Roadha Mihaaru
ލ. އަތޮޅުން މައިދައިތަމެން މިތިބަ އަންނަނީ ބަލައި!

ލ. އަތޮޅުން މައިދައިތަމެން މިތިބަ އަންނަނީ ބަލައި!

05 އޯގަސްޓް 2017

ލ. އަތޮޅުގެ މީހަކާ ކައިވެނި ކުރާ ނަމަ، އެހާ އާދައިގެ ގޮތަކަށް އެ އަތޮޅު މީހުން މިކަން ނަގާނެ ކަމަށް ހީނުކުރާށެވެ. ލ. އަތޮޅު ރަށެއްގެ ފިރިހެނަކު، ރަށުން ބޭރު އަންހެނަކާ ކައިވެނިކުރާނަމަ، އަންހެން ކުއްޖާ ބަލައި ދާނީ ވެސް އެ ރަށެއްގެ މީހުންނެވެ. ދޯނި ފަހަރުގައި ބޮޑުބެރު ޖަހަމުން، ނަށަމުން އަންހެން މީހާގެ ގެއާ ހަމައަށް "މައިދައިތަ"މެން ދާނެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. އަތޮޅުގެ މީހަކާ ކައިވެނި ކުރާ ނަމަ، އެހާ އާދައިގެ ގޮތަކަށް އެ އަތޮޅު މީހުން މިކަން ނަގާނެ ކަމަށް ހީނުކުރާށެވެ. ލ. އަތޮޅު ރަށެއްގެ ފިރިހެނަކު، ރަށުން ބޭރު އަންހެނަކާ ކައިވެނިކުރާނަމަ، އަންހެން ކުއްޖާ ބަލައި ދާނީ ވެސް އެ ރަށެއްގެ މީހުންނެވެ. ދޯނި ފަހަރުގައި ބޮޑުބެރު ޖަހަމުން، ނަށަމުން އަންހެން މީހާގެ ގެއާ ހަމައަށް "މައިދައިތަ"މެން ދާނެ އެވެ.

މިއީ ލ. އަތޮޅުގެ ގިނަ ރަށްރަށުގައި އޮންނަ ޒަމާންވީ އާދަކާދައެކެވެ. މިދޭތެރެއިން ސޯޝަލް މީޑިއާގައި އާއްމުވި، ކަރުގައި ފައިސާގެ ހާރެއް އަޅުވާފައި ހުރި އަންހެން މީހާގެ ފޮޓޯއަކީ ވެސް ލ. އިސްދޫގައި ކުރި ކައިވެންޏެކެވެ.

މި ފަހަރު، ލ. މާބައިދޫގެ ކައިވެންޏެކެވެ.

ފޭސްބުކްގައި މުހައްމަދު ފަޒީލް އާއްމު ކުރި މި ވީޑިއޯއިން ފެންނަނީ މާބައިދޫ ފިރިހެނަކު ކައިވެނި ކުރި އަންހެނަކު ބަލައި، އެ ރަށު މީހުން އެ އަތޮޅު އިސްދޫކަލައިދޫއަށް ދާތަނެވެ.

ދެ ދޯންޏެއްގައި އެ މީހުން އިސްދޫއަށް ދާއިރު، ދޯނިތައް ވެސް އޮންނަނީ ދިދަ ދަމައި ރީތިކޮށްލާފަ އެވެ. އެ ރަށަށް އަރައި، އަންހެން މީގާ ގެއަށް ދެވެންދެން އެ މީހުން ބޮޑުބެރު ޖަހައި، ލަވަ ކިޔައި ނަށަ އެވެ.

ލ. އަތޮޅު މީހުން މިކަމަށް ކިޔަނީ "ކައިވެނި މައްޗަށް ދިޔުމެ"ވެ.

ކައިވެނިކުރި އަންހެން ކުއްޖާ ބަލައި، މާބައިދޫ ބަޔަކު އިސްދޫއަށް ދަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

ކައިވެނިކުރި އަންހެން ކުއްޖާ ބަލައި، މާބައިދޫ ބަޔަކު އިސްދޫއަށް ދަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

މަގުމަތިން ނަށަމުން އަންނަ އަންހެންވެރިންގެ ކަރުގައި ވެސް މާފަތިތައް އަޅުވާފައި ހުރެ އެވެ. އެ މީހުންގެ އެ ލަވަތަކުގައި ވެސް އާއްމު ގޮތެއްގައި ކިޔަނީ "މައިދައިތަމެން ބަލާ އަންނަ" ވާހަކަ އާއި "މަންޖެ ބަލާ އައުމުން ފޮނުވާނުހޭ" އާއި ކައިވެނީގެ އުފާވެރިކަމުގެ ވާހަކަ އެވެ.

އަންހެން ކުއްޖާ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުންނައިރު، "މައިދައިތަ"މެން ގޮސް، "ފައިސާ ފަތިތައް" އޭނާގެ ކަރުގައި އަޅުވަ އެވެ. ފިރިހެން ކުއްޖާގެ މަންމަ އާއި އާއިލާގެ އަންހެނުންނާއި ކައިރި އަވަށްޓެރިން ވެސް ފައިސާފަތިތައް ކަރުގައި އަޅުވާއިރު ގިނަ ފަހަރަށް އެއީ ދިހަ ރުފިޔާ ނުވަތަ 20 ރުފިޔާގެ ފައިސާގެ ނޫޓެވެ. ބައެއް ފަހަރަށް އެއަށް ވުރެ ބޮޑެތި އަަދަދުތަކުން ނުވަތަ ވަކި ލާރިން ވެސް ފައިސާފަތި ހަދަ އެވެ. މީގެ އިތުރުން ވެސް އެކި ކަހަލަ ހަދިޔާތައް އަންހެން ކުއްޖާއަށް ދެ އެވެ.

އަންހެން ކުއްޖާގެ ކަރުގައި، ފިރިހެން މީހާގެ އާއިލާއިން ފައިސާފަތިތަކެއް އަޅުވަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

އަންހެން ކުއްޖާގެ ކަރުގައި، ފިރިހެން މީހާގެ އާއިލާއިން ފައިސާފަތިތަކެއް އަޅުވަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

އަންހެން ކުއްޖާ ބަލާ ފިރިހެން ކުއްޖާގެ އާއިލާއިން ދަނީ ބޮޑު ފަރިވަޅަކާއެކު އެވެ. ބޮނޑިބަތާއި ކުކުޅު ފަދަ ކާތަކެތި ހިމެނޭ އެ ފަރިވަޅު، ދެނީ އަންހެން ކުއްޖާގެ އާއިލާއަށެވެ.

އަންހެން ކުއްޖާގެ ކަރުގައި ފައިސާފަތިތައް އެލުވައި، ފަރިވަޅު ހަވާލުކުރެވުމުން ލަވަކިޔުމުގެ ރަސްމިއްޔާތު މެދުކަނޑާލަ އެވެ. ދެން އޮންނާނީ އޭނާގެ އާއިލާއިން، ރަށަށް ދިޔަ މެހެމާނުންނަށް ސައި ނުވަތަ ޖޫސް ދިނުމެވެ.

ސައި ބޮއެ ނިމުމުން، އަނެއްކާ ވެސް ބޮޑުބެރު ޖަހަމުން އަންހެން ކުއްޖާ، އޭނާ ކައިވެނި ކުރި މީހާގެ ރަށަށް ގެންދެ އެވެ. ހަމަ އެ ލަވަތަކުގައި އެ ފޯރީގަ އެވެ.

ކައިވެނި ކުރި އަންހެން ކުއްޖާގެ ކަރުގައި ފިރިހެން މީހާގެ އާއިލާއިން ފައިސާފަތިތައް އަޅުވަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

ކައިވެނި ކުރި އަންހެން ކުއްޖާގެ ކަރުގައި ފިރިހެން މީހާގެ އާއިލާއިން ފައިސާފަތިތައް އަޅުވަނީ-- ފޮޓޯ: މުހައްމަދު ފަޒީލް

މިއިން އެއްވެސް ކަމެއްގައި، ކައިވެނިކުރާ ފިރިހެން ކުއްޖާ ބައިވެރިވުމަކީ މަނާ ކަމެކެވެ.

"ގިނަ ފަހަރަށް އަންހެން ކުއްޖާ ހުންނާނީ ވަރަށް ލަދުން. އެކަމަކު މިއީ ރަށުގެ ހުރިހާ އެންމެން ވެސް ކުރާ ކަމެއް،" ވީޑިއޯ ނެގި މާބައިދުއަށް އުފަން ފަޒީލް ބުންޏެވެ.

ވަރަށް ކުރިއްސުރެ އޮންނަ މި އާދަ ލ. އަތޮޅުގެ ގިނަ ރަށްރަށުގައި އޮވެ އެވެ. ބައެއް ފަހަރު އެ އަތޮޅު އަންހެނަކު އެހެން ރަށެއްގެ ފިރިހެނަކާ އިނަސް މިގޮތަށް ކަންތައް ކުރެ އެވެ. އަދި އަމިއްލަ ރަށު މީހަކާ ކައިވެނި ކުރިޔަސް، އަންހެން މީހާ ބަލާ އޭނާގެ މައިދައިތަ އާއި ފިރިމީހާގެ އާއިލާއިން މިގޮތަށް ދެ އެވެ.

އިސްދޫއަށް ދިޔުމުން އަންހެން ކުއްޖާގެ އާއިލާއިން ފިރިހެން މީހާގެ އާއިލާއަށް ސައި ތައްޔާރުކޮށްފައި-- ފޮޓޯ: މުހައްމަދު ފަޒީލް

އިސްދޫއަށް ދިޔުމުން އަންހެން ކުއްޖާގެ އާއިލާއިން ފިރިހެން މީހާގެ އާއިލާއަށް ސައި ތައްޔާރުކޮށްފައި-- ފޮޓޯ: މުހައްމަދު ފަޒީލް

ލ. އަތޮޅުގައި އޮންނަ މި ސަގާފަތް އެންމެ ވައްތަރީ އިންޑިއާގެ ކައިވެނީގެ ރަސްމިއްޔާތަކާ އެވެ. ކައިވެނި ކުރާ އަންހެން މީހާ ގެއަށް، ފިރިހެން މީހާއާ އާއި އޭނާގެ އާއިލާ ހިމެނޭ "ބާރާތު" ދާނީ ވެސް މިގޮތަށް ބެރުޖަހައި ނަށަމުންނެވެ.