Roadha Mihaaru
ޑޮލަރުގެ ކަޅު ބާޒާރުގެ ނެޓްްވޯކު ވަރުގަދަ ވަނީ!

ޑޮލަރުގެ ކަޅު ބާޒާރުގެ ނެޓްްވޯކް ވަރުގަދަވަނީ، ދެން ކޮން ގޮތެއް؟

23 މެއި 2016

ރައީސް އަބްދުﷲ ޔާމީން 2013ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތްޕުޅު ހިމެނެ އެވެ. އެ މަސައްކަތްޕުޅު އެމަނިކުފާނު ކާމިޔާބު ކުރެއްވި އެވެ. ޔާމީން ވެރިކަމަށް ވަޑައިގަތްއިރު ރާއްޖެ އޮތީ، ޑޮލަރުގެ ކަޅު ބާޒާރެއްގެ ހާއްޔެއްގެ ތެރޭގައި ކަން އެއީ އެކަކު ވެސް ނުދަންނަ ކަމެއް ނޫނެވެ. ފަތިހު ފަތިހާ ބޭންކުތައް ދޮށުގައި ދިގު ކިޔޫ ހަދައިގެން ތިބި މަންޒަރު އެއީ އޭރު އާންމު މަންޒަރެކެވެ. އެތައް ގަޑިއިރަކު ރޯއަވީގައި ކިޔޫގައި ހުރެގެން ޖީބަށް އެންމެ 200 ޑޮލަރު ލައިގެން އަސަރާ އެކު ދިޔަ މަންޒަރު މާޒީ އަށް ބަދަލުކޮށްލީ ރައީސް ޔާމީނެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރައީސް އަބްދުﷲ ޔާމީން 2013ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި ޑޮލަރުގެ ދަތިކަން ހައްލު ކުރުމުގެ މަސައްކަތްޕުޅު ހިމެނެ އެވެ. އެ މަސައްކަތްޕުޅު އެމަނިކުފާނު ކާމިޔާބު ކުރެއްވި އެވެ. ޔާމީން ވެރިކަމަށް ވަޑައިގަތްއިރު ރާއްޖެ އޮތީ، ޑޮލަރުގެ ކަޅު ބާޒާރެއްގެ ހާއްޔެއްގެ ތެރޭގައި ކަން އެއީ އެކަކު ވެސް ނުދަންނަ ކަމެއް ނޫނެވެ. ފަތިހު ފަތިހާ ބޭންކުތައް ދޮށުގައި ދިގު ކިޔޫ ހަދައިގެން ތިބި މަންޒަރު އެއީ އޭރު އާންމު މަންޒަރެކެވެ. އެތައް ގަޑިއިރަކު ރޯއަވީގައި ކިޔޫގައި ހުރެގެން ޖީބަށް އެންމެ 200 ޑޮލަރު ލައިގެން އަސަރާ އެކު ދިޔަ މަންޒަރު މާޒީ އަށް ބަދަލުކޮށްލީ ރައީސް ޔާމީނެވެ.

އެ ހިސާބުން އެންމެންނަށް ވެސް ގަބޫލު ކުރެވުނީ ހަގީގަތުގައި ވެސް އެއީ މާޒީ ކަމެވެ. އެކަމަކު އެ މާޒީ އެނބުރި އަނެއްކާ އަތުވެއްޖެ އެވެ. ނުވަތަ އޭގެ ކުލަތައް އަނެއްކާ ފޭދެން ފަށައިފި އެވެ. ޑޮލަރުގެ ތާށިކަން ބޮޑުވަމުން ދާން ފަށައިފި އެވެ. ޑޮލަރުގެ އަގު ބޮޑުވާން ފަށައިފި އެވެ. ބޭންކުތަކުން ޓިކެޓް ހިފައިގެންދާ މީހަކަށް 500 ޑޮލަރު ވިއްކި ނަމަވެސް، ވިޔަފާރިވެރިން މުދާ އެތެރެކުރަން ބޭނުންވާ މިންވަރާ ކައިރި އަދަދަކަށް ވެސް ބޭންކުތަކުން އަދިވެސް ޑޮލަރެއް ނުވިއްކަ އެވެ. އާއްމުކޮށް ބޭންކުތަކުން ވިޔަފާރިވެރިންނަށް ވިއްކަނީ އެތެރެކުރާ މުދަލުގެ އަގުގެ 20 ޕަސެންޓަށްވާ މިންވަރަށެވެ. އެހެންވެ ވިޔަފާރިވެރިންނަށް މަޖުބޫރުވެފައި ވަނީ ކަޅު ބާޒާރުން ޑޮލަރު ގަތުމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކަން ރަސްމީކޮށް ހުއްދަ ދީފައި ވަނީ ބޭންކުތަކުގެ އިތުރުން މަނީ އެކްސްޗޭންޖް ކުރަން ލައިސަންސް ނަގާފައިވާ ފަރާތްތަކަށެވެ. ޑޮލަރު ވިއްކަން އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ވިއްކުމަކީ މަނާ ކަމެކެވެ. ބޭންކުތަކުން އާއްމުންނަށް ޑޮލަރު ވިއްކާ އަގަކީ 15.42ރ. ކަމަށްވާ އިރު، އެ އަށް ވުރެ ބޮޑު އަގުގައި ވިއްކަމުން ދާއިރު ވެސް އެކަން ހުއްޓުވުމަށް މިހާތަނަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާ ތަނެއް ނުފެނެ އެވެ.

ޑޮލަރުގެ މައްސަލަ ހައްލު ނުވުމާ ގުޅިގެން އެއީ ވަރަށް ގިނަ ބަޔަކު އާމްދަނީ ހޯދަން ކުރަމުން އަންނަ ވިޔަފާރިއަކަށް ވަނީ ވެފަ އެވެ. މިކަމުގައި ދިވެހިންގެ އިތުރުން ބިދޭސީން ވެސް ދަނީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ.

ކަޅު ބާޒާރުގެ މުގުލުގައި ދިވެހިން

ޑޮލަރުގެ ކަޅު ބާޒާރުގައި ހަރަކާތްތެރިވާ މީހުން ދަނީ ދުވާލަކު ލައްކައިން ވިއްކައިގެން ބޮޑު ފައިދާއެއް ނަގަމުންނެވެ. މިކަމުގައި އެންމެ އިސްކޮށް ތިބީ ދިވެހިންނެވެ. އެކަން ކުރަނީ ސިއްރަކުން ވެސް ނޫނެވެ. ވަރަށް ފާޅުގައި، ބޭންކުތައް ދޮރުމަތީގަ އާއި ސައި މޭޒު ދޮށުގައި ތިބެގެންނެވެ. އެ ތަންތަނުގައި ތިބެގެން، އެ މީހުން ގުޅަނީ ރިސޯޓްތަކާއި މަސް އެކްސްޕޯޓްކުރާ ކުންފުނިތަކާ އެވެ. މިކަން ކުރަނީ ދެ ފަރާތަށް ވެސް ބޮޑު ފައިދާއެއް ލިބޭ ގޮތަށް އެއްބަސްވެގެންނެވެ.

"އާއްމުކޮށް ގަންނަނީ 15.42ރ. އަށް ވުރެ ބޮޑުކޮށް. އަދި އެ އަށް އިތުރު ދިހަ ވަރަކަށް ލާރި ލުމަށް ފަހު އެހެން ފަރާތްތަކަށް ވިއްކަނީ،" އެވްރެޖްކޮށް ދުވާލަކު ލައްކައަކަށް ވުރެ ގިނަ ޑޮލަރު ވިއްކާ މީހަކު ބުންޏެވެ.

ކަޅު ބާޒާރަށް ޑޮލަރު ނެރުމުގައި ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ބައެއް ކުންފުނިތަކުން ވެސް ބައިވެރިވެ އެވެ. އެ ފަރާތްތަކުން ބޭންކުތަކަށް މާރުކުރުމުގެ ބަދަލުގައި ކަޅު ބާޒާރަށް ދުވާލަކު އެތައް ލައްކަ ޑޮލަރެއް ވިއްކާ ކަމަށްވެ އެވެ. އެއީ، ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވޭ ވެސް އެންމެ ބޮޑު ސަބަބެވެ.

ކަޅު ބާޒާރު ނައްތާލެވޭނެތަ؟

ބޮޑު އަގުގައި ޑޮލަރު ވިއްކާތީ އެންމެން ވެސް ކަންބޮޑުވެ އެވެ. އޭގެ ތެރޭގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ފުލުހުން އަދި އެމްއެމްއޭ ވެސް ހިމެނެ އެވެ. އެކަމަކު އެކަން ހުއްޓުވުމަށް ކަމާ ބެހޭ ފަރާތްތަކަށް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ކަޅު ބާޒާރުގައި ޑޮލަރު ވިއްކާތީ އެކަމާ މެދު ކަންބޮޑުވެގެން މަޖިލީހުގެ މެމްބަރުން މިދިޔަ މާޗު މަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވަނީ ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީގައި ވާހަކަދައްކަވަމުން އަޒީމާ ވަނީ ޑޮލަރު ބޮޑު އަގުގައި ވިއްކުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުގެ ތަފުސީލް ވެސް އޭނާ ދެއްވި އެވެ. އެ ގޮތުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް ހޯދުމަށް ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން މަނީ އެކްސްޗޭންޖް ކުރުމުގެ ލައިސަންސް ދިނުމުގެ އުސޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން ވެސް އޭނާ އިއުލާން ކުރެއްވި އެވެ.

އެކަމަކު އެ އުސޫލުތަކުން ވެސް އެ މައްސަލަ ހައްލުވެދާނެ ކަމަކަށް ނުބެލެވެ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ މިކަމަކީ ބޮޑެތި ވިޔަފާރިވެރިންނަށް ވެސް ބައި އެޅޭ ގޮތަށް އެ މީހުން އަޑީގައި ތިބެގެން ކުރަމުން އަންނަ ބޮޑު ވިޔަފާރިއަކަށް ވާތީ އެވެ.

"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތައް ކަމާ ބެހޭ ފަރާތްތަކާ މި ދަނީ ހިއްސާކުރަމުން. އަޅުގަނޑުމެންނަށް ނޯވޭ ބަޔަކު ހިފައި ހައްޔަރުކުރެވޭކަށް. އެހެންވެ އެ ބާރު އޮންނަ ފަރާތްތަކަށް ގަވާއިދުން އަންގަމުން ގެންދަން،" އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.

މަރުކަޒީ ބޭންކުން ގަބޫލުކުރާ ގޮތުގައި ޑޮލަރު ނުލިބުމާ ގުޅިފައިވާ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ބޭންކުތަކަށް މާރުކުރުމުގެ ބަދަލުގައި ކަޅު ބާޒާރަށް ވިއްކަމުން ގެންދާތީ އެވެ. އޭގެ ސަބަބުން އެތައް ބަޔަކަށް ޑޮލަރު ލިބުމުގެ ދަތިކަން އިންތިހާ އަށް އިހުސާސްކުރަން ޖެހޭ ކަމަށް އެ އިދާރާގެ އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަފުތާއަކު ހަތަރު މިލިއަނަށް ވުރެ ގިނަ އަދަދަކަށް ޑޮލަރު ބޭންކުތަކަށް އެތަނުން ވިއްކަ އެވެ. އަދި އެންމެ ޑިމާންޑް ބޮޑުވާ ދުވަސްވަރު ޑޮލަރު ވިއްކާ އަދަދު އެ އަށް ވުރެ އިތުރުކުރާ ކަމަށް ގަވަރުނަރު އަޒީމާ ވިދާޅުވެފައިވެ އެވެ. އޭގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ ޑިމާންޑް ކޮންމެ ވެސް ވަރަކަށް ދަށްވާ ކަމަށް އެ ކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުންޏެވެ.

"އާއްމުކޮށް ބޮޑެތި އަދަދުތަކުން އަހަރެމެން ވިއްކަނީ. އެއީ ޓީޓީއެއް ހަދަން ބޭނުންވެގެން އަންނަ މީހަކަށް. ނޫނީ މުދާ ގަންނަން ބޭރަށް ދާ މީހަކަށް. ވަކި ވަކިން ކުދި އަދަދުތަކުން ޑޮލަރު ގަންނަނީ ވަރަށް މަދު މީހެއް،" ޑޮލަރުގެ ވިޔަފާރި ކުރާ އެހެން މީހަކު ބުންޏެވެ.

ޑޮލަަރުގެ ކަޅު ބާޒާރު ހުއްޓުވުމަކީ އެންމެން ވެސް ބޭނުންވާ ކަމެކެވެ. ނަމަވެސް މިހާރު ހެދިފައިވާ ގަވާއިދުތަކާއި އަމަލުކުރަމުން އަންނަ އުސޫލަށް ބަލާއިރު އެކަން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ބޮޑެތި ފިޔަވަޅުތަކެކެވެ. އެހެން ގައުމުތަކުގައި ވެސް އަމަލުކުރަމުން އަންނަ ގޮތަށް ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކުތަކަށް މާރުކުރުން މަޖުބޫރުކުރަން ޖެހެ އެވެ. އަދި އެތެރޭގައި ކުރާ ޑޮލަރުގެ މުއާމަލާތްތައް ހުއްޓުވުމަކަށް ގެނެސް، ބޭރު ފައިސާ މާރުކުރުމުގެ އުސޫލްތައް ވަރުގަދަކޮށް ހެދިފައިވާ އުސޫލްތަކާ ހިލާފަށް ޑޮލަރު މާރުކުރުން ނިމުމަކަށް ގެންނަން ޖެހެ އެވެ.

ކަޅު ބާޒާރު ނިމުމަކަށް ގެންނަން ޖެހެނީ އެންމެންގެ ހައްގުގަ އެވެ. ހާއްސަކޮށް، ބޭސްފަރުވާ ފަދަ އަސާސީ ބޭނުންތަކަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ލުޔެއް ހޯދައި ދިނުމުގެ ބޭނުމުގަ އެވެ. އެކަމަކު، މި މައްސަލަ އަށް ބޭނުން ވަނީ ދާއިމީ ހައްލެކެވެ.