Roadha Mihaaru
ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް

ކުޑަހުވަދޫ ބަލިކޮށް މިލަންދު އަށް ހަމަޖެހުމެއް

21 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ 3-0 އިން ބަލިކޮށް ލީގުގެ ދެ ވަނަ ބުރުގައި ހޯދި ފުރަތަމަ މޮޅާ އެކު ށ. މިލަންދޫން މިރޭ ހަަމަޖެހިލައިފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ދ. ކުޑަހުވަދޫ 3-0 އިން ބަލިކޮށް ލީގުގެ ދެ ވަނަ ބުރުގައި ހޯދި ފުރަތަމަ މޮޅާ އެކު ށ. މިލަންދޫން މިރޭ ހަަމަޖެހިލައިފި އެވެ.

މިރޭގެ މެޗުގެ ކުރިން މި ބުރުގައި މިލަންދޫ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމުން ވަނީ މި ބުރުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް އަދި ގްރީން ސްޓްރީޓްސް އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. ބަލިވީ ނިއު ރޭޑިއަންޓާއި މާޅޮސް އަތުންނެވެ.

ކުޑަހުވަދޫ އަތުން ލިބުނު ތިން ޕޮއިންޓާ އެކު މިލަންދޫ އޮތީ ލީގުގެ ހަ ވަނައިގައި ހަ މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. ކުޑަހުވަދޫ އޮތީ ހަ މެޗުން ދެ ޕޮއިންޓާ އެކު އެވެ. ލީގުގައި މޮޅެއް ނުހޯދާ ހަމައެކަނި ޓީމަކީ ކުޑަހުވަދޫ އެވެ. ފުރަތަމަ ބުރުގައި މި ދެ ޓީމު ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ފައުލެއްގެ މައްސަލައިގައި ކުޑަހުވަދޫން ދަނޑުން ފޭބުމުން މެޗު ހުއްޓާލުމަށް ފަހު ވަނީ މިލަންދޫ މޮޅުވި ކަމަށް ނިންމައިފަ އެވެ.

މިރޭގެ މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ މިލަންދޫ ޓީމުންނެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ހަތް ވަނަ މިނިޓްގައި ޖެހީ ކެޕްޓަން އިސްމާއިލް ފަތުހީ އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އާދަމް އިމްރާން ދެ ވަނަ ލަނޑު ޖެހިއިރު، ތިން ވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި އިބްރާހިމް ސައީދު އެވެ.

މި މެޗުގައި ކުޑަހުވަދު އަށް ވެސް ލަނޑު ޖަހާނެ ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެ ޓީމަށް ހިފޭ ގޮތެއް ނުވި އެވެ. މި މެޗުގައި އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އާދަމް ޝަހީމް އެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ކުޅުމަށް ބަލާއިރު ހިތްހަމަ ޖެހުނަސް މައްސަލަ އަކީ އަބަދުވެސް ނަތީޖާ ކަމަށެވެ.

"ނަތީޖާ މައްސަލަ އަކީ. ކުޅުމަށް ބަލާއިރު މިރޭ ވެސް ހިތްހަމަ ޖެހޭ. އެކަމަކު މާ އަވަހަށް ލަނޑު ވަންނާތީ މައްސަލަ އަކީ. މިރޭ ވެސް ފަހަތަށް ދިޔަ ހަ ބޯޅައިގެ ތެރެއިން ތިނެތި ވަދެފައި މިއޮތީ. ވަރަށް ރަނގަޅު އެޓޭކިން ގޭމެއް ކުޅުނު އެކަމު،" މޯހަން ބުންޏެވެ.

އޭނާ ބުނީ ސީޒަން ދިގުލައިގެން ގޮސް ބްރޭކްތައް އައުމާ އެކަހަލަ ސަބަބުތަކާ ހެދި ކުޅުންތެރިން މިކަންތައްތަކަށް އާ ވުމުގެ ސަބަބުން މޯރަލީ ދަށްވުމުގެ މައްސަލަތައް ވެސް ފެންނަމުން އަންނަ ކަމަށެވެ.

މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މެޗަށް ނުކުތް ޓާގެޓް ހާސިލްވުމަކީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.

"ލީގުގައި އަބަދުވެސް ބުނަމުން އައި އެއް ކަންތައް މިއީ ފުލުގައި ނޯވެ ނިންމާލަން. މިއީ ދެން މިހާރު އޮތް ސްޓޭޖުގައި ހިފަަހައްޓާލަން ލިބުނު ހިތްވަރެއް. އެކަމަށް ކުޅުންތެރިން ވެސް ވިސްނައިގެން ވަރަށް ރަނގަޅަށް ޕާފޯމްކޮށްފި،" ނާސިރު ބުންޏެވެ.

އޭނާ ބުނީ ލީގުގެ ކުރީކޮޅު ދެއްކި ކުޅުމަށް ވުރެ ރަނގަޅު ކުޅުމެއް މިހާރު މިލަންދޫން ދައްކަމުން އަންނަ ކަމަށާއި ތަފާތު ވެސް ފެންނަ ކަމަށެވެ.