Roadha Mihaaru
"ގާނޫނުއަސާސީ ދަންތުރައަކަށް ވަނީ ހުދުމުހުތާރުވުމުން"

ގާނޫނުއަސާސީ ދަންތުރައެއްގެ ގޮތުގައި ސިފަވަނީ ޚުދުމުހުތާރު ވެރިންނަށް: ނަޝީދު

07 އޯގަސްޓް 2017

ދިވެހިންނަށް އެތައް ހައްގުތަކެއް ކަށަވަރު ކޮށްދީފައިވާ ގާނޫނުއަސާސީ ދަންތުރައަކަށްވެ، އެއަށް އަމަލުކުރަން ޖެހުމުން ބޯގޮވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރަން ނިޔަތްގަންނަ ވެރިންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިވެހިންނަށް އެތައް ހައްގުތަކެއް ކަށަވަރު ކޮށްދީފައިވާ ގާނޫނުއަސާސީ ދަންތުރައަކަށްވެ، އެއަށް އަމަލުކުރަން ޖެހުމުން ބޯގޮވަނީ ޚުދުމުހުތާރު ވެރިކަމެއް ކުރަން ނިޔަތްގަންނަ ވެރިންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އަށް މިއަދު ނުވަ އަހަރު ފުރުން ފާހަގަ ކުރަން އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެއްކި ނަޝީދުގެ ވީޑިއޯ މެސެޖުގައި، ރައީސް އަބްދުﷲ ޔާމީނަށް އަމާޒުކޮށް ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ ދަންތޫރައަކަށް ބަދަލުވެގެން ދަނީ ވެރިން ކަންކަން ކުރައްވަން މަސައްކަތް ކުރައްވާ ގޮތުން ކަމަށެވެ. ގިނަ ފަހަރަށް އެކަން ސާފުވަނީ، ވެރިކަން ގެއްލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އުއްމީދުތަކަކާ އެކު ފެހި ގާނޫނުއަސާސީ ރައްޔިތުން ހޯދީ ބުރަ މަސައްކަތުންނެވެ. މި ގާނޫނުއަސާސީއަކީ މުޒާހަރާގެ ގާނޫނުއަސާސީ ކަމަށާއި މިއިން އުފަންކުރި އެންމެ މުހިއްމު އިދާރާއަކީ ސިޔާސީ ޕާޓީ ކަމަށް ވެސް މީގެ ކުރިން ވިދާޅުވެފައިވާނެ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"އިންތިޒާމްވެ ތަރުތީބުވެގެން ހިންގާ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ކަށަވަރު ކޮށްދީފައި މިވަނީ އަޅުގަނޑުމެން މިއަދު އަމަލު ކުރަމުން މިދާ ގާނޫނުއަސާސީ. ތެދުފުޅެއް، މި ގާނޫނުއަސާސީން ވެރިކަމުގެ ބާރު ވަކިކޮށްދީފި. މުސްތަޤިއްލު މުއައްސަސާތައް އުފަންކޮށްފި. ރައްޔިތުންގެ ހައްގުތައް ޒަމާނީ ދަރަޖައިގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށް މުޅިން ގަބޫލުކޮށްފި. ލާމަރުކަޒީ ނިޒާމު އެކަށައަޅައިފި،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި އެކަށައެޅުނު ހުރިހާ ގާނޫނުއަސާސީއެއްގައި ވެސް، ރައްޔިތުންގެ ހައްގުތައް ބަޔާންކުރި ނަމަވެސް، ނަޝީދު ވިދާޅުވި ގޮތުގައި، އެ ހައްގުތައް ރައްޔިތުންނަށް ކަށަވަރެއް ނުވެ އެވެ. އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ބޭނުންވާ ވަސީލަތް ކަމަށްވާ ސިޔާސީ ޕާޓީ ނެތުން ކަަމަށާއި އެކަމަކު މިހާރު އަމަލުކުރާ ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތަކަށް ޖާގަ ދީފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

"އެ މުހިއްމު ސަބަބަށްޓަކައި ދިވެހިރާއްޖޭގެ މިއަދުގެ ސިޔާސީ ހަގީގަތް ވަރަށް ތަފާތުވެއްޖެ. ރައްޔިތުންގެ އަޑުއުފުލާނޭ ގޮތްތަކާއި މަގުތައް ރައްޔިތުން އެބަހޯދާ. ސިޔާސީ ޕާޓީތަކުން، އިންތިޒާމްވެގެން ހިނގާ ސުލްހަވެރި ސިޔާސީ ހަރަކާތްތައް، ހިމާޔަތް މިކުރަނީ، ސީދާ ރައްޔިތު މީހާ. ސީދާ ދިވެހި މީހާ. އޭނާގެ ޖިސްމު، އޭނާގެ ނަފްސު އަދި އޭނާގެ މަދަލާއި ތަރިކަ އާއި އޭނާގެ ސަގާފަތް. އޭނާ ދިރިއުޅޭ އުޅުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިފަދަ އެތަކެއް ފޮނި އުއްމީދުތަކެއް ރައްޔިތުން ކުރި އެވެ. ގައުމުގެ ތަރައްގީ އަށް ބޭނުން ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި އޮތުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން ވެއްޓިއްޖެ

ގާނޫނުއަސާސީއާ އެއްގޮތަށް ރާއްޖޭގައި އިންތިހާބުތަކެއް ބާއްވާފައިވާއިރު، އެ އިންތިހާބުތައް މިހާތަނަށް ކާމިޔާބުވެފައި ވަނީ އިއްތިހާދު ހަދައިގެން ކަން ފާހަގަކުރެއްވި އެވެ. މި އިއްތިހާދުގެ ތެރެއިން، ކުޑަ އަގްލަބިއްޔަތެއް ލިބި ސަރުކާރު އެކުލަވާލާ ޕާޓީ އިން އެންމެ ބޮޑު އިސްކަމެއް ދެނީ ވެރިކަމުގެ ބާރު އެ ޕާޓީއިން ސަކާކުރުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް މަސައްކަތް ކުރައްވަނީ އެ ބޭފުޅާގެ ވެރިކަމުގެ ބާރު އިތުރުކުރުމަށް. އެ ބޭފުޅާގެ ކިބައިގައި ވެރިކަމުގެ ގިނަ ބާރު ބެހެއްޓެވުމަށް. ނަތީޖާއަކަށް ވެދަނީ ސިޔާސީ ވާދަވެރިންނަށް އަނިޔާވުން އަދި ގާނޫނުއަސާސީ އުއްމީދުކުރާ ފިޔަވަޅުގައި ވެރިކަމުގެ ކަންކަން ކުރިއަށް ނުދިޔުން،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިއްތިހާދުވުމުގެ ހަމަތަކާއި އުސޫލްތަކަށް ރައްޓެހި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފުރިހަމަ ރިޔާސީ ނިޒާމަކީ އިއްތިހާދުވުމާ ބީރައްޓެހި ނިޒާމެއް ކަމަށް ވިދާޅުވި އެވެ.

"މިއަދުގެ ގާނޫނުއަސާސީގެ ދަށުން ވެރިކަން ކުރައްވާ ވެރިޔާ، ވެރިކަމުގެ ބާރު އެއްކުރެއްވުމުގެ ނިޔަތުގައި އެ ބޭފުޅާގެ ވާދަވެރިން އެކަހެރިކުރަން މަސައްކަތް ކުރައްވައިފިނަމަ ވެރިކަން ވެއްޓޭނެ،" ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމީނުގެ ވެރިކަން ވެއްޓިއްޖެ. ވެރިކަމަށް ވަޑައިގަންނެވި އިއްތިހާދު ރޫޅިއްޖެ. ރައްޔިތުންގެ މަޖިލިސްގެ އަޣުލަބިއްޔަތު ގެއްލިއްޖެ. މިއަދު ރައީސް ޔާމީނުގެ ވެރިކަން ދެމެހެއްޓޭނެ ހަމަ އެއްގޮތެއް ވެސް ނެތް."

އިއްތިހާދަކުން ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވަނީ އެ އިއްތިހާދު ރޫޅާލައި އެމަނިކުފާނުގެ އަތްމައްޗަށް މުޅި ވެރިކަން ދީލާލާފައި ކަމަށް ވިދާޅުވި އެވެ.

"ވާދަވެރިން ހިފާ ހައްޔަރުކޮށް ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވެ ވައްކަމާއި ފަސާދައިގަ ތިމާ ތުހުމަތުވެ، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލަށް ގެނެސް އަދި އަމުދުން ތިމާގެ އަމިއްލަ ލޭ ހިނގާ ގާތް ތިމާގެ މީހުންނަށް އަނިޔާކުރަން ފެށީމަ އެ އުޅެވެނީ ރަނގަޅަކަށް ނޫން. އެހުރީ ގާނޫނުއަސާސީ އާއި ޚިލާފުވެފަ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ހަލާލުކަން ގެއްލިދާކަން ކޯނީ ރިޕޯޓުން ވަނީ ސާފުވެފަ އެވެ.

"އެ ރިޕޯޓްގައިވާ އެންމެ ސާފު އެއް ހަގީގަތަކީ ވެރިކަމަށް އައުމަށް އުފައްދާ އިއްތިހާދު ރޫޅިއްޖެނަމަ ވެރިކަމުގެ ހަލާލުކަން ގެއްލިދާކަން. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގެ ސައްހަކަން ގެއްލިއްޖެ. ދެން އިތުރަށް ވެރިކަމުގައި ހުރެވިގެން ނުވާނެ. އަޅުގަނޑުމެން ނުކުމެ މިކަން ބަދަލު ކުރަންވާނެ،" ނަޝީދު ވިދާޅުވި އެވެ.