Roadha Mihaaru
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް

އާރަށް މައްސަލާގައި ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް ހުށަހަޅައިފި

09 ޖޫން 2022

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެ މަނިކުފާނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެ މަނިކުފާނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ކުރެވުނު ފޯނު ކޯލްތަކެއްގެ ރިކޯޑިން ހުށަހަޅާފައިވާނެ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް އެ މަނިކުފާނު ވިދާޅުވިޔަސް، އެކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ޔާމީނަށް ދެއްކެވިފައި ނުވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުންޏެވެ.

އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. އަދި ޔާމީނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ދައުވާ ކުރެ އެވެ.

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނިގޮތުގައި ޔާމީނާއި އަދީބާ ދެމެދު ދެެއްކެވިފައިވާ ފޯނު ކޯލްތަކެއްގެ ރިކޯޑިން ކޯޓު އަމުރެއްގެ ދަށުން ހޯދުމަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ އެވެ. އެ ރެކޯޑިންތައް ހުށަހެޅީ 2013 ވަނަ އަހަރުން ފެށިގެން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމުގައި ޔާމީން ނުފޫޒު ފޯރުއްވިކަން ސާބިތުކުރަން ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް ފައިސާއެއް ކަން ސާބިތުވާނެ ހެކި އެބަހުރި ކަމަށެވެ. އަދި އެ ކަމަށް ޔާމީން ނުފޫޒު ފޯރުއްވި ކަމުގެ ހެކި އެބަހުރި ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި ޔޫސުފް ނައީމްގެ ހިއްސާ ކުރިން އޮތް ކުންފުންޏަކަށް އާރަށް ކުއްޔަށް ދޭން ޔާމީން އިރުޝާދު ދެއްވި ކަން އަދީބުގެ ހެކިބަހުން ސާފުވާނެ އެވެ. އަދި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ބަހުން ވެސް އެކަން ސާފުވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތެކެވެ. އޭގެ ރައްދުގައި ދައުލަތުން މިއަދު ބުނީ އެކަން ތަހުގީގުގައި ބެލިއިރު އެ ބުނުމަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

"ދައުލަތަށް ސާބިތުކޮށްދެވޭނެ މި މައްސަލާގައި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ މިވާ އެއް މިލިއަން އެމެރިކާ ޑޮލަރަކީ އެއްވެސް ލެޖިޓިމޭޓް ސޯސްއަކުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވި ފައިސާއެއް ނޫންކަން،" ދައުލަތުން ކޯޓުގައި ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި 2015 ވަނަ އަހަރު ޔޫސުފް ނައީމް ހިއްސާ އޮތް ކުންފުނީގެ ހިއްސާތައް އެހެން ކުންފުންޏަކަށް އޭނާ ވިއްކާލި ފަހުން އެ ކުންފުންޏަށް އާރަށް ދޭން އެމްއެމްޕީއާރުސީން ނިންމި އެވެ.

އެ ކުންފުންޏަށް އެ ރަށް ލިބުމާއެކު، ރަށުގެ އަގަށްވާ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރުސީ އަށް ޖަމާކުރުމަށް ފަހު، ހަމަ އެދުވަހު އެ ކުންފުނިން ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށް ދައުލަތުން ބުނެ އެވެ. އަދި އެ ފައިސާ ޔޫސުފް ނައީމްގެ އެކައުންޓަށް ޖަމާވުމުން، އެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދިން ކަމަށް ދައުލަތުން ބުންޏެވެ.

ކުރީގެ ނައިބު ރައީސް އަދީބު --ފޮޓޯ/މިހާރު

ކުރީގެ ނައިބު ރައީސް އަދީބު --ފޮޓޯ/މިހާރު

ދައުލަތުން ބުނިގޮތުގައި އެޗްއެސްބީސީގައި ހުޅުވާފައި ޔާމީންގެ އެކައުންޓަކަށް ޔޫސުފް ނައީމް ދިން ޗެކް ޖަމާކުރިއިރު، ޗެކާއެކު ފޮނުވި ސިޓީގައި ވަނީ އެ "ޕޮލިޓިކަލް ކެމްޕެއިނަށް" ކަމަށް ބުނެ އެވެ. އަދި އެ ފައިސާ އާއި އިތުރު ފައިސާތަކެއް އެއްކުރުމަށް ފަހު، ޔާމީންގެ އެހެން އެކައުންޓްތަކަކަށް ޖަމާކުރީ ކަމަށް ދައުލަތުން ބުންޏެވެ.

އިސްތިއުނާފު ނިމެންދެން ޝަރީއަތް މަޑުޖައްސަން އެދުނު

ޔާމީންގެ ފަރާތްޕުޅުންނާއި ދައުލަތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. އެއީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަހަޅާފައި ނުވާތީ އެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް މިހާރު ހުށަހަޅާފައިވާތީ ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ފުރަތަމަ އެދިވަޑައިގަތީ އިސްތިއުނާފު ނިމެންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ. އެއީ ހައި ކޯޓުން ޔާމީނާ އެއްކޮޅަށް އެ މައްސަލަ ނިމިއްޖެ ނަމަ، ހުށަހެޅުންތަކަށް ފުރުސަތު ދޭން ޖެހުނަސް އެ ކަން ނުކުރެވޭނެތީ ކަމަށް ބުނެ އެވެ.

ދައުލަތުން ބުނީ އިސްތިއުނާފު ކުރިޔަސް، މަތީ ކޯޓުގެ އަމުރެއް ނެތިއްޔާ ޝަރީއަތް މަޑުޖައްސަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ޝަރީއަތް މަޑުޖައްސަން މަތީ ކޯޓަކުން އަންގާފައި ނެތް ކަމަށެވެ. އަދި އިސްތިއުނާފު މަރުހަލާ އިން މައްސަލަ ނިމޭ ގޮތަކުން އަލުން ފަށަންޖެހޭ މަރުހަލާއެއް އޮތް ނަމަ، އެކަން ކުރައްވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

ހެކިބަސް ނެގުން މި މަހު، ހުކުމް ސެޕްޓެމްބަރަށް

ޔާމީންގެ މައްޗަށް މި ފަހަރު ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ މައްސަލައަކާ ގުޅިގެން ކަމަށް ވާތީ، އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޔާމީންގެ ވަކީލް ޝިޔާޒް ވިދާޅުވި އެވެ. އަދި އެއް ކުށެއްގެ އަމަލަކުން ފުރިހަމަވާ އެހެން ކުށުގެ ދައުވާތައް ވަކިވަކިން ނުކުރެވޭނެ ކަމަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަމަށް ބުނެ އެކަން އޭނާ ފާހަގަކުރި އެވެ.

އެ ވާހަކަތައް ހުއްޓުވައި، ދައުލަތުން ބުނީ އެ ދިފާއު މި މަރުހަލާގައި ނުނެގޭނެ ކަމަށެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު އޮތްގޮތުން އެއީ އިބްތިދާއީ މަރުހަލާގައި ފާހަގަ ކުރަންޖެހޭ ކަންކަން ކަމަށް ދައުލަތުން ބުންޏެވެ.

ޝިޔާޒް ވިދާޅުވީ އިބްތިދާއީ މަރުހަލާގައި ހުށަނޭޅިޔަސް، އެކަން މިހާރު ފާހަގަ ކުރެވޭނެ ކަމަށެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ނެންގެވީ ދައުވާގައި ހުރި އުނި ކަންކަމެވެ.

ޔާމީންގެ ވަކީލް ޖަމީލް -- ފޮޓޯ/މިހާރު

ޔާމީންގެ ވަކީލް ޖަމީލް -- ފޮޓޯ/މިހާރު

ދައުލަތުން އެ ވާހަކަަތައް ހުއްޓުވި އެވެ. އެއީ އިބްތިދާއީ މަރުހަލާގައި ފާހަގަކުރަންޖެހޭ ކަންކަން ކަމަށް ބުނެ، ދައުލަތުން ތުހުމަތުކުރީ ޔާމީންގެ ވަކީލުން ތަރުތީބު ގެއްލުވާލައިގެން މަސައްކަތް ކުރާ ކަމަށެވެ. އަދި އިބްތިދާއީ މަރުހަލާގައި އެ ދޮރު ބަންދުވުމުން ޔާމީންގެ ފަރާތްޕުޅުން ޝަރީއަތުގެ މަރުހަލާގައި އެ ފުރުސަތު ހޯދަނީ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޖަމީލް ވިދާޅުވީ ދައުލަތުން އުޅެނީ ޔާމީންގެ ދިފާއުގައި ފާހަގަކުރާ ކަންކަން ބަލައިގަންނަން ދަތިވެގެން ކަމަށެވެ.

އިސްގާޒީ ޝަކީލް ވެސް ވިދާޅުވީ ޖަމީލް އެ ފާހަގަކުރައްވާ ކަންކަމަކީ މި މަރުހަލާގައި ފާހަގަ ކުރެއްވޭނެ ކަންކަން ނޫން ކަމަށެވެ. އެހެންވެ، ދެން ޖަމީލްގެ ވާހަކަތައް އަމާޒުކުރީ ހެކިންނާ ބެހޭގޮތުންނެވެ.

ޔާމީން ކުރިން ޖަލަށްލި މައްސަލައިގައި ހެކިންގެ ގޮތުގައި ބޭނުންކުރި އަދީބާއި ޒިޔަތުގެ އެ މީހުންގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަން ޖަމީލް ފާހަގަކުރެއްވި އެވެ. އަދި އެ މައްސަލާގައި ވެސް އެ ދެ ބޭފުޅުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ދައުވާ ދައުލަތުން ކުރަނީ ބަދަލުހިފުމުގެ ނިޔަތެއްގައި ކަމަށެވެ. އަދި އާރަށް ކުއްޔަށް ދިނުމުގައި ޔާމީން ނުފޫޒު ފޯރުވީ ކޮން ގޮތަކުންކަން އެނގެން ނެތް ކަމަށާއި އެމްއެމްއެމްޕީއާރުސީން ދޫކުރި ރަށަކާ ގުޅިގެން ޔާމީން ކުރެއްވި ކަމެއް އެނގެން ނެތް ކަމަށް ޖަމީލް ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ތަހުގީގު ހިންގާފައިވާ ކަމަށާއި އެކަން ސާބިތުކޮށްދޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި މި މައްސަލަ ނިމޭއިރު ޔާމީންގެ ކުށެއް ނެތްކަން ހާމަވާނެ ކަމަށް ވިދާޅުވި އެވެ.

އިސްގާޒީ ޝަކީލްގެ ކިބައިން ޖަމީލް އެދިވަޑައިގަތީ އަދުލުވެރި ޝަރީއަތެއް ޔާމީނަށް ދެއްވުމަށެވެ. އިސް ގާޒީ ވިދާޅުވީ ޝަރީއަތް ކުރިއަށް ގެންދާނީ އިންސާފުވެރިކަމާ އެކު ކަމަށެވެ.

"ވަކި ފަރާތަކަށް ބުރަވުމެއް ނެތި ޝަރީއަތް ކުރިއަށް ގެންދާނީ،" އިސް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ވިދާޅުވީ، ހެކިބަސް ނެގުމުގެ ބައި މި މަހު ނިންމާލަން ގަސްދު ކުރައްވާ ކަމަށެވެ. އަންނަ ހަފުތާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހެކިބަސް ނެގުމުގެ ބައި ކުރިއަށް ގެންދާނެ އެވެ. ދައުލަތުން 13 ހެއްކަކު ހުށަހެޅިއިރު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ ހަތް ހެކިންނެވެ.

ޔާމީންގެ ފަރާތްޕުޅުން ދިފާއުގައި ދެން ހުށަހެޅުއްވީ އެ މަނިކުފާނާއި ޔޫސުފް ނައީމާ ދެމެދު ހިނގައިދިޔަ މުއާމަލާތާ ގުޅޭ ލިޔުމަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޔޫސުފް ނައީމް ދެއްވި ބަޔާނާއި ޒިޔަތާއި އަދީބުގެ މައްޗަށް ކުށް ސާބިތުވި ކްރިމިނަލް ކޯޓުގެ ދެ ހުކުމާއި ހެކިންގެ ހެކިބަހާއި ކުށް ސާބިތުކުރުމާ ގުޅޭގޮތުން ހުރި ހައި ކޯޓުގެ ދެ ހުކުމަކާއި ސުޕްރީމް ކޯޓުގެ ދެ ހުކުމަކާއި ރައީސް އޮފީހުގެ ލިޔުންތަކެކެވެ.

ހެއްކާ ބެހޭގޮތުން ވާހަކަ ދަައްކަން އަންނަ މަހު އަޑުއެހުމެއް ބާއްވަން އިސް ގާޒީ ނިންމެވިޔަސް، ދައުލަތުން އެދުނީ އޮގަސްޓް މަހަށް ފަސް ކުރުމަށެވެ.

އެހެންވެ، އޮގަސްޓް މަހު ހެއްކާބެހޭ ގޮތުން ވާހަކަ ދައްކައި، އެ މަހު ހުލާސާ ބަޔާން ހުށަހެޅުމަށް ފަހު 30 ދުވަސް ތެރޭގައި ހުކުމް އިއްވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.