Roadha Mihaaru
ކަރަންޓު ނެޓުވޯކު ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި

މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ ޑިޒައިން ކުރަން ބަޔަކާ ހަވާލުކޮށްފި

27 ޖޫން 2016

މާލެ އާއި ހުޅުމާލޭ ކަރަންޓު ނެޓްވޯކުން ގުޅާލުމަށް އެ ނެޓްްވޯކް ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލެ އާއި ހުޅުމާލޭ ކަރަންޓު ނެޓްވޯކުން ގުޅާލުމަށް އެ ނެޓްްވޯކް ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރުމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް އިނގިރޭސި ވިލާތުގެ ސީމަންސް ކުންފުންޏާ ހަވާލު ކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އަދި އެ ކުންފުނީގެ ފަރާތުން މި މަސައްކަތާ ހަވާލުވެ ވަޑައިގަތީ ކުންފުނީގެ ފައިނޭންޝަލް ކޮންޓްރޯލާ މާކް ލޫނެވެ.

މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން 369،051 ޑޮލަރު ހަރަދު ކުރެ އެވެ.

ބްރިޖްގެ މަސައްކަތް ނިމޭއިރު ކަރަންޓުން ވެސް ދެ ރަށް ގުޅާލެވޭނެ-- މިނިސްޓަރު

މާލެ އާއި ހުޅުމާލޭ ކަރަންޓު ވިއުގަ ގުޅާލުމަށް ހަމަޖެހިފައިވަނީ މިހާރު ހަދަމުން އަންނަ މާލެ-ހުޅުލޭ ބްރިޖްގެ ތެރޭން ލައިފަ އެެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ މާލެ އާއި ހުޅުމާލެ އަކީ ރާއްޖޭގައި އެންމެ ބޮޑަށް ކަރަންޓު އުފައްދާ ދެ ރަށް ކަމަށާއި އެހެންވެ، މި ދެތަން އެއް ނެޓްވޯކަކުން ގުޅާލައިފިނަމަ "ކަރަންޓުގެ ޔަގީންކަން" އިތުރުވެގެންދާނެ ކަމަށެވެ.

މާލެ އާއި ހުޅުމާލެ ކަރަންޓު ވިއުގައިން ގުޅާލުމަށް އެ މަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ކުންފުންޏަކާ، މިނިސްޓަރު ތޯރިގް ހަވާލު ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލެ އާއި ހުޅުމާލެ ކަރަންޓު ވިއުގައިން ގުޅާލުމަށް އެ މަސައްކަތް ޑިޒައިން ކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގެ ކުންފުންޏަކާ، މިނިސްޓަރު ތޯރިގް ހަވާލު ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި 2018 ވަނަ އަހަރު ބްރިޖްގެ މަސައްކަތް ނިމޭއިރު ކަރަންޓުން ވެސް ދެ ރަށް ގުޅާލެވޭނެ އެވެ.

އޭނާ ވިދާޅުވީ ކަަރަންޓު ދިނުމަށް މާލޭގައި ސްޓެލްކޯގައި އިތުރު ޖަނަރޭޓަރުތައް ބަހައްޓައި ހިދުމަތްތައް ފުޅާ ކުރެވޭނެ ޖާގަ ނެތް ކަމަށާއި އެހެންވެ، ހުޅުމާލޭން އެ ކުންފުންޏަށް ދީފައިވާ ބިމުގައި ހިދުމަތް ފުޅާ ކުރެވޭނެ ކަމަށެވެ.

"މިހާރު މިއޮތީ 11 ކިލޯވޯޓުގެ ނެޓްވޯކް ސިސްޓަމެއް. މި ދެ ރަށް ގުޅާލުމުން މިއަށް ވުރެ މަތީ ނެޓްވޯކްގެ ސިސްޓަމެއް ބޭނުންވާނެ. އެހެންވެ، މިކަން ކުރެވޭނީ ވަރަށް ބޮޑު ދިރާސާތަކަށް ފަހު،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާސާ ކޮށް، ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލު ކުރި ސީމަންސް ކުންފުންޏަކީ އެކަމުގައި ތަޖުރިބާހުރި ކުންފުންޏެއް ކަމަށާއި އެހެންވެ، (އެ ކުންފުންޏާ ހަވާލު ކުރި) މަސައްކަތް ނިމޭއިރު އެކަމުގެ އަމަލީ މަސައްކަތަށް ބޭނުންވާ ހުރިހާ ޑީޓެއިލް ޑިޒައިނިން އާއި ޓެންޑާ ޑޮކިއުމަންޓްތައް ހެދޭނެ ކަމަށެވެ.