Roadha Mihaaru
ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ: އޮމާން ކޯޗު

ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ: އޮމާން ކޯޗު

02 ސެޕްޓެމްބަރ 2017

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮމާނަށް ފަސޭހަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕިމް ވާބީކް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު އޮމާނަށް ފަސޭހަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޕިމް ވާބީކް ބުނެފި އެވެ.

ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭއިރު، ރާއްޖެ އޮތް ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ ފަލަސްތީނެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮމާން އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ތިން ވަނައިގައި އޮތް ރާއްޖެއާ އެއްވަރަށް ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޫޓާން އެވެ.

އޮމާން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 14-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ދެ ވަަނަ މެޗުން ފަލަސްތީން އަތުން ބަލިވީ 2-1 އިންނެވެ. ރާއްޖެ ފުރަތަމަ މެޗުން ފަލަސްތީން އަތުން 3-0 އިން ބަލިވި ނަމަވެސް ދެ ވަނަ މެޗުން ވަނީ 2-0 އިން ބޫޓާން ބަލިކޮށްފަ އެވެ.

އޮމާން މެޗަށް ފަރިތަކުރުމަށް ރާއްޖޭން ވަނީ ގަތަރުގެ ޗެމްޕިއަން އަލް ދުހައިލްއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 1-0 އިންނެވެ. އޮމާން ވަނީ އަމިއްލަ ދަނޑުގައި އަފްގާނިސްތާންގެ މައްޗަށް 2-0 އިން ކުރި ހޯދައިފަ އެވެ.

"އަފްގާނިސްތާނާ މުޅިން ތަފާތު ޓީމެއް ރާއްޖެ އަކީ. އެމީހުން ކުޅޭނީ އަހަރެމެންނާ ދެކޮޅަށް ޑިފެންސިވްކޮށް. އެޓޭކިން ގޭމެއް ނުކުޅޭ ޓީމަކާ ދެކޮޅަށް ކުޅެން ފަސޭހައެއް ނުވާނެ. ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަވާނެ ކަމަށް ނުދެކެން،" ދެކުނު ކޮރެއާ އާއި އޮސްޓްރޭލިއާ އަށް މީގެ ކުރިން އިރުޝާދުދިން ވާބީކް ބުންޏެވެ.

މި މެޗަށް ފަހު މި ދެ ޓީމު މާލޭގައި އަންނަ މަހު 10 ވަނަ ދުވަހު ބައްދަލުކުރާނެ އެވެ. ވާބީކް ދެކޭ ގޮތުގައި މި ދެ މެޗަކީ އޭޝިއަން ކަޕް ކޮލިފައިވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ދެ މެޗެވެ.

އޮމާންގެ ކޯޗު ވާބީކް އަކީ 2007 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ދެކުނު ކޮރެއާ އަށް ތިން ވަނަ ހޯދައިދިން ކޯޗެވެ. އޭގެ ފަހުން އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އޮސްޓްރޭލިއާ ކޮލިފައިކޮށްދީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދީފަ އެވެ.

ވާބީކް ވަނީ އާދައިގެ ޓީމުތަކާ ކުޅޭއިރު މެޗު ކުޅެން ޖެހޭ ހާލަތްތަކުގެ ސަބަބުން ހީނުކުރާ ނަތީޖާތައް ނުކުތުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޮމާނާ ރާއްޖެ ވަނީ މީގެ ކުރިން ހަތް ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މެޗުން އޮމާން ވަނީ މޮޅުވެފަ އެވެ. ރާއްޖެ ވަނީ 2004 ވަނަ އަހަރު އޮމާނާ އެއްވަރުކޮށްފަ އެވެ.