Roadha Mihaaru
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން: ރައީސް ޔާމީން

14 އޯގަސްޓް 2017

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ އިން އިންތިހާބުވި މެމްބަރުން ވެސް މަގާމުން ދުރުވާން ޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ހެދި "ރުމާލު ދޭއް" ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާ ހަމައެކަނި ވަން ކަމަށް އަލްޖަޒީރާ އިން ވެސް ދެއްކީ، އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށެވެ. އެކަމަކު އެގޮތަށް އަލްޖަޒީރާ އިން ބުނުމަކީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އެބަ ތުހުމަތުކުރޭ އަދީބުގެ ފައިސާއިން އަޅުގަނޑަށް ބައެއް ލިބުނު ކަމަށް. އަލްޖަޒީރާއިން ވެސް ފެނުނީ އަޅުގަނޑުގެ ގެއަށް ފޮށިތައް ވައްދާ ތަން، މި ނޫން އެހެން އެއްވެސް އެއްޗެއް އަލްޖަޒީރާ އަށް ވެސް ނުފެނުނު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ފައިސާ ހަރަދުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް އިންތިހާބު ކުރަންތޯ އެބަ ބަލަން ޖެހެ އެވެ.

"އެފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެސްއަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ."

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތަކީ އޭރުގެ ނައިބު ރައީސް އަދީބު އިސްކޮށް ހުންނަވައި ކުރެއްވި އެމްއެމްޕީއާރުސީގެ ވައްކަމެވެ. އަލްޖަޒީރާ އިން ދެއްކި ޑޮކިއުމެންޓަރީއެއްގައި ރައީސް ޔާމީންގެ ގެކޮޅަށް ގިނަ އަދަދެއްގެ ފައިސާ ގެންގޮސްފައި ވާނެ ކަމަށް، އޭރު އަދީބުގެ އަރިހުގައި މަސައްކަތްކުރި މީހަކު ބުނެފައިވެ އެވެ.

ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިިން ގެއްލުނު ފައިސާ އެމަނިިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރާތީ އަބުރު ސަލަމާތްކުރައްވަން ވެސް އެ ފައިސާ އަނބުރާ ދައުލަތަށް ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އަދީބަށް ޖަލުން ސަލާމަތްވެވަޑައިގެންނެވެން އޮތީ އެ ފައިސާ އަނބުރާ ދައްކަވައިގެންނެވެ.

"އާއިލާ އަށް ވެސް ދަންނަވާލަން ބޭނުންވަނީ އަހުމަދު އަދީބަށް ނަސޭހަތްތެރިވެވަޑައިގަންނަވާށޭ އަހުމަދު އަދީބް ސަލާމަތްވާނެ ގޮތަކީ ދައުލަތަށް ދައްކަން ހުރި ފައިސާ ދައްކައި ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާގެ ބޮޑު ބައެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތުކުރެވޭ އިރު "އަޅުގަނޑުގެ އަބުރު ސަލާމަތް ކުރުމަށްޓަކައި ވެސް މި ފައިސާ އެބަ ދައުލަތަށް" ހޯދައިދެއްވަންޖެހެ އެވެ.

އެމަނިކުފާން ވިދާޅުވީ އަދީބުގެ އެހީގައި އިންތިހާބުވި މެމްބަރުން އިސްތިއުފާ ދެއްވައި އަމިއްލަ މަސައްކަތުން އަލުން އިންތިހާބުވެވަޑައިގަންނަވަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ ޕާޓީން މަދަކުން ނޫން މަޖިލީހުގެ މެންބަރުން ހޮވަން ހަރަދު ކުރީކީ. މީގައި ބޮޑު ހޭދައެއް ކޮށްދެއްވީ އަހުމަދު އަދީބު. އެހެންވީމަ ޑޭ ވަން އިން ފެށިގެން އަހުމަދު އަދީބު ގެންގުޅުއްވި ފައިސާއަކީ ހަލާލު ނޫން، ހައްގު ނޫން ފައިސާ ކަމަށްވާ ނަމަ އަޅުގަނޑުމެން އެބަ ޖެހޭ ވިސްނާލަން،" ރައީސް ވިދާޅުވި އެވެ.