Roadha Mihaaru
1.7 މިލިއަން ރުފިޔާ ދޫކުރުމުން ފިޔަވަޅު އަޅަނީ

1.7 މިލިއަން ރުފިޔާ ދޫކުރި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އަންގައިފި

23 ޖެނުއަރީ 2022

ވިމަސް ކުންފުންޏަށް ދޭން ނުޖެހޭ 1.7 މިލިއަން ރުފިޔާ ދައުލަތުން ދޫކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދަން ދައުވާކޮށް، އަދި އެ ފައިސާ ދޫކުރުމުގައި އިހުމާލުވި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިމަސް ކުންފުންޏަށް ދޭން ނުޖެހޭ 1.7 މިލިއަން ރުފިޔާ ދައުލަތުން ދޫކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދަން ދައުވާކޮށް، އަދި އެ ފައިސާ ދޫކުރުމުގައި އިހުމާލުވި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.

ސުނާމީއާ ގުޅިގެން ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ސަރުކާރުން ހަވާލުލުކުރި މަޝްރޫއަށް ވިމަސް ކުންފުނިން ދޮންވެލި ފޯރުކޮށް ދިނުމުން ދައްކަން ޖެހޭ 72،500ރ. ނުދެއްކުމުން ޖޫރިމަނާއާ އެކު 1.8 މިލިއަން ރުފިޔާ ދައްކަން ގއ. ވިލިނގިލީ ކޯޓުން އެންގީ ދައުލަތުގެ މައްޗަށެވެ. އެ ނިންމުން ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން ވިލިނގިލީ ކޯޓަށް އެ ފައިސާ ޖަމާކޮށްދިނެވެ. އަދި އިތުރު ހުކުމެއްގެ ދަށުން އެ ކޯޓުން ވަނީ އެ ފައިސާ ވިމަސް އަށް ދޫކޮށްފަ އެވެ.

ވިލިނގިލީ ކޯޓުން ފަހުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން ވަނީ ބާތިލްކޮށް އަދި އެ ފައިސާ ވިމަސް އަށް ދޭން ނުޖެހޭނެ ކަމަށް ނިންމައިފަ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ވިމަސް އަށް ދޫކުރި އެ ފައިސާ ހައި ކޯޓުގެ ހުކުމާ ގުޅިގެން އަނބުރާ ހޯދުމަށްޓަކައި ސިވިލް ކޯޓުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މުވައްޒަފަކު އިހުމާލުވި ނަމަ އެ މީހަކަށް ފިޔަވަޅު އަޅަން ވެސް އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ފައިސާ ދޫކުރުމުގައި އިހުމާލުވި މުވައްޒަފަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އެންގިއިރު، ހައި ކޯޓުގެ ހުކުމުގައި ވެސް ބުނެފައިވަނީ ފައިސާ ދޭން ކުރި އަމުރު އެ ކޯޓުން ކުރިން ބާތިލް ކޮށްފައި ވަނިކޮށް އެ ފައިސާ ދޫކުރުމުގައި ދައުލަތުގެ ފަރާތުން އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.