Roadha Mihaaru

މެމްބަރުން ފުލުފުލުގައި ފުލުހަށް، ހަމަނޭވާލާނެ ވަގުތެއް ނެތް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަތަކުގައި ފުލުހުން ވަރަށް "ބިޒީ" އެވެ؛ އިދިކޮޅު 14 މެމްބަރެއްގެ މައްޗަށް ޖިނާއީ ތަހުގީގުތައް ކުރިއަށް އެބަދެ އެވެ. މިއަދު މެންދުރު ފަހު 3:15 އިން ފެށިގެން ވެސް ފުލުފުލުގައި މެމްބަރުންގެ ބަޔާންތައް ނަގަން އޮތީ ނިންމައިފަ އެވެ. ފަސް މެމްބަރަކު ފުލުހަށް ހާޒިރުވާން އޮތީ ޗިޓު ފޮނުވައިފަ އެވެ.

އިދިކޮޅު މެމްބަރުން ފުލުފުލުގައި ފުލުހަށް!
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

02 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަތަކުގައި ފުލުހުން ވަރަށް "ބިޒީ" އެވެ؛ އިދިކޮޅު 14 މެމްބަރެއްގެ މައްޗަށް ޖިނާއީ ތަހުގީގުތައް ކުރިއަށް އެބަދެ އެވެ. މިއަދު މެންދުރު ފަހު 3:15 އިން ފެށިގެން ވެސް ފުލުފުލުގައި މެމްބަރުންގެ ބަޔާންތައް ނަގަން އޮތީ ނިންމައިފަ އެވެ. ފަސް މެމްބަރަކު ފުލުހަށް ހާޒިރުވާން އޮތީ ޗިޓު ފޮނުވައިފަ އެވެ.

އެއީ، ކެންދޫ ދާއިރާގެ އަލީ ހުސައިނާއި ނޮޅިވަރަމު ދާއިރާގެ ހުސައިން އަރީފާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް ދީދީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލްކަރީމެވެ.

މި މެމްބަރުންގެ މައްސަލަ ތަހުގީގުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ އިދާރާ އަށް މިދިޔަ މަހުގެ 24 ގައި ވަނުމަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅާފައިވަނިކޮށް، އެ ބޭފުޅުން ގަދަކަމުން އެ އިދާރާ އަށް ވެދެވަޑައިގެންނެވި މައްސަލައިގައި މެމްބަރުން ހާޒިރުކުރަނީ ފުލުހުންގެ ސަފުތައް ފަޅާލިކަމަށް ތުހުމަތުކޮށެވެ.

މި ތުހުމަތުގައި ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. އޭގެ ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާހު ވެސް ވަނީ ހާޒިރު ކޮށްފަ އެވެ.

ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަނީ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވެންނެވި މައްސަލައިގަ އެވެ. މި ތިން މެމްބަރުން ހައްޔަރުކޮށް ތަހުގީގު ކުރަމުން ދާ އިރު، އެ މެމްބަރުންގެ މެމްބަރުކަމާ މެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން: މީގެތެރެއިން ގިނަ ބައެއްގެ މައްސަލަތައް ދަނީ ތަހުގީގުކުރަމުން. .---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން: މީގެތެރެއިން ގިނަ ބައެއްގެ މައްސަލަތައް ދަނީ ތަހުގީގުކުރަމުން. .---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ދިއްގަރު ދާއިރާގެ އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ވޯޓު ހޯދުމަށް މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ތަހުގީގު ވެސް އަދި ނުނިމޭ އިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ބަހައްޓާތީ ވަކީލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިދިކޮޅު ސިޔާސީ ހަރަކާތުގެ ތަރުޖަމާނު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ތެރެއިން ފަހަރަކު މެމްބަރަކު ފުލުސް އޮފީހަށާއިި ކޯޓުތަކަށް ހާޒިރު ކުރަނީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް އޮތް މެޖޯރިޓީ ގެއްލުމުން ބިރު ދައްކަން ކަމަށެވެ. ފުލުހުންގެ ސަފުތައް ފަޅާލި ކަމުގެ ތުހުމަތުގައި މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރާ އިރު، އެއީ ފުލުހުންނަށް ކުރެވޭނެ ތުހުމަތެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ފުރަތަމަ ކަމަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހުގެ އިދާރާ އަށް ވެންނެވުމަކަށް ހުރަހެއް ނޭޅޭނެ ފުލުހުންނަކަށް. މަޖިލީހުގެ އިދާރާގައި މެމްބަރުން އަދާ ކުރައްވަނީ ގާނޫނީ ޒިންމާ. އެ ޒިންމާ އަށް ފުލުހުން ހުރަސް އެޅުމަށް ފަހު ތާކުންތާކު ނުޖެހޭ ތުހުމެއްގައި ފަހަރަކު މެމްބަރަކު މި ހާޒިރުކުރަނީ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ޗިޓް ފޮނުވާފައިވާ މެމްބަރުންގެ އިތުރުން ވެސް ގިނަ އަދަދެއްގެ މެމްބަރުން ހާޒިރުކުރާނެ އެވެ. ފުލުހުންގެ މިސްރާބު ހުރީ އެ ދިމާލަށް ކަަމަށް ވިދާޅުވި އެވެ.

"ފުލުސް އޮފީހާއި ކޯޓުތައް މެދުވެރިކޮށްގެން ގާނޫނާ ޚިލާފަށް މެމްބަރުންނަށް މި ދައްކާ ބިރަށް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މެމްބަރަކު ޖެހިލުމެއް ނުވޭ. އަޅުގަނޑުމެންގެ 48 މެމްބަރުންނާއި ސިއްރުން ތިބި ހަތަރު މެމްބަރުން، އެ ފިއްތުންތަކަށް ގުޑައެއް ނުލާނެ. މަރަށް ތެޅެނީ، ހަމަ ދާނީ ހުޅުނބު،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މެމްބަރުންނާ ދެކޮޅަށް ބަޔާން ދޭން އެންގި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް މީހުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. މެމްބަރުންނާ ދެކޮޅަށް އެ ދެވޭ ބަޔާނަކީ، ގާނޫނާ ޚިލާފު އަމަލު ހިންގަން ތަބާވި ކަމަށް އަމިއްލަ އަށް އިއުތިރާފްވެވުން ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.