Roadha Mihaaru
މަސްއޫލިއްޔަތު އަދާނުކުރެވޭ މެމްބަރުންތަކެއް އެބަތިބި

މަސްއޫލިއްޔަތު އަދާނުކުރެވޭ ގިނަ މެމްބަރުންތަކެއް އެބަތިބި: އިދިކޮޅު ފަރާތްތައް

27 އޯގަސްޓް 2017

އެކި ދައުވާތަކާއި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ތިބީ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެކި ދައުވާތަކާއި ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެމްބަރުގެ ހަތަރު ބައިކުޅަ އެއްބައި މެމްބަރުން ތިބީ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ ގާސިމް އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި ފާރިސް މައުމޫންގެ އިސްތިއުނާފް މައްސަލަ އަށް ބަލާލި ނަމަވެސް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ހާމަވާ ކަމަށެވެ. އެއާއެކު މަޖިލިސް މެމްބަރުންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"އޮޕޮޒިޝަން މެމްބަރުންގެ ތެރެއިން 14 މެމްބަރެއްގެ މައްސަލަ މި ވަގުތު ކޯޓުގައި، ޕާސްޕޯޓް ހިފެހެއްޓިފައި އެބަ ވޭ ހަތް މެމްބަރެއްގެ، ފުލުހުންގެ އިދާރާގައި ތަހުގީގް ކުރަމުން އެބަދޭ ތިން މެމްބަރެއްގެ މައްސަލަ. ޖަލުގައި އެބަ ހުންނެވި ހުކުމެއްނެތި އެއް މެމްބަރަކު. ކަރެކްޝަންގެ ބެލުމުގެ ދަށުގައި އެބަ ހުންނެވި އެއް މެމްބަރަކު،" އިބޫ ވިދާޅުވި އެވެ.

މެމްބަރުންގެ ގޮނޑި ގެއްލުނު މައްސަލައިގެ ހުކުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ލިބޭ މައުލޫމާތުތަކަށް ބަލާއިރު ސުޕްރީމް ކޯޓުގެ ހުކުމް އޮތީ ކަނޑައެޅި ނިމިފައި ކަމަށާއި އެ ހުކުމް އިއްވުން ލަސް ކުރަމުންދާތީ އޭގެ ސަބަބުން އެތައް ހާސް ރައްޔިތުންނެއްގެ ހައްގު ގެއްލިގެންދާ ކަމަށެވެ. ހަމައެއާއެކު ބަންޑާރަ ނައިބް މުހައްމަދު އަނިލް ދަންވަރު ސުޕްރީމް ކޯޓަށް ވަނުމަކީ ހުކުމަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމެއްކަން ވެސް އިބޫ ފާހަގަ ކުރެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މައްސަލަތައް ފުލުހުން ބަލަމުންދާއިރު އެ މައްސަލަތައް ބަލަނީ ބަލަންޖެހޭ ޑިޕާޓްމަންޓްތަކަކުން ވެސް ނޫން ކަމަށެވެ. އެއީ އެ މައްސަލަތައް ވަކިގޮތަކަށް ނިންމުމަށް އަމަލުކުރާ ގޮތެއް ކަމަށް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމް ލަސްވަމުން ދާތީ އެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވެފައިވެ އެވެ.