Roadha Mihaaru
އިދިކޮޅު މެމްބަރުން ކޮމެޓީއަށް ވަންނަން ހުރަސް އަޅައިފި

އިދިކޮޅު ތިން މެމްބަރަކު ކޮމެޓީ އަށް ވަޑައިގަތުމަށް ސިފައިން ހުރަސްއަޅައިފި

24 އޯގަސްޓް 2017

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމަށް، އިދިކޮޅު ތިން މެމްބަރަކު ވަޑައިގަންނަވަން އުޅުއްވުމުން އެ ބޭފުޅުންނަށް ސިފައިން ހުރަސްއެޅި މައްސަލައެއް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގެ ބައްދަލުވުމަށް، އިދިކޮޅު ތިން މެމްބަރަކު ވަޑައިގަންނަވަން އުޅުއްވުމުން އެ ބޭފުޅުންނަށް ސިފައިން ހުރަސްއެޅި މައްސަލައެއް މަޖިލީހުގެ އިދާރާ އަށް ހުށަހަޅައިފި އެވެ.

ސަރުކާރާއި އިދިކޮޅު މެމްބަރުންގެ މެދުގައި ބޮޑު ހަމަނުޖެހުންތަކެއް މަޖިލީހުގައި އިއްޔެ ހިނގަމުންދަނިކޮށް، ހެނދުނު 9:30 ގައި ބޭއްވި ގަވައިދު ކޮމެޓީ އަށް ވަޑައިގަންނަވަނިކޮށް، މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ އެސްޕީޖީގެ ސިފައިން ހުރަސްއެޅީ މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމަށާއި މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު އަދި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ މެމްބަރުން ކޮމެޓީގެ ބައްދަލުވުމަށް ވަޑައިގަންނަވަން ސިޑިން އަރާވަޑައިގަންނަވަނިކޮށް، ސިފައިން ހުރަސް އަޅައި މަގު ބަންދުކޮށްގެން ތިބި ވީޑިއޯއެއް ވެސް ވަނީ އާއްމުކޮށްފަ އެވެ. ކޮމިޓީ އަށް ވަޑައިގަތުން ސިފައިން ހުއްޓުވުމުން އެކަން ނުކުރެވޭނެ ކަމަށް އެ މެމްބަރުން އެ ވީޑިއޯގައި ވިދާޅުވެ އެވެ.

އަނާރާ އާއި ނަސީރު އަދި ނިޒާރު ކޮމެޓީ އަށް ވަޑައިގަތުމުގެ ފުރުސަތު ސިފައިން ދިނީ އިރުކޮޅެއް ފަހުންނެވެ.

އެ ބޭފުޅުންނަށް ސިފައިން ހުރަސްއެޅި މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮމެޓީ އަށް ވަޑައިގަތުމުގެ ފުރުސަތު ދިނީ 10 ވަރަކަށް މިނެޓު ފަހުން ކަމަށާއި އެކަން ކޮށްފައި ވަނީ ކޮން އުސޫލަކުން ކަން ސާފުކޮށްދިނުމަށެވެ.