Roadha Mihaaru
އަނަސްގެ ގާތިލުންގެ ބަންދަށް 8-10 ދުވަސް

އަނަސްގެ ގާތިލުންގެ ބަންދަށް 8-10 ދުވަސް

09 އޯގަސްޓް 2017

މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުންގެ ބަންދަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ދީފައި ވަނީ 8-10 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީގައި މަރާލި މުހައްމަދު އަނަސްގެ ގާތިލުންގެ ބަންދަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ދީފައި ވަނީ 8-10 ދުވަހުގެ މުއްދަތެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ މ. އަސަރީހިޔާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި 12 މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން ދީފައިވަނީ އެކި ދުވަސްތަކެކެވެ.

އަސަރީހިޔާ އިން އެ ރޭ ކުޑަކުދިންތަކެއް ވެސް ހައްޔަރު ކުރި އެވެ. އެގެއިން ހައްޔަރު ކުރި ބައެއް މީހުންނަކީ އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުންނާއި ޖުވެނައިލް ކޯޓުން ޖެހީ މިދިޔަ ހޯމަ ދުވަހު އެވެ.

ނަމަވެސް އަނަސްގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރީ ކިތައް މީހުން ކަމެއް އަދި އެ މީހުންގެ ނަމެއް، ފޮޓޯއެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އަނަސްގެ ގާތިލުންގެ ބަންދަށް 8-10 ދުވަހުގެ މުއްދަތެއް ޖެހިއިރު، އިދިކޮޅު ސިޔާސީ ބައެއް މީހުންގެ ބަންދަށް ގަަވައިދުގައި ބުނާ އެންމެ ދިގު މުއްދަތު (15 ދުވަސް) އަދި ބައެއް މީހުން ޝަރީއަތް ނިމެންދެން ވެސް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައި ވަނީ އެ މައްސަލައިގެ ޝަރީއަތް ނިމެންދެންނެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު އަދި ނުވެސް ނިމެ އެވެ.

މީގެ އިތުރުން މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް އެ ބޭފުޅުން ވަން މައްސަލާގައި އިދިކޮޅު ތިން މެމްބަރެއްގެ ބަންދަށް ވެސް ޖެހީ 15 ދުވަހަށެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ހަށިގަނޑުގެ 37 ތަނަކަށް ވަޅިން ހަމަލާދީ އަނަސް 25، މަރާލީ މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް މަރައިލި އިރު، އޭނާ ދިޔައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.

މި ފަހުން މާލޭގައި ހިންގި މާރާމާރީތަކާ ގުޅުންހުރި 34 މީހުން ހޯދުމަށް ވެސް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާލޭގައި މި ފަހުން ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމް، 24، އާއި އަނަސް އެވެ. ނަމަވެސް ނަދީމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެ އެވެ.