Roadha Mihaaru
ކައުންސިލްތަކަށް ބިން މިލްކު ކުރެވޭ ގޮތް ހަމަޖައްސައިފި

ކައުންސިލްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ހަމަޖައްސައި، ގަވާއިދަށް އަމަލުކުރަން ފަށައިފި

26 ޖުލައި 2017

ކައުންސިލްތަކަށް ބިން މިލްކުކޮށް ދިނުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދު ހަދައި، އިއްޔެ އިން ފެށިގެން އެއަށް އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކައުންސިލްތަކަށް ބިން މިލްކުކޮށް ދިނުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދު ހަދައި، އިއްޔެ އިން ފެށިގެން އެއަށް އަމަލުކުރަން ފަށައިފި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިމެނޭ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލު ކުރުމާ ބެހޭގޮތުން ކުރިން އޮންނަ ގަވާއިދުގައި ކައުންސިލްތަކަށް ބިން މިލްކުކޮށްދެވޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮންނަނީ ހިންގައި، ބެލެހެއްޓުމަށް ހަވާލުކުރާ ގޮތަށެވެ.

ކުރީގެ ގަވާއިދު އުވާލުމަށް ފަހު އަލަށް އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން ރައްޔިތުންނަށް ހިންގާ އިގްތިސާދީ ނުވަތަ އިޖްތިމާއީ މަޝްރޫއުތަކަށްޓަކައި ކައުންސިލަކަށް ބިމެއް މިލްކުކޮށް ދެވިދާނެ އެވެ. އެގޮތަށް ބިމެއް މިލްކުކޮށް ދެވޭނީ ޕްރޮޕޯޒަލް އިވެލުއޭޓް ކުރުމަށް ފަހު، ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އަދި ދެ ފަރާތުގެ ދެމެދުގައި ހެދޭ އެއްބަސްވުމުންގެ ދަށުން ކަމަށް އާ ގަވާއިދުގައިވެ އެވެ.

އެގޮތަށް ބިމެއް މިލްކުކޮށް ދީފި ނަމަ އެ ބިމެއް އެ ކައުންސިލެއްގެ ނަމުގައި ހައުސިން މިނިސްޓްރީން ރަޖިސްޓަރީ ކޮށްދޭން އެ ގަވާއިދު ލާޒިމް ކުރެ އެވެ. އެކަމަކު އެގޮތަށް މިލްކު ކޮށްދީފައިވާ ބިމެއް ވެސް ވަކި ހާލަތްތަކެއްގައި ސަރުކާރަށް ނެގުމުގެ ބާރު ގަވާއިދުގެ ދަށުން ހައުސިން މިނިސްޓްރީ އަށް ލިބެ އެވެ.

އެއްބަސްވުމާ ޚިލާފުވެއްޖެ ނަމަ ނުވަތަ ލޭންޑް ޔޫސް ޕްލޭނާ ޚިލާފުވުން ނުވަތަ ގާނޫނުތަކާއި ޚިލާފުވެއްޖެ ނަމަ ނުވަތަ އިގްތިސާދީ ނުވަތަ އިޖުތިމާއީ ކަމަކަށް ނުވަތަ ގައުމީ ސަލާމަތުގެ ބޭނުމަކަށް އެ ބިން އަނބުރާ ނެގުމަށް ސަރުކާރުން ނިންމައިފި ނަމަ އެފަދަ ބިމެއް ވެސް ސަރުކާރަށް އަނބުރާ ނެގިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އިގްތިސާދީ ނުވަތަ އިޖުތިމާއީ ބޭނުމަކަށް މިލްކުކޮށް ދީފައިވާ ބިމެއް ސަރުކާރަށް ނަގާ ނަމަ އެތަނެއްގައި ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލައި، އަދުލުވެރި ބަދަލެއް ދޭން އާ ގަވާއިދުން ސަރުކާރަށް ލާޒިމް ކުރެ އެވެ.

ގަވާއިދު ބުނާގޮތުން މިލްކުކޮށް ދިނުން ނުހިމެނޭ ގޮތަށް، ކައުންސިލްތަކަށް ބިން ދޫކުރެވޭނީ ހަމައެކަނި ހިންގައި ބެލެހެއްޓުމަށެވެ. ވަކި ޝަރުތުތަކެއްގެ ދަށުން ބެލެހެއްޓުމަށް ކައުންސިލްތަކާ ހަވާލުކުރެވޭ ބިންތަކުގެ އެއްބަސްވުމާ ކައުންސިލުން ޚިލާފުވެއްޖެ ނަމަ ނުވަތަ އެ ބިމެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންވެއްޖެ ނަމަ އެ ބިމެއް އަތުލެވޭނެ އެވެ.

އެ އުސޫލުން ބެލެހެއްޓުމަށް ހަވާލުކުރެވޭ ބިމެއް ތިން ވަނަ ފަރާތަކަށް ދެވޭނީ ވަކި ބޭނުންތަކަށްޓަކައި ހައުސިން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. ބިމެއް ސަރުކާރަށް ނަގާއިރު އެ ބިމުގައި ތިން ވަނަ ފަރާތަކުން އިންވެސްޓްމަންޓެއް ކޮށްފައިވާ ނަމަ އެކަމުގެ ބަދަލު ދޭން ވެސް އެ ގަވާއިދު ލާޒިމް ކުރެ އެވެ.