Roadha Mihaaru
ރުޅި ނައިއްޔާ ދެރަ! ފުލުހުން ކޮބައިތަ؟

ރުޅި ނައިއްޔާ ދެރަ! ފުލުހުން ކޮބައިތަ؟

01 އޯގަސްޓް 2017

އާންމުން ރުޅި ގަދަވެގެން ހަފުސް ނުވިއްޔާ ދެރަ އެވެ. ތިން ދުވަހުގެ ތެރޭގައި ވަޅި ޖަހައިގެން މަރުގެ ދެ ހާދިސާ ހިނގައި، ރައްޔިތުން ބިރުން ފިތްކަނޑާލައިފި އެވެ. އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އަކަ ކިލޯ މީޓަރެއް ހަމަނުވާ ވެރިރަށުގައި ތިބިހާ ފުލުހުން ކޮބައި ހެއްޔެވެ؟

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އާންމުން ރުޅި ގަދަވެގެން ހަފުސް ނުވިއްޔާ ދެރަ އެވެ. ތިން ދުވަހުގެ ތެރޭގައި ވަޅި ޖަހައިގެން މަރުގެ ދެ ހާދިސާ ހިނގައި، ރައްޔިތުން ބިރުން ފިތްކަނޑާލައިފި އެވެ. އެންމެން ވެސް ކުރަނީ އެއް ސުވާލެކެވެ. އަކަ ކިލޯ މީޓަރެއް ހަމަނުވާ ވެރިރަށުގައި ތިބިހާ ފުލުހުން ކޮބައި ހެއްޔެވެ؟

މި ސުވާލަކަށް ދެވިދާނެ ވަރަށް ގިނަ ޖަވާބު އެބަހުއްޓެވެ. އެ ޖަވާބުތައް އާންމުން ދެނީ ވެސް ތަފާތު ގޮތްގޮތަށެވެ. އެންމެންނަށް ވެސް ފެންނަނީ އެއް މަންޒަރެކެވެ. ފުލުހުން ބިޒީވެގެން އުޅެނީ ކޮން ކަމެއްގައި ކަމާއި ކުރަނީ ކޮން ކަމެއް ކަމާއި އިސްކަން ދީފައި ވަނީ ކޮން ކޮން ކަންތައްތަކަކަށް ކަން އެއީ ސިއްރެއް ނޫނެވެ. ސިޔާސީ އެއްވެސް ކަމެއްގައި ފުލުހުން ބިޒީ ނުވާ ވަރަށް މިއީ ބިޒީ ދުވަސްކޮޅެކެވެ. އެހެންވެ، ދެން ހުރި ކަންތައް އަތުން ދޫކޮށްލެވިފައި އޮތުން އެއީ ހަމަ ވެދާނެ ކަމެކެވެ. ގައިމު، ވަޅީގެ ހަމަލާތަކެއް ފުލުފުލުން އޮހި، ދެ މީހަކު ގަތުލުވެގެން ދިޔައިރު އެކަން މިއޮތީ ފެންނާށެވެ.

ގޭންގު މާރާމާރީތަކެއް ހިނގާ ކަމާއި މާލެތެރެ ނުރައްކާތެރި ހާލަތަކަށް ވެއްޓުނުތާ ހަފުތާއަކަށް ވުރެ ގިނަ ވެއްޖެ އެވެ. ފުލުހުންގެ އިންޓެލިޖެންސް އަށް ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ ވަޅި ޖަހައި ޒުވާނަކު މަރާލިތާ 72 ގަޑިއިރު ވީ އިރު އެ މައްސަލައިގައި މީހަކު ހައްޔަރު ނުކުރެވުނު ތާނގައި ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވެސް އަދި ބުނެނުލަ އެވެ. ރައްޔިތުން ތިބި ހާސްކަން ފިލުވާލުމަށް ޓަކައި ފުލުހުން ކުރަނީ ކީއްކަމެއް ވެސް ނޭނގެ އެވެ. މިއީ ކިހިނެއް ވެގެން އުޅޭ ކަމެއް ކަމެއް ވެސް އަދި މީގެ ކޮޅެއް މިނެއް ވެސް ނޭނގެ އެވެ. އެންމެ ކުޑަވެގެން މާލެތެރެ ބަލަހައްޓާ ތަނެއް ވެސް ނުފެނެ އެވެ. މިކަން މިހެން އޮތްއިރު، ގޭންގު މާރާމާރީތައް ހައްދުން ނެއްޓިގެން ހިނގައިދާނެ ކަމުގެ އިންޒާރުތަކާއި ބަދަލު ހިފުމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ގައުމު ހިންގަނީ ރައްޔިތުން ދައްކާ ފައިސާއިންނެވެ. ދައުލަތުގެ ހުރިހާ އެންމެންނަށް މުސާރަ ދެނީ އެ ފައިސާ އިންނެވެ. ބުރަ މަސައްކަތުން ރައްޔިތުން ހޯދާ ފައިސާ ބަޔަކަށް މުސާރަ ދޭން މި ހޭދަކުރާ މައިގަނޑު ސަބަބަކީ މި އެވެ؛ އެ މީހުންނަށް އަމާން ދިރިއުޅުމެއް ހޯދާށެވެ. އުފާވެރިކަމާ އެކު ހަޔާތެއް ވޭތުކުރާށެވެ. ހިދުމަތްތައް ފުރިހަމަ ކުރާށެވެ. އެ މީހުންގެ ދަރިންނަށް ރަނގަޅު ތައުލީމަކާއި ތަރުބިއްޔަތެއްގެ މަތީގައި ބޮޑުކުރާށެވެ. ހަމަ އެހެންމެ، ރައްކާތެރިކަން ކަށަވަރު ކުރާށެވެ! އެކަމަކު މިކަންކަން ހާސިލް ނުވާ ނަމަ ސަރުކާރެއް ވެސް އަދި ފުލުހުންނެއް ވެސް، އަދި އަދުލުއިންސާފުގެ ވެސް ބޭނުމެއް ނެތެވެ.

ރައީސް އަބްދުﷲ ޔާމީން ވަރަށް ގިނައިން ވިދާޅުވެ އެވެ؛ ތިމަން މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ހަނގުރާމަ ކުރެއްވުމަށެވެ. ސިޔާސީ މީހުންގެ ސިޔާސީ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވުރެ އެމަނިކުފާނަށް މުހިންމީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ ހުރި ބޮޑެތި މައްސަލަތަކާ ކުރިމަތިލެއްވުމެވެ. އެކަމަކު އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެއިން ކަމަކާ، ރަނގަޅު ހައްލެއް އަންނާނެ ގޮތަށް، ކިހާ ބޮޑަކަށް ސަރުކާރުން އުޅެފިތޯ ސުވާލު އުފެދެ އެވެ. ގައުމުގައި ހުރި މިކަހަލަ ބޮޑެތި ކަންކަމަށް ސަމާލުކަން ދެވުނު ނަމަ ދެ ދުވަހުން އެއް ދުވަހު ޒުވާނަކު ކޮށާލެވެންވީ ކީއްވެގެން ހެއްޔެވެ؟

އަޅުގަނޑު ވެސް ގަބޫލުކުރަމެވެ؛ ގޭންގު މާރާމާރީ އާއި ގޭންގު ކުށްތައް އަދި ވަޅި ޖެހުމާއި މީހުން ކަތިލުމަކީ ހަމައެކަނި މި ސަރުކާރު އޮތް އިރު ހިނގި އަދި ހިނގާ ޖަރީމާތަކެއް ނޫނެވެ. ނަމަވެސް، ކުރިން ވެސް މިކަންކަން ހިނގިޔޭ ކިޔާފައި މިކަން ދޫކޮށްލައިގެން ވާކަށް ނެތެވެ. މޫނު ނިވާކޮށްގެން ތިބެ، އާންމުންގެ ތެރެއިން ދުއްވާފައި ގޮސް މީސްމީހުން ކަތިލާއިރު މިކަން ހުއްޓުވަން އެބަ ޖެހެ އެވެ. މިއީ، ރައްޔިތުން ހިމާޔަތް ކޮށްދޭން ބޮޑު ހުވައެއް ކޮށްފައި ތިބި ފުލުހުންނާއި ސިފަައިން ވެސް ތިބި ގައުމެކެވެ. މިކަންކަން ނުހުއްޓުވޭ ނަމަ ފުލުހަކު ވެސް އަދި ސިފައިންނެއް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު އެންމެ ފަހުން ހިނގައިދިޔަ ދެ މަރުން ވެސް ފެނިގެން މިދަނީ ފުލުހުން، އަދި އަމަން ބަލަހައްޓާ ފަރާތްްތައް ނާކާމިޔާބުވެފައިވާ މަންޒަރެވެ.

ލޮނުޒިޔާރަތް މަގުގައި ހުންނަ ކެފޭއެއްގައި ޒުވާނަކު މަރާލިއިރު އެ ކެފޭ އަށް ވަންނަ މީހުން ފެންނަ ގޮތަށް ކެމެރާ ހަރުކޮށްފައި އެބަ ހުއްޓެވެ. އެ ކެމެރާތަކަށް ނާރާ ގޮތަށް ކެފޭ އަށް ވަދެ މީހަކަށް ހަމަލަދިނުމަކީ ނާދިރު ކަމެކެވެ. އެކަމަކު މަރާލި ޒުވާނާ އަށް ހަމަލަދިން މައްސަލައިގެ ތުހުމަތަށް އެކަކު ވެސް ހައްޔަރު ނުކުރެވި، އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ތުހުމަތުކުރެވޭ މީހަކު ހުރި ކަމެއް ވެސް ނޭނގެ އެވެ.

ރޭ މާލޭގެ ގަރާޖެއްގެ ތެރޭގައި ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި ޒުވާނާގެ ގައިން ފޭބި ލޭތައް

ރޭ މާލޭގެ ގަރާޖެއްގެ ތެރޭގައި ވަޅި ހެރުމުގެ ސަބަބުން ޒަޚަމްވި ޒުވާނާގެ ގައިން ފޭބި ލޭތައް

އެންމެ ފަހުން ރޭ ގެ މާރާމާރީގައި ޒުވާނަކު "ކޮށާލި" އިރު އަދިވެސް މީހަކު ހައްޔަރެއް ނުކުރެވެ އެވެ. ސައިކަލް ވިއްކާ ތަނެއްގައި ހުއްޓައި ދިން މި ރަހުމް ކުޑަ ހަމަލާގައި އޭނާ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ. ފުލުހުންގެ ހަބަރެއް އަދި ނުވެ އެވެ.

ގޭންގްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ޒަމާނުއްސުރެ ދިވެހި ފުލުހުން ވަނީ ނުކުދިފަ އެވެ. އެ މީހުންނާ ދެކޮޅަށް އެޅޭ ފިޔަވަޅެއް ނެތެވެ. ޒުވާނުން މިފަދަ ގޭންގްތަކުގެ ތެރޭގައި ފާޅުގައި ހަރަކާތްތެރިވާއިރު، ބައެއް ހާލަތްތަކުގައި އެފަދަ ޒުވާނުން ފެންނަނީ ސިޔާސީ މީހުންގެ ފަހަތުންނެވެ. އެއީ އެ މީހުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވެ އެވެ. ބައެއް ސިޔާސީ މީހުންނާ މިފަދަ ޒުވާނުންނާ ގާތް ގުޅުމެއް އޮންނަ ކަން އެންމެންނަށް ވެސް އެނގެ އެވެ. އެއީ ވެސް މާ ބޮޑު ކަމަކަށް ނުވެ އެވެ.

މާލޭގައި މިދިޔަ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާރާމާރީ އާންމުވެ، ދެ މީހަކު މަރުވިއިރު ފުލުހުން ފެންނަނީ ސިޔާސީ މީހުންގެ ފަހަތުން ދުވެ، ގާނޫނަކުން ކިތަންމެ ކުޑަ ތަންކޮޅެއްގައި ވެސް ހިފައިގެން އެ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ގޮތެއް ހޯދުމުގައި މަސްއޫލުވެ އުޅޭ ތަނެވެ. ފެންނަ ފެނުމުން ފުލުހުންގެ ބޮޑު ވަސީލަތެއް އަމާޒު ކޮށްފައި ވަނީ ސިޔާސީ އިދިކޮޅު މީހުންނާ ތަފާތު މައްސަލަތަކުގައި ސުވާލުކޮށް، ތަހުގީގު ހިންގުމަށެވެ. ކިތަންމެ އާދައިގެ ކަމެއްގައި ވިޔަސް، ސިޔާސީ މީހުން ޖަލަށް ލައި އަދަބު ދިނުމުގަ އެވެ. ސިޔާސީ އިދިކޮޅު މީހުން އެއްވެ، މުޒާހަރާ ކޮށްފާނެތީ ޝީލްޑާއި މުގުރުބުރި ހިފައިގެން އެ މީހުންގެ ފަހަތުން ދުވުމުގަ އެވެ. ސިޔާސީ އިދިިކޮޅު މީހުންގެ ޖަގަހަތަކުގެ ކައިރީގައި ފޯރި މެރުމުގަ އެވެ.

ހޯމް މިނިސްޓަރު އަޒްލީން (މ) އަދި ޕޮލިސް ކޮމިޝަނަރު އަރީފް (ވ) ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

ހޯމް މިނިސްޓަރު އަޒްލީން (މ) އަދި ޕޮލިސް ކޮމިޝަނަރު އަރީފް (ވ) ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---މިހާރު ފައިލް ފޮޓޯ

ގޭންގް މާރާމާރީތަކާ މެދު މި ގައުމުގެ ސަރުކާރުތަކުން ކަންބޮޑުވާ ނަމަ މި ހިސާބަށް ކަންކަން ދާކަށް ނުޖެހޭނެ އެވެ. ހުއްޓުވާނެހާ ދުވަސް ވެއްޖެ އެވެ. ތިން ދުވަސް ތެރޭގައި ދެ މަރު އައިއިރު، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ކޮބައި ހެއްޔެވެ؟ ފުލުހުންގެ އިސްވެރިން ކޮބައި ހެއްޔެވެ؟ ކަންބޮޑުވި ތަނެއް ނުފެނެ އެވެ. ކުރާ ކަމެއް ފެންނާކަށް ނެތެވެ. އެކަމަކު ސިޔާސީ އިދިކޮޅު ހަރަކާތާ ގުޅިގެން އިހަށް ދުވަހު ވެސް ހޯމް މިނިސްޓްރީ އަށް ބަޔާނެއް ނެރެވުނެވެ. ނަމަވެސް މިހާރު މި ހިންގާ މާރާމާރީ އާއި މީހުން ކަތިލާއިރު، ހޯމް މިނިސްޓްރީ އޮތީ ނިދާފަ އެވެ. ދެން އޮތީ ޕޮލިސް ކޮމިޝަނަރުގެ ވާހަކަ އެވެ. ބްލަޑް ޕްރެޝަރު މައްޗަށް ގެންދަން ބޭނުން ނުވާތީ، އޭނާގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ.