Roadha Mihaaru
ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށައިފި

ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް ފަށައިފި

26 ޑިސެމްބަރ 2018

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އަންނަ މަހުގެ ތެރޭގައި ބޭއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް އަންނަ މަހުގެ ތެރޭގައި ބޭއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މަޖިލީހުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާ ބޭއްވޭނެ ގޮތް ހަމަޖައްސަންވާނެ އެވެ.

ތިން ބައިކުޅަ އެއްބަޔަކީ މަޖިލީހުގައި މިހާރު ހިމެނޭ 85 މެމްބަރުންގެ ތެރެއިން 29 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް ބާއްވަން އުޅެނީ މުހިއްމު ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނީ އަދަދަށް މެންބަރުން މަޖިލީހަށް ހާޒިރުވެ ނެތުމުން އެ ބިލްތަކަށް ވޯޓަށް ނޭހި، މި މަހުގެ 15 ވަނަ ދުވަހު މެމްބަރުން ޗުއްޓީއަށް ވަޑައިގެން މައްސަލާގައި ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް "މިހާރު" އަށް ވިދާޅުވީ ޖަލްސާ ބޭއްވުމަށް އެންމެ ރަނގަޅީ ކޮން ދުވަހެއްތޯ މެމްބަރުން މެދުގައި މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެކަމަކު، މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދި ނުފަށާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މެމްބަރުން މިހާރު ތިއްބެވީ ޗުއްޓީގައި އެކި ތަންތަނުގައި. އެހެންވީމަ އަޅުގަނޑުމެން ފުރަތަމަ މި ބަލަނީ އެބޭފުޅުންނަށް ކޮން ދުވަހަކުތޯ ޖަލްސާ އަށް އާދެވޭނީ،" ރިޔާޒް ވިދާޅުވި އެވެ.

ދައުރުން ބޭރުން މަޖިލިހުގެ ޖަލްސާއެއް އަންނަ މަހުގެ ތެރޭގައި ބޭއްވުމަށްޓަކައި މަސައްކަތް ކުރުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮވެމެ، ބޭނުންވާ އަދަދަށް މެމްބަރުން ހަމަނުވެގެން އެ ބިލްތަކަށް ވޯޓަށް ނޭހުނު މައްސަލައިގައި ކޯލިޝަންގެ ތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ.

އެ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމެވެ.

އެކަމަކު، އެ ބިލްތަކަށް ވޯޓަށް ނޭހުނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަމަށް ވެފައި، އެކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިއްބަވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތުމުންނެވެ. އެއީ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުންނެވެ. އެ ދުވަހުގެ ޖަލްސާގައި ބިލްތަކަށް ވޯޓަށް އެހޭ ގޮތް ނުވީ ހަތަރު މެމްބަރަކު މަދުވެގެންނެވެ.