Roadha Mihaaru
އަނަސްގެ މަރުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދަށް 15

އަނަސްގެ މަރާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް

22 އޯގަސްޓް 2017

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި އެންމެ ފަހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މުހައްމަދު އަނަސްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލާގައި އެންމެ ފަހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. ދިމިޝްގު ފާސްކޮށް، ހައްޔަރު ކުރީ 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެން ކުއްޖެކެވެ. އެމީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް މަރާލި މައްސަލަޔާ ގުޅިގެން މ. އަސަރީހިޔާގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ގެއިން ވެސް ބަޔަކު ހައްޔަރު ކުރި އެވެ. އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އެ ގެއިން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލި ނަމަވެސް އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ނުހިމެނޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް އަނަސްގެ މަރުގެ މައްސަލާގައި ބައިވެރިވަނީ ކިތައް މީހުން ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

އަނަސް، 25، ގެ މަރުގެ މައްސަލާގައި ބަޔަކު ހައްޔަރުކޮށްފައި ވާއިރު އޭނާ އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯގައި ފެންނަނީ މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ވަޅި ހިފައިން އަނަސް އަށް ހަމަލަދޭ މަންޒަރެވެ.

މާލޭގައި މި ފަހުން ހިންގި މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ. އެއީ ހއ. ތަކަންދޫ، އިބުރާހިމީ ހިޔާ، ނަދީމް އަބުދުއްރަހީމް، 24، އާއި އަނަސް އެވެ. ނަދީމްގެ މަރުގެ މައްސަލާގައި، ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ކުރިން ބުނެފައިވާ މުހައްމަދު މަފާޒު ވަނީ ހައްޔަރުކޮށްފަ އެވެ.