Roadha Mihaaru
ގާސިމް ބޭސްފަރުވާ އަށް ފޮނުވުމުގެ މައްސަަލަ އިސްތިއުނާފުކޮށްފި

ގާސިމް ބޭސްފަރުވާ އަށް ފޮނުވުމުގެ މައްސަަލަ އިސްތިއުނާފުކޮށްފި

30 އޯގަސްޓް 2017

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ ރާއްޖެއިން ބޭރުން ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އެންގި ބައި އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާ ރާއްޖެއިން ބޭރުން ލިބޭނެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި އެންގި ބައި އެޓާނީ ޖެނެރަލްގެ އޮފީހުން އިސްތިއުނާފް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް ގާސިމްގެ މައްޗަށް އިއްވައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން ގާސިމްގެ ބޭސްފަރުވާ ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ދައުލަތުން ހަމަޖައްސަން ޖެހޭނެ އެވެ. އެގޮތަށް އެންގީ މި ވަގުތު ހޮސްޕިޓަލްގައި އޮންނެވި ގާސިމް ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދީފައިވާތީ ކަމަށް ހުކުމުގައިވެ އެވެ.

ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކަމަށް ވިޔަސް، ގާސިމަށް ބޭރުން ބޭސް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސަން ހުކުމުގައި އަމުރުކުރި ބައި ހައި ކޯޓުގައި އިސްތިއުނާފަަށް ހުށަހެޅީ އެޓާނީ ޖެނެރަލްގެ އޮފީހުން ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުން ބަލައިގަތް ކަމެއް އަދި ސާފެއް ނުވެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރިއިރު ސަރުކާރުން ކުރިން ބުނެފައިވަނީ ގާސިމްގެ ފަރުވާ އަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި އޮންނަ އުސޫލުތަކުގެ މަތިން އެކަން ހަމަޖައްސާނެ ކަމަށެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ގާސިމްގެ އަރިހަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާ އަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާ ކަމަށާއި ސަރުކާރުން ވެސް ބަލަނީ ވީހާ އަވަހަކަށް ގާސިމް ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖެއިން ބޭރަށް ނުފޮނުވި ލަސްވަނީ ކަރެކްޝަންސް ބޯޑުގެ މެޑިކަލް ބޯޑުގެ ބައްދަލުވުމުގެ ކޯރަމް ހަމަނުވެގެން ކަމަށާއި އެ ބޯޑުގެ ބައްދަލުވުމެއް އިއްޔެ ބާއްވާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މި މައްސަލަ އޭޖީން އިސްތިއުނާފު ކުރުމާ އެކު، ބޭސް ފަރުވާގެ ކަންތައް ވަރަށް ބޮޑަށް ލަސްވެ، ގާސިމް ޖަލަށް ވަޑައިގަތުމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކުރީ އޭނާގެ ޝަރީއަތުގެ އަޑުއެހުމަކަށް ކޯޓަށް ވަޑައިގެން ހުންނަވަނިކޮށް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުންނެވެ. ޑޮކްޓަރުން ލަފާ ދެއްވާފައިވަނީ އޭނާގެ ހިތުގެ ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ ގާސިމްގެ ފުރާނަ އަށް ނުރައްކާ ވެދާނެ ކަމަށެވެ.