Roadha Mihaaru
ރޭގެ އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު އައިސީޔޫގައި

އަމީން ގުދަނުގެ އަލިފާނުގައި 10 މީހަކަށް އަނިޔާވެ އެކަކު އައިސީޔޫގައި

06 އޯގަސްޓް 2017

ހުޅުމާލޭގައި ހުންނަ އަމިން ކޮންސްޓްރަކްޝަންގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު 10 މީހަކަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ހުންނަ އަމިން ކޮންސްޓްރަކްޝަންގެ ގުދަނުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާ ލިބުނު 10 މީހަކަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަރުވާދިނުމަށް އެ ހޮސްޕިޓަލަށް 12 ބިދޭސީ ފިރިހެނުން ގެނައި ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލަށް ގެނައި ގިނަ މީހުންނަކީ އެހާ ބޮޑަށް ފިހިގެން ގެނައި ބައެއް ނޫން. ބޮޑަށް އެ މީހުންގެ ތަންތަން ބިންދައިގެން ދިއުން ކަހަލަ ބޮޑެތި އަނިޔާތަކެއް ލިބުނީ،" އޮފިޝަލް ވިދާޅުވި އެވެ.

"އަނިޔާވެގެން ގެނައި ގިނަ މީހުންގެ އަތާއި ފައި ބިންދައިގެން ގޮސް، މައިބަދައިގައި ރެނދުލާފައި ވަނީ. އެ މީހުން ވެސް ފިހިފައިވަނީ ވަރަށް ކުޑަކޮށް،"

ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އައިސީޔޫގައި ފަރުވާދެމުން އަންނަ މީހާގެ ހަށިގަނޑުގެ 40 ޕަސަންޓު ވަނީ ފިހިފަ އެވެ. އޭނާގެ މޫނު މައްޗާއި އަތާއި ފަޔާއި އެހެން ބައެއް ތަންތަން ފިހިފައިވާ އިރު، ހަށިގަނޑުގެ ބައެއް ތަންތަނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހާގެ ނޭވާލާ ނިޒާމަށް ވެސް މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަމީންގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ

އަމީންގެ ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ.---މިހާރު ފޮޓޯ

ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ހުރި ގުދަނަކީ، އަމިންގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރާ 300 ފްލެޓްގެ ކަންކަމާ ހަވާލުވެ ތިބި ބިދޭސީ ސީނިއާ މުވައްޒަފުން ދިރިއުޅެމުންދާ އިމާރާތެކެވެ. އެ ތަނުގެ އެންމެ ތިރީ ބުރި ގުދަނެއްގެ ގޮތުގައި ބޭނުން ކުރާ އިރު، އަނެއް ދެ ބުރި ބޭނުން ކުރަނީ އެކޮމޮޑޭޝަން ބްލޮކެއްގެ ގޮތުގަ އެވެ.

ރޭ މެންދަމު 12:30 ހާއިރު އަލިފާން ރޯވި ދެ ވަނަ ބުރި އާއި ތިން ވަނަ ބުރި އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ގުދަނަށް މާ ބޮޑެތި ގެއްލުންތަކެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ އެތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ އެމްއެންޑީއެފާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ގަޑިއެއްހާ އިރަށް ވުރެ ފަހުން ކަމަށެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު، ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން މަސައްކަތް ކުރަނީ.

ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް ސިފައިން މަސައްކަތް ކުރަނީ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ އިން ބުނީ ހާދިސާއާ ގުޅިގެން ފަރުވާ ދިނުމަށް އެ ހޮސްޕިޓަލަށް އިންޑިއާގެ 29 މީހަކާއި ދެ ދިވެހިން ގެނައި ކަމަށާއި ބައެއް މީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ އިރު، ދެން ތިބި މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ދުމުގެ އަސަރުކޮށްގެން ގެނައި މީހުންނާއި ފިހިގެން ގެނައި މީހުންނާއި ސަލާމަތްވާން ވެގެން މަތިން ފުންމާލުމުގެ ސަބަބުން އަނިޔާވި މީހުންނެވެ. އަނިޔާވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ފަރުވާ ދިނުމަށް ފަހު ހުޅުމާލެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވެސް އާސަންދަ އިން ބުންޏެވެ.

މި ހާދިސާގައި ސަލާމަތްވި ބައެއް މީހުން "މިހާރު" އަށް ކިޔައި ދިން ގޮތުގައި އެ މީހުން އިމާރާތުން ފުންމާލީ ސަލާމަތްވާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި ހަށިގަނޑުގެ ތަންތަން ބިންދައިގެން ދިޔަސް، މައްސަލައެއް ނެތް ކަމަށް ބުނެ، ގިނަ ބަޔަކު ފުންމާލި ކަމަށް އޭނާ ބުންޏެވެ.

"ފުންމާނުލި ނަމަ، ގިނަ މީހުންގެ ފުރާނަ ދިއުމުގެ ފުރުސަތު ބޮޑު. އެއީ އެހާ ވެސް ބޮޑަށް އެ ތަނުގައި ރޯވީ. ސަލާމަތްވާން އިތުރު އެއްވެސް ގޮތެއް ނެތުނީމަ ގިނަ ބަޔަކު ފުންމާލީ،" ބިދޭސީއަކު ބުންޏެވެ.