Roadha Mihaaru
މެމްބަރު ސައުދު ހައްޔަރުކޮށްފި

މެމްބަރު ސައުދު ހައްޔަރުކޮށްފި

25 ޖުލައި 2017

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދެންމެ ހައްޔަރުކޮށްފި އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ދެންމެ ހައްޔަރުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒްގައި ހުންނަވަނިކޮށް ފުލުހުން ގޮސް ސައުދު ހައްޔަރުކުރީ ކޯޓު އަމުރަކާ އެކު އެވެ.

އިދިކޮޅު ހަރަކާތުގައި އުޅުއްވާ ސައުދު ހައްޔަރުކުރިއިރު، އޭނާއާ އެކު އެ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވެސް ރޭ ވަނީ ހައްޔަރުކޮށް އޭނާގެ ބަންދަށް މިއަދު 15 ދުވަސް ޖަހައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުންގެ ތެރެއިން މިހާރު ވެސް އެކިއެކި މައްސަލަތަކުގައި ތަހުގީގަށް ވަނީ ސައުދާ އެކު ތިން މެމްބަރަކު ހައްޔަރުކޮށްފަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ވަހީދެވެ.

މީގެ ކުރިން އެހެން މައްސަލަތަކެއްގައި ފުލުސް އޮފީހަށް އެކި ފަހަރު މަތިން ހާޒިރުކޮށް ސުވާލުކޮށްފައިވާ ސައުދު ހައްޔަރުކުރި ސަބަބެއް ކަމަށް، ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ނެރުއްވި އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު ފުލުހުންގެ ސަފުތައް ރޫޅާލައި މަޖިލިހުގެ އިދާރާ އަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

މިއަދު މެންދުރު 12:00 ގައި ނެރެފައިވާ އަމުރުގައި ތުހުމަތު ކުރެވޭ ބޭފުޅެއްގެ ގޮތުގައި ލިޔެފައި އޮތީ ސައުދުގެ ނަމެވެ. އެކަމަކު އަމުރުގެ ވަކި ހިސާބެއްގައި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތުގެ ނަން ވެސް ލިޔެފައިވެ އެވެ. އެއީ ކިހިނެއް ހިނގާފައިވާ ކަމެއް ކަމަށް ސާފެއް ނުވެ އެވެ.

ސައުދަކީ ރައްޔިތުންގެ މަޖިލިހަށް އިއްޔެ ވަދެވަޑައިގެންނެވި އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އިއްޔެ މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބޭފުޅުންތަކެއް ހިމެނޭ ކަމަށް ބުނެ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދޭން މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތުލުސްދޫ ދާއިރާގެ ވަހީދު ވެސް ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރި އެއް ސަބަބަކީ އެއީ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި ރޭ 8:00 ގައި ނެރުއްވި އަމުރުގައި ވަހީދު ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު އިއްޔެ ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި ވަހީދު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވަހީދު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އޭގައިވެ އެވެ.

ވަހީދާއި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކޮށްދިނުމަށް އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިހާރު ވަނީ އެ ކޯޓުން ބަލައިގެންފަ އެވެ. ވަހީދާއި ސައުދުގެ އިތުރުން މަޑުއްވަރި ދާއިރާގެ އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން ކަނޑައެޅި މައްސަލަ ބާތިލް ކޮށްދިނުމަށް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓަށް މިހާރު ވަނީ ބަލައިގެންފަ އެވެ.