންކަން ނިންމުމުގެ ބަދަލުގައި މަޝްވަރާގެ އުސޫލު ބޭނުން ކުރަން ޖެހެ އެވެ. (އައްޝޫރާ 38)

ހެކިބަސް އަދާކުރުމުން އެއްކިބާވުމަކީ ފާފަވެރިވާނެ ކަމެކެވެ. (އަލްބަޤަރާ 382). އަނިޔާ ލިބޭ ހިނދު ހައްގުބަސް ބުނަން ޖެހެ އެވެ. މުސްލިމުންނަށް މަންފާ ލިބެނިވި ކަންކަން ކުރަން ޖެހެ އެވެ. މުޖުތަމައުގައި ފަރުދީ އަދި ޖަމާއަތުގެ މަސްލަހަތުތައް ދަމަހައްޓަން ޖެހެ އެވެ. އިލްމާއި މައުލޫމާތު ފަތުރަން ޖެހެ އެވެ. އަދި މިނޫންވެސް އެހެން ސަބަބުތަކާ ހުރެ ބަސްބުނެ ހިޔާލުފާޅުކުރަން ޖެހެ އެވެ.

ނަމަވެސް މި މިނިވަންކަން ނުވަތަ ވާޖިބުގެ ދަށުން ބަސްބުނެ ހިޔާލު ފާޅުކުރާ އިރު ކޮންމެ މުސްލިމަކު ވެސް ތަބާވާން ޖެހޭ ހަމަތަކެއް ހުރެ އެވެ. މިހަމަތައް ބިނާވެފައިވަނީ މައިގަނޑު ދެ ސިފައެއްގެ މައްޗަށެވެ. އެއީ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ކަމެއްގެ ސައްހަ މައުލޫމާތު ނުވަތަ އިލްމު ލިބިފައި ހުރުމާއި ވާހަކަ ދެއްކުމުގައި އަދުލު އިންސާފުން އެކަން ކުރުމެވެ.

އިންސާނުންނަކީ ވިސްނުމާއި ފިކުރުގައި ތަފާތު ބައެއް ކަމަށްވާތީ، ބަސްބުނެ ހިޔާލު ފާޅު ކުރުމުގައި ހިޔާލު ތަފާތުވުމަކީ ނުވެ ނުދާނެ ކަމެކެވެ. އެހެންވެ އިސްލާމް ދީން މި މިނިވަންކަން ދެނީ ތަފާތު ރައުޔުތައް ހުންނާނެކަން ބަލައިގަނެގެންނެވެ. ހޫދު ސޫރަތުގެ 118 ވަނަ އާޔަތުގައި މާތްﷲ އަންގަވަނީ އެކަލާނގެ އިރާދަ ކުރައްވައިފި ނަމަ މީސްތަކުންނަކީ އެއް އުންމަތެއް ކަމުގައި ލެއްވެވީސްކަން ކަށަވަރު ކަމަށެވެ.

ނަމަވެސް އެގޮތަށް އެކަލާނގެ އިރާދަ ނުކުރައްވާތީވެ އަބަދުވެސް މީސްތަކުން ހިލާފުވުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި މިގޮތުން އުފެދޭ ހިލާފުވުމުގައި ދެބަސްވެ އަރައިރުންވުމާ ހަމައަށް މީސްތަކުން ދާނެކަން ވެސް އިސްލާމްދީން ގަބޫލު ކުރެ އެވެ. އެކަމަކު އެ ހާލަތަށް ގޮސްފިނަމަ އެކަމުގެ ހައްލު އެކަލާނގެ ވަނީ ބަޔާން ކުރައްވާފައެވެ.

އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އަށް ރުޖޫއަވުމެވެ. (އައްނިސާއު 59). ﷲއާ އެކަލާނގެ ރަސޫލާ އަށް ރުޖޫއަވުމަކީ ހަމައެކަނި ދެބަސްވުން އުފެދުނު މައްސަލައިގައި ދީނުގައި އޮންނަ ގޮތަށް ރުޖޫއަވުން އެކަންޏެއް ނޫނެވެ. އެއާ އެކު ބަސްބުނެ ހިޔާލު ފާޅު ކުރުމުގައި އިސްލާމް ދީން ކަނޑައަޅާފައިވާ ގައިދުތަކާއި އަހުލާގީ މިންގަނޑުތަކަށް ތަބާވުންވެސް ހިމެނެނީ ﷲއާ އެކަލާނގެ ރަސޫލާ އަށް ރުޖޫއަވުމުގެ ތެރެއިންނެވެ. މިގޮތުން، ބަސްބުނެ ހިޔާލުފާޅު ކުރުމުގައި ހިމެނޭ އެންމެ ފުރަތަމަ ގައިދަކީ ކޮންމެ ކަމަކާބެހޭ ގޮތުން ވާހަކައެއް ދެއްކިއަސް އެކަމުގެ އިލްމު ނުވަތަ އެކަމަކާ ގުޅޭ ސައްހަ މައުލޫމާތު ލިބިހުރެގެން މެނުވީ ވާހަކަ ނުދެއްކުމެވެ.

މާތްﷲގެ ވަހީބަސްފުޅުގެ މާނައިގައިވެ އެވެ. "އަދި ތިބާ އަށް އެކަމަކާ މެދު އެނގުމެއް ނުވާ ކަމަކަށް ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެއާ މެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވި އެވެ." (އަލްއިސްރާއު 36).

އަދި އިފްކުގެ ހާދިސާއާ ގުޅިގެން ފެތުރުނު ދޮގު ޚަބަރުތަކުގެ ހަގީގަތް ނުބަލައި މުސްލިމުންގެ ތެރެއިން ބައެއް މީހުން އެ ވާހަކަތައް ދައްކަމުން ދިޔަކަން މާތްﷲ ބަޔާން ކުރައްވައި އަންގަވަނީ އެއީ ކުޑަކަމެއް ކަމަށް އެބައިމީހުންނަށް ހީވިއަސް ﷲގެ ހަޒްރަތުގައި އެއީ ބޮޑުވެގެންވާ ނުބައި ކަމެއް ކަމުގަ އެވެ. (އައްނޫރު 15). މީގެ އިތުރުން ވާހަކަ ދެއްކުމުގައި ދޮގުހެދުމަކީ ހަރާމް ކަމެކެވެ. ކަމަކާ ގުޅޭގޮތުން ވާހަކައެއް ދައްކާއިރު އެކަމަކާ ގުޅޭ ސައްހަ މައުލޫމާތު ނުލިބޭ ކަމަށްވާނަމަ އެއީ ދޮގުހެދުމަށް މަގުފަހިވާނެ ކަމެކެވެ.

މި ކަން ނަހީ ކުރެއްވުމުގެ ގޮތުން މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ، "ﷲއާ މެދު ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި ސިފަކޮށް އުޅޭ ކަންތަކަށް މިއީ ހަލާލު ކަމެކޭ އަދި މިއީ ހަރާމް ކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން ދޮގުހަދާ މީހުން ނުދިންނަވާ ހުއްޓެވެ." (އައްނަޙްލު 16)

އަދި ކަންކަމާ މެދު ހުކުމް ކުރުމުގައި ހަވާނަފްސަށް ތަބާނުވެ ﷲ ބާވައިލެއްވި ހުކުމްތަކުން ހުކުމް ކުރުމަށް އެކަލާނގެ އެންގެވިކަން އަލްމާއިދާ ސޫރަތުގެ 49 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ. ކަނޑައެޅިގެން ހަގީގަތާ އިދިކޮޅު ވާހަކަތަކުގެ އިތުރުން، އެ ވާހަކައެއްގެ ސައްހަކަމާ މެދު ޝައްކުވާ ވާހަކަތައް ދެއްކުމަކީ ވެސް މާތްﷲ ނުރުއްސަވާ ސިފައެކެވެ. ހީއަށް ތަބާވުމަކީ ނުބައި ސިފައެއްކަމާއި، ހީއަކީ ހައްގުގެ ބަދަލުގައި އެއްވެސް ކަމެއް ފުއްދައިދޭނެ އެއްޗެއް ނޫންކަން ޔޫނުސް ސޫރަތުގެ 36 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ.

އަދި ހީ އަށް ތަބާވުމަކީ ގެއްލެނިވެގެންވާ ކަމެއްކަން އަލްއަންޢާމް ސޫރަތުގެ 116 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި ތިމާ އަށް ކަމަކާ ބެހޭ ގޮތުން ނޭނގޭނަމަ އެކަމެއްގެ މައުލޫމާތު އެކަމެއްގެ އަހުލުވެރިންގެ ގާތުން އޮޅުންފިލުވަން ވެސް ޤުރުއާނުގައި އަންގަވާފައި ވެއެވެ (އައްނަޙްލު 43)

ވީއިރު އެނގޭ މީހުންކުރެން ސައްހަ މައުލޫމާތު ހޯދުމަށްފަހު މެނުވީ ބަސްބުނެ ހިޔާލު ފާޅުކޮށްގެން ނުވާނެ އެވެ. ބަސްބުނެ ހިޔާލުފާޅުކުރުމުގައި އޮންނަ ދެވަނަ ގައިދަކީ، އަދުލު އިންސާފު ދެމެހެއްޓުމެވެ. އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި މާތްﷲ އަމުރު ކުރައްވަނީ މިފަދައިންނެވެ. "...އަދި ތިޔަބައިމީހުން ބަސްބުނާނަމަ، ގާތްތިމާގެ މީހަކާ މެދުގައި ނަމަވެސް، އަދުލަށް (އެބަހީ ތެދަށް) ބުނާށެވެ!..."

އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި މީސްތަކުންގެ މެދުގައި ވާހަކަދައްކަންވާނީ ދައްކާ ވާހަކައެއްގެ އިލްމު ލިބިގެންހުރެ އަދުލުވެރިކޮށެވެ. ބިދުއައިގެ އަހުލުވެރިން ފަދައިން ޖާހިލުކަންމަތީ ތިބެ އަނިޔާވެރި ގޮތުގައެއް ނޫނެވެ. އިބްނުލް ޤައްޔިމް ވިދާޅުވާ ގޮތުގައި މީހަކަށް ހޯދައިގަނެވޭނެ އެންމެ ރީތި ސިފައަކީ އިންސާފުވެރި ވުމުގެ ސިފައެވެ. އެއީ މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފައެކެވެ. އެކަމަށް މާތްﷲ އަމުރުކުރައްވާ ކަމެކެވެ. އަދި އެގޮތަށް އަމުރުވެވިގެންވާކަން މީސްތަކުންގާތު ވިދާޅުވާން އެކަލާނގެ ކީރިތި ނަބިއްޔާ އަށް އެންގެވި އެވެ. (އައްޝޫރާ 15)

ވީމާ ބަސްބުނެ ހިޔާލުފާޅު ކުރުމުގައިވެސް އަދުލުވެރިވާން ޖެހެ އެވެ. އިންސާފަށް ލޯބި ކުރަން ޖެހެއެވެ. މިނެކިރުމުގައި ވެސް ސީދާވެގެންވާ ހަމަ ތިލަފަތުން ކިރަން ޖެހޭ ފަދައިން މީހުންނާ މެދު ބުނާ ބަހުގައިވެސް ތިލަފަތް ހަމަކުރަން ޖެހޭނެކަން އައްޝުއަރާއު ސޫރަތުގެ 183 ވަނަ އާޔަތުން ދޭހަވެ އެވެ. އިންސާފު ގެއްލިގެންދާ ފަދަ އެއްވެސް ކަމެއް ބަސްބުނުމުގައި ކޮށްގެން ނުވާނެ އެވެ. މިގޮތުން މީހަކު ވަކި ޖަމާއަތަކަށް ނުވަތަ ވަކި ބަޔަކަށް ތަބާވާތީ އޭނާގެ މައްޗަށް ހައްގުނޫން ހުކުމެއް އާންމު ކުރެވިގެން ނުވާނެ އެވެ.

ހަމައެފަދައިން ވަކިފަރުދެއްގެ މައްޗަށް ކަމެއް ސާބިތު ވުމަކުން އޭނާ ތަބާވާ ޖަމާއަތަށް އެކަން ހައްގު ނުވާނަމަ އެ ހުކުމް އެޖަމާއަތަށް އާންމުކޮށްގެން ނުވާނެ އެވެ. ހަމައެފަދައިން ތިމާގެ ހިތުގައި އޮންނަ ރުހުމާއި ނަފްރަތާއި ރުޅި އާއި ލޯބި ފަދަ އިހުސާސްތަކަކީ ހައްގުބަސް ބުނުމުން އެއްކިބާ ކުރުވާ ކަންކަމަށް ވެގެން ނުވާނެ އެވެ. މިސާލަކަށް ޔަހޫދީން ކަޢުބުލް އަޙުބާރު އަށް "ތިމަންމެންގެ ސާހިބު އަދި ތިމަންމެންގެ ސާހިބުގެ ދަރި" މިފަދައިން މުޚާތަބު ކޮށް ކުރިން އުޅުނެވެ.

އެކަމަކު އެކަލޭގެފާނު އީމާންވުމުން މުޚާތަބު ކުރަމުން ގެންދިޔައީ، "ތިމަންމެންގެ ނުލަފާ މީހާ އަދި ތިމަންމެންގެ ނުލަފާ މީހާގެ ދަރި" މިފަދައިންނެވެ. މިއީ މުސްލިމުން މީހުންނާ މުޚާތަބު ކުރުމުގައި ވިއަސް އަދި އާންމުކޮށް ބަސްބުނެ ހިޔާލު ފާޅު ކުރުމުގައި ވެސް ކުރުން ލާއިގު ކަމެއް ނޫނެވެ. ހަމައެއާ އެކު، މީހަކު ކުރިން އޮޅުމަކުން ބުނެވިފައިވާ ބަހެއް، ފަހުން ރަގަޅުކުރުމަށް ފަހު ކުރިން އެބުނިބަހުގެ މައްޗަށް ބިނާކޮށްގެން ވާހަކަ ދެއްކުމަކީވެސް އިންސާފުން އެއްކިބާވުމެވެ.

މި ސަބަބުތަކަށްޓަކައި، ބަސްބުނުމުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ގޮތުން، މީހާގެ އަމަލުތައް ސީދާކޮށް ތަގުވާވެރިވާން ޖެހެ އެވެ. މިގޮތުން މުސްލިމުންނާ މެދު ކުށް ހީތައް ކޮށްގެން ނުވާނެ އެވެ. ކަނޑައެޅި ސާބިތުވަންދެން ނުވަތަ އެމީހެއްގެ އުޒުރު ފިލައި ގޮސް ޝުބުހަތްތައް ވެސް ނެތިދާންދެން މީހެއްގެ މައްޗަށް ހުކުމް ކުރަން އަވަސްވެގަނެގެން ނުވާނެ އެވެ. ނެތިނުބައި މޮށިގެން ނުވާނެ އެވެ. މަލާމާތް ކޮށްގެން ނުވާނެ އެވެ. މީހުންގެ އައިބުތައް ހޯދަން ފާރަލާ ހަދައިގެން ނުވާނެ އެވެ. އަނިޔާއަކުން ސަލާމަތްވާން މެނުވީ މީސްތަކުންގެ ހުންނަ އައިބުތައް އާންމުކޮށްގެން ނުވާނެ އެވެ. އަދި ދީނީގޮތުން ތިމާއަށް އެކަމުގެ އުގޫބާތް އަންނަ ކަންކަމުގެ ތެރެއިން މީހުންގެ އަބުރަށް އަރައިގަނެގެން ނުވާނެ އެވެ.

މިސާލަކަށް ޒިނޭކުރުމާއި ރާބުއިން ފަދަ ކަންކަމުގެ ތުހުމަތު ކޮށްގެން ނުވާނެ އެވެ. އެފަދަ ތުހުމަތެއް ސާބިތު ނުކުރެވިއްޖެ ނަމަ ގަޒުފުގެ ހައްދު ޖަހަން ޖެހެއެވެ. ހަމައެފަދައިން، މުނާފިގުކަންމަތީ ހުރެ ނަމަވެސް ޝަހާދަތުގެ ދެކަލިމަ ކިޔާ އެއްވެސް މީހަކީ ކާފިރެއް ކަމަށް ހަދައިގެން ނުވާނެ އެވެ. މުސްލިމުންނަށް ނިސްބަތްކޮށް ދޮގުހަދައިގެން ނުވާނެ އެވެ. ޣައިރު މުސްލިމުން ކަމުގައި ވިއަސް އެމީހުންނަށް ހުތުރު އެއްޗެހިކިޔައި ހަދައިގެން ނުވާނެ އެވެ.

މިކަންކަން މިމަގުން ހުރިކަން ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވެއެވެ. އަދި މިއީ ބަސްބުނެ ހިޔާލުފާޅު ކުރުމުގައި އަދުލުވެރިވެ އިންސާފު ދެމެހެއްޓުމަށްޓަކައި މުސްލިމުން ތަބާވާން ޖެހޭ މަގެވެ. ވީމާ ކޮންމެ މުސްލިމަކުވެސް ބަސްބުނެ ހިޔާލުފާޅުކުރާއިރު އެމީހަކު އެދައްކާ ވާހަކައަކާ ބެހޭ އިލްމު ނުވަތަ މައުލޫމާތު ލިބިފައިވާ މީހަކަށް ވާން ޖެހެއެވެ. އަދި މިކަމުގައި އަދުލުއިންސާފު ދަމަހައްޓާ މީހަކަށްވެސް ވާން ޖެހެއެވެ. އެހެންނޫން ނަމަ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދި ބައިބައިވުމާއި ތަޅާފޮޅުންތައް އާންމުވުމުގެ ބިރު އޮންނާނެ އެވެ.