Roadha Mihaaru
ކުޑަހުވަދޫ ޕްރިމިއާ ލީގަށް ނުކުންނަނީ ބަދަލެއް ނެތި

ކުޑަހުވަދޫ ޕްރިމިއާ ލީގަށް ނުކުންނަނީ ބަދަލެއް ނެތި

31 ޖުލައި 2017

އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ވެސް ކޯޗުކޮށްދޭނީ މުހައްމަދު ޝިޔާޒް (މޯހަން) ކަމަށާއި އަދި ފުރަތަމަ ޑިވިޝަނުގެ އެއްވެސް ކުޅުންތެރިއަކު ގެނެސްފައިނުވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ ޓީމަށް ދިވެހި ޕްރިމިއާ ލީގުގައި ވެސް ކޯޗުކޮށްދޭނީ މުހައްމަދު ޝިޔާޒް (މޯހަން) ކަމަށާއި އަދި ފުރަތަމަ ޑިވިޝަނުގެ އެއްވެސް ކުޅުންތެރިއަކު ގެނެސްފައިނުވާނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

ކުޑަހުވަދޫ ފިޔަވައި ޕްރިމިއާ ލީގުގައި ވާދަކުރާ އަނެއް ހަތް ޓީމުން ވެސް ވަނީ ސްކޮޑް ވަރުގަދަކޮށްފަ އެވެ. ހާއްސަކޮށް އަތޮޅު މުބާރާތް ކަމަށްވާ މިނިވަން ޗެމްޕިއަންޝިޕުން އައި ގދ. ތިނަދޫ އާއި ށ. މިލަންދޫ އަދި އއ. މާޅޮހުން ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކެއް ގެނެސްފަ އެވެ. އެއާ އެކު މިނިވަން ޗެމްޕިއަންޝިޕުގައި އެ ޓީމަށް ކުޅެދިން ބައެއް ކުޅުންތެރިންނަށް ވަނީ ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު ގެއްލިފަ އެވެ.

ކުޑަހުވަދޫ ޓީމުގެ މެނޭޖަރު އިސްމާއިލް މައުރޫފް ބުނީ އެ ޓީމުން ބޭނުންވީ މިނިވަން ޗެމްޕިއަންޝިޕުގައި ވާދަކުރި ސްކޮޑާ އެކު ޕްރިމިއާ ލީގުގައި ވާދަކުރަން ކަމަށެވެ. އެ ޓީމުން އިތުރު ކުރީ އެ ރަށުގެ ތިން ކުޅުންތެރިއަކާއި މ. މުލަކު ކުޅުންތެރިއެކެވެ.

"އަޅުގަނޑުމެން ފުރަތަމަ ޑިވިޝަނުގެ އެއްވެސް ކުޅުންތެރިއަކު ނުގެންނަން. ބޭނުންވީ ހަމަ އެ ޓީމު ޕްރިމިއާ ލީގުގައި ވާދަކުރަން. މި ސްކޮޑާ އެކު ވެސް ޓާގެޓަކީ ގަދަ ހަތަރަކުން ޖާގަ ހޯދުން،" މައުރޫފް ބުންޏެވެ.

މޯހަންގެ އިރުޝާދުގެ ދަށުން ކުޑަހުވަދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އޭނާ ވަނީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްދީ އެ އަހަރުގެ އެއް ވަނަ ކޯޗުގެ އެވޯޑް ހޯދައިފަ އެވެ. ގައުމީ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މޯހަން ވަނީ މީގެ ކުރިން ދިވެހި ލީގުގައި ވެލެންސިއާ އާއި އދ. މަހިބަދޫ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

އަންނަ ހުކުރު ދުވަހުގެރޭ ޕްރިމިއާ ލީގު ހުޅުވައިދޭނީ އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ކުޑަހުވަދޫ އެވެ.