Roadha Mihaaru
ރީކޯ މޫސަ އާއި މަހުލޫފުގެ ޒުވާބެއް!

ރީކޯ މޫސަ އާއި މަހުލޫފުގެ ޒުވާބެއް!

22 އޯގަސްޓް 2017

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ނިންމާލިފަހުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ދެމެދު ބޮޑު ޒުވާބުގަނޑެއް ހިނގައި، އެ މަންޒަރު އާންމުންނަށް ވެސް ލައިވް ކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ސިފައިންގެ ހިމާޔަތުގައި ނިންމާލިފަހުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާ ދެމެދު ބޮޑު ޒުވާބުގަނޑެއް ހިނގައި، އެ މަންޒަރު އާންމުންނަށް ވެސް ލައިވް ކޮށްފި އެވެ.

މިއަދު ޖަލްސާ ފެށުމުގެ ވެސް މާ ކުރިން މަހުލޫފު ގެންދެވީ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ހިނގަމުން ދިޔަ މަންޒަރުތައް އޭނާގެ ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުންނެވެ. ޖަލްސާ ނިމުނު ފަހުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދުގެ ފަހަތުން މަހުލޫފު ވަޑައިގެން، މަސީހު ކޮޓަރިކޮޅަށް ވެދެވަޑައިގަތުމާ އެކު، އެ ހިސާބުގައި ހުންނެވި މޫސާ މަނިކަށް މަހުލޫފުގެ ކެމެރާ ފޯކަސްކޮށްލި އެވެ. އެކަމާ މޫސަ ހިތްހަމަޖެހިވަޑައި ނުގެން، އަދި މަހުލޫފު ކުރައްވަމުން ގެންދެވި ސުވާލުތަކުގެ ސަބަބުންނާއި ލައިވް ކުރަމުން ގެންދިއުމުން މޫސަގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ.

ސިފައިންގެ ހިމާޔަތާއެކު މަސީހު މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަނީ.

ސިފައިންގެ ހިމާޔަތާއެކު މަސީހު މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވަނީ.

މަޖިލީހުގެ ކޮރިޑޯ ތެރޭގައި އާއި ސައި ކޮޓަރީގެ ތެރޭގައި ހިނގި މި ޒުވާބުގައި މަހްލޫފް ވިދާޅުވީ މޫސައަކީ ޑިމޮކްރަޓިކް ވެގެން ކުރިން ވާހަކަ ދެއްކެވި ބޭފުޅެއް ކަމަށެވެ. ހިމޭނުން ނުހުންނެވުމަށާއި މެމްބަރުންގެ ހައްގުގައި މަސައްކަތް ކޮށްދެއްވުމަށް މަހުލޫފު ތަކުރާރުކޮށް އެދިވަޑައިގަތެވެ. ޖަވާބުގައި މޫސަ ވިދާޅުވީ، މަހްލޫފްގެ ޑިމޮކްރަސީއަކީ "އަރައިގަންނަ ޑިމޮކްރަސީ" ކަމަށެވެ.

"(މަހްލޫފް) ހިތަށް އަރާ އެއްޗެއް ތި ކިޔަނީ. ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ތި ދައްކަނީ. ލައިވްގައި މަށަށް ވެސް ބުނަން ކެރޭނެ،" މަހްލޫފްގެ ފޭސްބުކް ލައިވް ކުރިއަށްދަނިކޮށް މޫސަ ވިދާޅުވި އެވެ.

މަހްލޫފް ވަނީ 45 މެމްބަރުން ސޮއި ކުރައްވައި، މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލީހަށް ހުށަހަޅާފައިވާތީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް ވެސް މޫސަގެ އަރިހުން އެދިވަޑައިގެންފަ އެވެ. މަސީހަކީ އިތުބާރެއް ނެތް ބޭފުޅެއް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"އިތުބާރެއް ނެތް މަސީހުގެ. ކިތަންމެ ވަރަކަށް އިތުބާރު އޮތޭ ކިޔަކަސް ނޯންނާނެ. ތިކަން ނިމޭނެ. ނިންމާނަން ވަރަށް ސާފުކޮށް މި ބުނަނީ. އެކަނި ވިޔަސް ނިިންމާނަން،" މަހްލޫފް ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މަހްލޫފަށް ރައްދު ދެއްވައި، މޫސަ ވިދާޅުވީ "ތީގައި އަޅުގަނޑު ކުރާނެ ކަމެއް ނެތް" ކަމަށާއި "ފަހަތުން ދުވުމަކުން" ކަންކަން ނުނިންމޭނެ ކަމަށެވެ. ޖަވާބުގައި މަހްލޫފް ވިދާޅުވީ ފަހަތުން ދުވަން ޖެހެނީ "މަޖުބޫރުވީމަ" ކަމަށެވެ. އަދި ވޯޓުލާން ފުރުސަތު ދެއްވުމަށް މަހްލޫފް ތަކުރާރުކޮށް މޫސަގެ އަރިހުން އެދިވަޑައިގަތެވެ.

ކޮރިޑޯގައި ދެ ބޭފުޅުންގެ ޒުވާބު ކުރިއަށް ދަނިކޮށް، އިދިކޮޅު ބައެއް މެމްބަރުން ވެސް މަހްލޫފަށް ތާއީދުކޮށް، މޫސަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި އެވެ. އެއާއެކު، އަތުގެ އިޝާރާތުން މޫސަ ވިދާޅުވީ "ފަހަތުން" ވަޑައިގަތުމަށެވެ. އެއާއެކު، މޫސަ ސައި ކޮޓަރި އަށް މިސްރާބު ޖެއްސެވި އެވެ. އެވަގުތު ވެސް މަހްލޫފް ގެންދެވީ އާދޭސް ކުރައްވައި، ވޯޓަކަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންނެވެ.

"އަޅުގަނޑުމެންނަށް ފުރުސަތު ދޭށޭ ވޯޓު ލާން. ވޯޓު ނަގަން ނުކެރެނީ. ބޭއްވީ ބަލިވީ. ވޯޓު ބާއްވަ ދޭށޭ. އޭރުން މަޖިލިސް ކުރިއަށް ދާނީ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ވާހަކަތަކާ ގުޅިގެން "އެކަން ނިމިއްޖެ" ނޫންތޯ މަހްލޫފް އަރިހުން މޫސަ އައްސަވަ އެވެ. އަދި ކޯފާ އިސް ނުކުރެއްވުމަށް މޫސަ ވަނީ މަހްލޫފްގެ އަރިހުން އެދިވަޑައިގެންފަ އެވެ. މަހްލޫފް ވިދާޅުވީ މަސީހްގެ މައްސަލަ ނިންމާފައި އޮތީ "ރޯ ނުބައިކޮށް" ކަމަށާއި އެކަން "ނުވެއް ނިމޭ" ކަމަށެވެ.

މަހްލޫފްގެ ވިދާޅުވި ގޮތުގައި މޫސަ ފަހަތުން ވަޑައިގަންނަވަން ޖެހުނީ ގާނޫނާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރައްވާތީ އެވެ. އެހެން ނޫން، އެގޮތަށް ވަޑައިގަންނަވަން ޖެހިވަޑައިނުގަތީސް ކަމަށް މަހްލޫފް ވިދާޅުވެ އެވެ. މޫސަ ވިދާޅުވީ "ފަހަތުން ދުވެގެން ކުރާނެ ކަމެއް" ނޯންނާނެ ކަމަށެވެ.

މޫސަ ވަނީ މަހްލޫފަށް އިޝާރާތް ކުރައްވައި، މަހްލޫފަކީ "މޮޔައެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި މޫސަގެ އެ ވާހަކަތަކަށް މަހްލޫފް ދެއްވީ ވަރުގަދަ ޖަވާބެކެވެ.

"މޮޔަވާނެ. މަޖިލީހުގެ ތާއީދު މަސީހަށް ގެއްލުނީމަ އެތަނަށް ގަދަބާރުން، ފޭރިގަނެގެން އެރީމަ ރައްޔިތުންގެ މަޖިލީހުގެ އެހެން މެމްބަރުން މޮޔަވާނެ. ބަރާބަރު ވާހަކައެއް ތީ،" މަހްލޫފް ވިދާޅުވި އެވެ. "މޮޔަ ވާނެ."

މޫސަ ވިދާޅުވި ގޮތުގައި މަހްލޫފް މަސައްކަތް ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވި ގޮތަށް ނަޝީދަށް ވާށެވެ. މަހްލޫފް އުޅުއްވަނީ ވެރިކަން ހޯއްދަވަން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. އެއީ "ރަނގަޅު" ކަމެއް ކަމަށާއި ހިތްވަރު ކުރެއްވުމަށް ވެސް މޫސަ ވަނީ ވިދާޅުވެފަ އެވެ. އެ ވާހަކަތަކާ ގުޅިގެން މަހްލޫފް ވިދާޅުވި ގޮތުގައި މޫސަ ރައީސް އަބްދުﷲ ޔާމީނާ ގުޅިވަޑައިގަތީ ލ. އަތޮޅުން ރަށްތަކެއް ލިބިވަޑައިގެން ފަހުންނެވެ. އަދި އެ ރަށްތައް ކޮބައިހޭ، މިހާރު ހަދަން ފެށީހޭ ކިޔައި މަހުލޫފު ވަރަށް ބާރަށް ތަކުރާރުކޮށް ގޮވަމުންް ދިޔަ އަޑު އިވެ އެވެ.

އެކަމަކު، މޫސަ އެ ވާހަކަތަކަށް ރައްދެއް ނުދެއްވަ އެވެ. މަހްލޫފާ ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށް ވިދާޅުވެ، މޫސަ ވަޑައިގަތީ ތައްޓަކަށް ހެދިކާ އަޅުއްވާށެވެ.

ސައި ކޮޓަރީގައި ޕީޕީއެމާއި އެމްޑީޕީގެ މެމްބަރުން ތިއްބެވިއިރު، ޕީޕީއެމް ބައެއް މެމްބަރުން ވަނީ ދެ ތިން މެމްބަރަކު ހަޅޭއްލެވިޔަސް، މަސީހު ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަސީހާ ދެކޮޅަށް މަސައްކަތް ކުރައްވަނީ މަހްލޫފް އެކަނި ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ޖަވާބުގައި މަހްލޫފް ވިދާޅުވަމުން ގެންދެވީ އޭނާ އެކަނި ހުންނެވިޔަސް، މިގޮތަށް އުޅުއްވާނެ ކަމަށެވެ.