Roadha Mihaaru
ބިމުގެ މުއްދަތު އިތުރުކުރުމުގެ ބާރު ކައުންސިލްތަކަށް

ދައުލަތުގެ ބިންތައް ކުއްޔަށް ދޭ މުއްދަތު އިތުރު ކުރުމުގެ ބާރު ކައުންސިލްތަކަށް

29 ނޮވެމްބަރ 2021

ކޮންމެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބިންތައް ކުއްޔަށް ދޭ މުއްދަތު އިތުރުކުރުމުގެ ބާރު ކައުންސިލުތަކަށް ދީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮންމެ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބިންތައް ކުއްޔަށް ދޭ މުއްދަތު އިތުރުކުރުމުގެ ބާރު ކައުންސިލުތަކަށް ދީ، ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މި ގަވާއިދުގައި ކުރިން އޮންނަ ގޮތުން، އެކި ކަންކަމަށް ރަށްރަށުގައި ދޫކުރާ ދައުލަތުގެ ބިންތަކުގެ ކުއްޔަށް ދޭ މުއްދަތު އިތުރުކުރުމުގެ ބާރު ހަމައެކަނި އޮންނަނީ ހައުސިން މިނިސްޓްރީ އަށެވެ.

ނަމަވެސް އިއްޔެ މި ގަވާއިދަށް ގެނައި އިސްލާހުގައި ބުނީ، ދައުލަތުގެ ބިން ދޫކުރާނީ، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން ކަމަށެވެ. އެކަމަކު ދެން ވެސް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިންތައް ކުއްޔަށް ދިނުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީ އަށެވެ.

އެ މިނިސްޓްރީން މި ގަވާއިދަށް އެންމެ ފަހުން ވަނީ އަށް އިސްލާހެއް ގެނެސްފަ އެވެ.

ކައުންސިލްތަކުން ތަފާތު ބޭނުންތަކަށް ރަށަކުން ނުވަތަ ސިޓީއަކުން ދޫކުރާ ބިންތަކާއި އެ ބިމުގެ ކުޑަބޮޑުމިނާއި ކުއްޔަށް ދޭނެ އަގާއި އަދި ދޫކުރާނެ މުއްދަތު ކަނޑައަޅަން ވާނީ ރަށުގެ ބިން ބޭނުން ކުރާނެ ގޮތް ކަނޑައަޅަން ތައްޔާރުކުރާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ގަވައިދުގައި ވެ އެވެ.

ބިމެއް ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން، އެ ބިމުގެ މުއްދަތު އިތުރުކޮށްދޭން ހުށަހަޅައިފި ނަމަ، މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިއާޔަތް ކޮށްގެން އެސެސްމަންޓެއް ހެދުމަށް ފަހު، އޭގެ ނަތީޖާ އަށް ބަލައި، ފުރަތަމަ ބިން ދޫކުރި މުއްދަތުގެ 50 ޕަސެންޓަށް ވުރެ އިތުރު ނުވާނެހެން މުއްދަތު އިތުރުކޮށް ދިނުމަށް ގަވައިދުގައި ވަނީ ޖާގަ ދީފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު، މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު ރަށު އަދި ސިޓީ ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ.