Roadha Mihaaru
އީސީ  ފެންނަނީ ޕީޕީއެމްގެ އޮފީހުގެ ގޮތުގައި: އިލްހާމް

އިލެކްޝަންސް ކޮމިޝަން ފެންނަނީ ޕީޕީއެމްގެ އޮފީހުގެ ގޮތުގައި: އިލްހާމް

28 އޯގަސްޓް 2017

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތަސް އެތަން މިހާރު ފެންނަނީ އޭގެ ބަދަލުގައި ވެރިކަންކުރާ ޕާޓީގެ އޮފީހުގެ ގޮތުގައި ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތަސް އެތަން މިހާރު ފެންނަނީ އޭގެ ބަދަލުގައި ވެރިކަންކުރާ ޕާޓީގެ އޮފީހުގެ ގޮތުގައި ކަމަށް ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުން ރޭ ނިންމާފައިވަނީ އެކަމުގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަންޖެހޭ ކަމެއް ނެތް ކަމަށެވެ. އެ ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ.

އީސީގެ އެ ނިންމުމާ ގުޅިގެން އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް ފޮނުއްވި ސިޓީއެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ކުރީގެ ޑެޕިއުޓީ ލީޑަރު އިލްހާމް ވިދާޅުވީ ލިބިފައިވާ ބާރެއްގެ ބޭނުންކޮށްގެން، އީސީގެ މެމްބަރުންނަށް ބައެއްގެ ހައްގުތައް ގެއްލުވައިލެވިދާނެ ކަމަށާއި އެކަމަކު އެބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އަންނާނެ ކަމަށެވެ.

"އަދި ބައެއްގެ ހައްގުތަކަށް އަރައިގަންނަ ބަޔަކަށް އާޚިރަތުގައި ވެސް ސުވާލު ކުރެވޭނެ އެވެ،" ސޫރަތުލް އަޚުޒާބުގެ 66 އަދި 67 ވަނަ އާޔަތަށް އަލިއަޅުއްވާލައްވަމުން އިލްހާމް ވިދާޅުވި އެވެ.

އީސީ އަށް އިލްހާމް ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާގެ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށާއި އެ ދާއިރާގެ ބައި އިލެކްޝަން އޮންނާނެ ކަމަށް އެ ކޮމިޝަނާ ހަވާލާދީ ނޫސްތަކުގައި ޖަހާފައިވީ ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވެސް އިލްހާމަށް އަންގާފައި ނެތް ކަމަށެވެ.

އެހެންވެ އިލްހާމް ވަނީ އޭނާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވޭތޯ އާއި އެކަން އެގޮތަށް ކޮށްފައިވާ ނަމަ، އެކަން ކަނޑައެޅީ ގާނޫނުއަސާސީގެ ކޮން މާއްދާއެއްގެ ދަށުންކަން އަންގައި ދިނުމަށް އީސީގައި އެދިވަޑައިގެންފަ އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އޭނާ އަށް ލިބިދޭ އިނާޔަތްތައް ކަނޑާލި ސަބަބު އޮޅުން ފިލުވުމަށް މި މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީއަށް މިހާތަނަށް ވެސް ޖަވާބެއް ނުލިބެ އެވެ.

އިލްހާމް ވަނީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި އަމުރު އީސީން މާނަކުރާ ގޮތް ވެސް އޮޅުން ފިލުވައި ދިނުމަށް އެ ކޮމިޝަންގައި އެދިވަޑައިގެންފަ އެވެ.

އިލްހާމް ވިދާޅުވީ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުން އިތުރު ނިންމުމެއް ނިންމަންޖެހޭ ތަނެއް ނެތް ކަމަށް ރޭ ކަނޑައަޅާފައިވާއިރު، "އަސްލު އޭގެ އަސްލު ސިފައިގައި އޮންނާނެކަން" އެ ނިންމުމުން އެނގޭ ކަމަށެވެ.

"ފިގްހީ ގާއިދާއެއްގައި އޮވެ އެވެ. 'އަސްލަކީ އެއްޗެއް އޮތްގޮތަށް ދެމިއޮތުމެވެ'. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ގާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ކަނޑަނާޅާހާ ހިނދަކު ބެލެވޭނީ އެއީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގަ އެވެ،" ކުރިން ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮތް ނަމަވެސް ފަހުން އެމަނިކުފާނާ ދެކޮޅަށް އަޑުއުފުއްލަވާ އިލްހާމް ވިދާޅުވި އެވެ.

އިލްހާމްގެ އިތުރުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދުގެ އެވެ.