Roadha Mihaaru
ސަޕްލަޔަރުންނަށް ޑީސަލާއި ޕެޓްރޯލް ވިއްކާ އަގުބޮޑުކޮށްފި

އެސްޓީއޯ އިން ސަޕްލަޔަރުންނަށް ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި

14 އޯގަސްޓް 2017

އެސްޓީއޯގެ އަތުން ޕެޓްރޯލާއި ޑީސަލް ގަންނަ ސަޕްލަޔަރުންނަށް އެ ބާވަތް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެސްޓީއޯގެ އަތުން ޕެޓްރޯލާއި ޑީސަލް ގަންނަ ސަޕްލަޔަރުންނަށް އެ ބާވަތް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމް އިން ސަޕްލަޔަރުންނަށް ވިއްކާ ޑީސަލް ލީޓަރަކުން 43 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 26 ލާރި ވަނީ ބޮޑުކޮށްފަ އެވެ. ނަމަވެސް އެ ކުންފުނިތަކަށް ތެޔޮ ވިއްކާ އަގެއް އެސްޓީއޯއިން ނުބުނެ އެވެ.

ސަޕްލަޔަރުން ތެޔޮ ގަންނަ ނިސްބަތަކުން އެކި ކުންފުނިތަކަށް އެފްއެސްއެމް އިން ތެޔޮ ވިއްކަނީ އެކި އަގުތަކުގަ އެވެ.

މި ގެނައި ބަދަލާ އެކު ރަށްރަށުގައި އާންމުންނަށް ތެޔޮ ގަންނަން ލިބޭ އަގު މިހާރު ބޮޑުވާނެ އެވެ.

ޕެޓްރޯލާއި ޑީސަލުން ނަގަމުން އައި ޑިއުޓީ ފަސް ޕަސެންޓަށް ކުޑަކުރުމާ ގުޅިގެން މިދިޔަ ޖޫން 18 ވަނަ ދުވަހު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައިވެ އެވެ. އެގޮތުން ތެޔޮ އަޅައިދޭ ޝެޑްތަކުން ޕެޓްރޯލް ލިޓަރެއްގެ އަގު ވަނީ 8.95ރ. އިން 8.65ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ޑީސަލް ލިޓަރެއްގެ އަގު ކުޑަކުރީ 8.95ރ. އިން 8.44ރ. އަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެފްއެސްއެމް އިން ތެޔޮ ގަންނަ ސަޕްލަޔަރުންނަށް ވިއްކާ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިހާރު އުޅެނީ 53 ޑޮލަރުގަ އެވެ.

"އެފްއެސްއެމް އިން ތެޔޮ ގަންނަ ފަރާތްތަކަށް ވިއްކާ އަގު ބޮޑުކުރި ނަމަވެސް މާލޭގެ ޝެޑްތަކާއި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކަށް ތެޔޮ ވިއްކާ އަގު ބޮޑެއްނުކުރަން. ސަޕްލަޔަރުންނަށް ވިއްކާ އަގު ބޮޑުކުރަނީ އެ މީހުންނާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް،" އެ އޮފިޝަލް ވިދާޅުވި އެވެ.

އެފްއެސްއެމް އިން ތެޔޮ ގަންނަ ކުންފުންޏަކުން ބުނީ ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ރަށްރަށުގައި ތެޔޮ ވިއްކާ އަގު ބޮޑުކުރަން ޖެހިފައިވާ ކަމަށެވެ.

"އެފްއެސްއެމް އިން ވިއްކާ ތެލުގެ ވަރަށް ބޮޑު ބައެއް ބޭނުންކުރަނީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން. އަޅުގަނޑުމެންނަށް ގަންނަން ލިބޭ އަގު ބޮޑުވާ ނަމަ އެ މިންވަރަށް ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ.