Roadha Mihaaru
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ

މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ

01 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގައި އަބަދުވެސް މަސައްކަތްކުރައްވަނީ އިންސާފުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގައި އަބަދުވެސް މަސައްކަތްކުރައްވަނީ އިންސާފުވެރިކަމާއި އިހްލާސްތެރިކަމާ އެކުގައި ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާތައް ފަހަކަށް އައިސް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން، މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅުއްވައި މަގާމުން ވަކި ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ޕީޕީއެމްގެ ލީޑަޝިޕާއި ޕާލަމެންޓްރީ ގްރޫޕުން މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން މޫސަ ވަކިކުރާ ވާހަކަ ފަލާހު ދެއްކެވުމުން، މޫސަ ފާޑު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅާނެ ވާހަކަ ބުނީ ކޮން ގޮތަކަށްތޯ؟ އަޅުގަނޑު ވަރަށް ހައިރާންވޭ ޕީޕީއެމްގައި ހިދުމަތްކުރާ މީހުންނަށް އޭގެ ބަދަލު މި ލިބޭ ގޮތަކުން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާ މަޝްވަރާ ކުރައްވައިގެން ކަމަށެވެ. މަޖިލީހުގައި ކުރާނެ މަސައްކަތުގެ އެޖެންޑާ މަސީހަށް ފޮނުއްވާފައި އެމަނިކުފާނަށް "އޯކޭ ދިނީމަ" ނޫނީ މަސައްކަތްތައް އެޖެންޑާ ނުކުރެވޭ ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ އެގޮތަށް ވިދާޅުވިޔަސް، ބައެއް މައްސަލަތައް އެޖެންޑާ ކުރުމުގައި މަޖިލީހުގެ ރައީސްގެ ހުއްދަ ހޯދާކަށް ނުޖެހެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއްޖެ ނަމަ، އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމުގެ ބާރު މަޖިލީހުގެ ނައިބު ރައީސަށް ލިބިގެންވެ އެވެ.

ޕީޕީއެމާއި އެމްޑީއޭގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް 51 މެމްބަރުންގެ ސޮޔާއެކު، މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އިދިކޮޅު މެމްބަރުން މިހާރު ބޭނުންވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ހުށަހެޅި މައްސަލަ މިރޭ އޮންނަ މަޖިލީހުގެ ޖަލްސާއަށް ތާވަލްކޮށް، މަސީހު ވަކިކުރާށެވެ.

އެހެންކަމުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަވަން ރައްޔިތުންގެ މަޖިލިހުގެ ގިނަ ބާރުތަކެއް ކަނޑުވާލިކަމުގެ ތުހުމަތު އެޅިފައިވާ މަސީހު، މަޖިލިހުގެ ރައީސްކަމުން މިރޭ ވަކިކުރާނެ ކަމަށް އިދިކޮޅުން ގަބޫލުކުރެ އެވެ. އެކަމަކު، މަޖީލީހުން މިރޭގެ ޖަލްސާގެ އެޖެންޑާއެއް އަދި ހާމައެއް ނުކުރެ އެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން މަސީހު މިދިޔަ އަންގާރަ ދުވަހު އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އިތުރުފުޅު ހެއްދެވި ކަމަށެވެ. މަސީހް އިސްތިއުފާ ދެއްވި ނަމަ، އިއްޔެ މަޖިލީހުގެ ޖަލްސާގައި ބާއްވަން އޮތީ މަޖިލީހުގެ އާ ރައީސަކު ކަނޑައެޅުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، އޭނާ މަޖިލީހުގެ ރިޔާސަތުގައި އިންނެވިހާ ހިނދަކު، ވަކި ޕާޓީއެއްގެ މެމްބަރަކު ބޭނުންވާ ގޮތަކަށް މަސައްކަތެއް ނުކުރައްވާނެ އެވެ. މަޖިލީހުގެ ރިޔާސަތަށް ލިބިގެންވާ ބާރުތަކުގެ ތެރޭގައި މަޖިލިސް ހަމައަކަށް އެޅުވުމާއި މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މީގެކުރިން އެ ފުރުސަތު ނުލިބޭ. މަސީހް ބުނީމަ މިވެނި ކަމެއް ކުރާށޭ ބުނީމަ އަރާ ކުރަނީ. މިދިޔަ ދުވަސްތަކުގައި މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ގެންދިޔައީ މަސީހް ހުރަސް ނާޅުއްވާތީވެ،" ޖުލައި 11، 2017 ގައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، ރިޔާސަތުގައި އިންނަވައިގެން ކަންކަން ކުރައްވާނަމަ، އަބަދުވެސް ޕްރެޝަރަށް ވެއްޓޭނެ އެވެ. އެކަމަކު، ރިޔާސަތުގައި އިންނެވެނީ އެ ޕްރެޝަރު ހިފެހެއްޓޭތީ ކަމަށާއި އިންސާފުން ބޭރުން އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރުންގެ ބާރު ގަދަވިޔަސް، އެބޭފުޅުން ބުނާހާ ގޮތަކަށް ވެސް މަޖިލީހުގައި މަސައްކަތް ނުކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.

"ތިން ގަޑިއިރު، ހަތަރު ގަޑިއިރު އިނދެގެން މަސައްކަތް މި ކުރަނީ ފުދޭ ވަރެއްގެ ޕްރެޝަރެއް އޮވެގެން އެކަން ކުރަނީ. މެމްބަރުން އިހްސާސް ކުރަންވާނެ. އެކަމާ އަޅުގަނޑު ބޮޑުވެގެނެއް ނޫން މިއުޅެނީ،" މޫސަ ވިދާޅުވި އެވެ.