Roadha Mihaaru
އުނދަގޫ ފައްތަރެއްގައި އޮތް ނިއު އަށް ޕޮއިންޓެއް

އުނދަގޫ ފައްތަރެއްގައި އޮތް ނިއު އަށް ބީޖީ އަތުން ޕޮއިންޓެއް

19 މެއި 2016

މުސާރަ ނުދޭތީ ކުޅުންތެރިން ހަޅުތާލުކުރުމުން، އުނދަގޫ ފައްތަރެއްގައި އޮތް ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މުސާރަ ނުދޭތީ ކުޅުންތެރިން ހަޅުތާލުކުރުމުން، އުނދަގޫ ފައްތަރެއްގައި އޮތް ނިއު ރޭޑިއަންޓް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ބީޖީ ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ އިތުރު އުނދަގޫތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެންމެ ފަހު ހަތަރު އަހަރުގެ ޗެމްޕިއަން ނިއު މިހާރު އޮތީ ހަތަރު ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް ވާދަވެރި މާޒިޔާ ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.

ބީޖީ ސްޕޯޓްސް އިން މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި ހާފުގައި ނިއު އަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެންމެ މުހިއްމު ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު) އަށް އަނިޔާވެގެން ބާލަން ޖެހުމެވެ.

ދެ ވަނަ ހާފުގައި ނިއު އަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބުނެވެ. އެކަމަކު ފޯވާޑުން ނެތުމުން، ޑިފެންސިވް ކުޅުންތެރިން ކުރިއަށް ޖެހިގެން ކުޅުނު ނިއު އަށް އެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. އެ ޓީމުގެ ބަލްގޭރިއާ ޑިފެންޑަރު ވެލިޗްކޯ އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅަ ފަޔަށް ހެޔޮވަރުކުރަން އުޅެނިކޮށް ބީޖީގެ ޑިފެންޑަރުން ވަނީ ސާފުކޮށްލައިފަ އެވެ. އޭގެ ފަހުން ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު ފުރުސަތުގައި، އޭރިއާ ތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފަހުކޮޅު ބީޖީން ލަނޑެއް ޖެހުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އެ ޓީމުގެ އިބްރާހިމް އުސާމް ފޮނުވާލި ބާރު ބޯޅަ ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ނުކުތްއިރު، ދެ ވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލުމުން ދިފާއުކުރީ ނިއުގެ ގޯލްކީޕަރު އަބޫ ސުލެއިމާނެވ

ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އެ ޓީމަށް ލީޑު ނަގައިދީފައިވަނިކޮށް ޔުނައިޓެޑް ވިކްޓަރީއަށް އެއްވަރުކޮށްދިނީ ޕެނަލްޓީއަކުން ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. މެޗުގެ ފަހުހާފު ބޯވާރޭގައި ކުޅުނުއިރު ދެ ޓީމަށް ވެސް މާ ރަނގަޅު ކުޅުމެއް ނުދެއްކެ އެވެ.

މެޗުން މޮޅުވެގެން ތާވަލުގެ ދެ ވަނަ އަށް އެރެން ޓީސީ އަށް އޮތްއިރު މިހާރު އެ ޓީމު އޮތީ ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. ޔުނައިޓެޑް ވިކްޓަރީ ހަތަރު ޕޮއިންޓާ އެކު އޮތީ ފަސް ވަނައިގަ އެވެ.