Roadha Mihaaru
އިންސާފު ކަށަވަރުވާނީ 12 މެމްބަރުންނާ އެކު: ސައުދު

12 މެމްބަރުންނަށް އިންސާފު ނުލިބި ރައްޔިތުންނަށް އިންސާފެއް ނުލިބޭނެ: ސައުދު

04 އޮކްޓޯބަރ 2018

ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ 12 މެމްބަރުންނަށް އިންސާފު ނުލިބެނީސް ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފު ކަށަވަރު ނުވާނެ ކަމަށް ވިދާޅުވެ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ 12 މެމްބަރުންނަށް އިންސާފު ނުލިބެނީސް ދިވެހި އެއްވެސް ރައްޔިތަކަށް އިންސާފު ކަށަވަރު ނުވާނެ ކަމަށް ވިދާޅުވެ، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

މަޖިލީހުގެ 12 މެމްބަރަކު އެ މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީ އިން ނިންމީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެ 12 މެމްބަރުން މަޖިލީހުން ވަކިނުވާ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް، އެ މެމްބަރުންގެ މަޖިލީހުން ވަކިވެއްޖެ ކަމަށް ނިންމި ނިންމުމާއި އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން ކޮމިޝަނުން ކުރިން ނިންމި ނިންމުން ވެސް އީސީން އިއްޔެ ބާތިލުކުރި އެވެ.

އެކަމަކު އެ ނިންމުން ސުޕްރީމް ކޯޓުން ރޭ ވަނީ ބާތިލްކޮށްފަ އެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސައުދު ކުރެއްވި ޓުވީޓެއްގައ ވިދާޅުވީ 12 މެމްބަރުން ތަމްސީލު ކުރައްވާ 60،000 ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައިވާ ކަމަށެވެ. އެހެންކަމުން މިއީ، ހައްގުތަކަށް އަރައިގަންނަން ފަސޭހަ އަދި އިންސާފު ހޯދައިދޭން އުނދަގޫ ދައުލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންނަށް އިންސާފު ލިބޭނީ މި 12 މެމްބަރުންނާ އެކުގަ އެވެ.

"ރައްޔިތުންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކޮށްދޭނީ ކޮން މުއައްސަސާއަކުން، ކިހިނެއް؟" ސައުދު ސުވާލު ކުރެއްވި އެވެ.

ސައުދުގެ ޓުވީޓް.

މަޖިލީހުން ވަކިވި ކަމަށް ކަނޑައެޅި މެމްބަރުންނަކީ "ނިވިދިއްލޭ ބޮކިތަކެއްތޯ" އައްސަވައި، އެ މެމްބަރުންނާ މެދު މުއައްސަސާތަކުން އަމަލުކުރާ ގޮތާ މެދު ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި ބޮކިތައް ދިއްލިފައި ހުންނަ އިރަށް ވުރެން، ނިވިފައި ހުންނަ އިރު ގިނަ އެވެ. އަދި އެހެން އެވަނީ ކީއްވެތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.

ވައްޑެގެ ޓުވީޓް.

އެ 12 މެމްބަރުން ވަކިވެއްޖެ ކަމަށް، އީސީން ކަނޑައަޅައިދިނީ ވެރިކަން ކުރާ ޕީޕީއެމުން އެދިގެންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން އިދިކޮޅުން ހުށަހެޅި މައްސަލަ އަށް އެ މެމްބަރުން އެއްބާރުލުން ދީ، ޕީޕީއެމް ދޫކުރައްވައި އިދިކޮޅާ ގުޅިވަޑައިގަތުމުންނެވެ.

އެއާއެކު، އެ ބޭފުޅުން މަޖިލީހަށް ވަނަކަ ނުދެ އެވެ. އަދި އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ވެސް، އެ މައްސަލައިގައި ގޮތެއް ނުނިންމަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހާއި އިއްޔެ ވަނީ އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ މައްސަލައިގެ އަޑުތައް ބާއްވައި ނިންމައިފަ އެވެ. ދެން އޮތީ ހުކުމް އިއްވުމެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމާ މެދު ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

މަޖިލީހުން ވަކިވެފައިވާ ކަމަށް އީސީން ކަނޑައެޅި 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ. ދާދި ފަހުން ޕީޕީއެމުން ވަކިކުރުމުން، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ވަނީ، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ހުސްވެފަ އެވެ.