05 ސެޕްޓެމްބަރ 2017
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އަމިއްލަ ގައުމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް އެ ޓީމަށް ނެތް ކަމަށް އޮމާންގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިރޭ އަމިއްލަ ގައުމުގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުން ނޫން ގޮތެއް އެ ޓީމަށް ނެތް ކަމަށް އޮމާންގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ބުނެފި އެވެ.
ކޮލިފައިން ކޮންމެ ގްރޫޕަކުން ދެ ޓީމަކަށް އޭޝިއަން ކަޕްގެ ޖާގަލިބޭއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި ދެ މެޗުން ހަ ޕޮއިންޓާ އެކު އޮތީ ފަލަސްތީނެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އޮމާން އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ތިން ވަނައިގައި އޮތް ރާއްޖެއާ އެއްވަރަށް ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ބޫޓާން އެވެ.
އޮމާން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 14-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ދެ ވަަނަ މެޗުން ފަލަސްތީން އަތުން ބަލިވީ 2-1 އިންނެވެ. އެހެން ކަމުން ކޮލިފައިންގައި ރަނގަޅު ޓްރެކަށް އަނބުރާ އައުމަށް މިރޭ ރާއްޖެ ބަލިކުރުން މުހިއްމު ކަމަށް އެ ޓީމުން ދެކެ އެވެ.
"އަހަރެމެން ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެގެން މިތިބީ. ވަރަށް ދިގު (މުއްދަތުގެ) ތައްޔާރީއެއް މިއީ. ތިން ހަފްތާ ވަންދެން އޮސްޓްރިއާގައި ތަމްރީން ހެދިން. ދެން އަމިއްލަ ގައުމުގައި މެޗެއް (އަފްގާނިސްތާން މެޗު) ކުޅެލަން ލިބުނު. އަހަރެން ވަރަށް ހިތްހަމަ ޖެހޭ މި ފަހަރުގެ ސްކޮޑާ މެދު،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާބީކް ބުންޏެވެ.
އޭނާ ބުނީ މިއީ ކޮލިފިކޭޝަންގައި އޮމާނަށް އެންމެ މުހިއްމު އެއް މެޗު ކަމަށާއި މި މެޗުން ތިން ޕޮއިންޓް ނޫން އެއްޗަކުން ފަރުޖައްސާލެވެން ނެތް ކަމަށެވެ.
"ދެން ކޮންމެ ޓީމެއް ވެސް ގިނަ ލަނޑު ޖަހަން ބޭނުންވާނެ. އެކަމަކު ހަނދާނުގައި ބަހައްޓަން ޖެހޭނެ މިހާރު ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެއްވެސް ޓީމަކާ ދެކޮޅަށް ފަސޭހަކޮށްލެވެން ނެތްކަން. ކޮންމެ ޓީމެއް ވެސް މަސައްކަތް ކުރަނީ ވަރަށް އޮގަނައިޒް ކުޅުމެއް ކުޅެން،" އޭނާ ބުންޏެވެ.
ކުރިން ދެކުނު ކޮރެއާ އާއި އޮސްޓްރޭލިއާ އަށް ކޯޗުކޮށްދިން ވާބީކް ބުނީ އޮސްޓްރިއާ ކޭމްޕާއި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗުން ފެނުނު ކުޅުމަށް ބަލާއިރު ރާއްޖެ މެޗާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.
"އަހަރެމެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން މޮޅުވެވޭނެ މެޗެއް މިއީ. އޮސްޓްރިއާގެ ތަމްރީންތަކާއި އަފްގާނިސްތާނު މެޗުގައި އަހަރެމެން ޓެސްޓްކުރިން މި މެޗުގައި ބޭނުންކުރެވޭނެ ބައެއް ކަހަލަ ކަންތައްތައް. ހަތަރު މެޗު އޮސްޓްރިއާގައި ވެސް ކުޅުނިން. ވަރަށް އުއްމީދުގައި މި ތިބީ،" އޭނާ ބުންޏެވެ.
ދުރާލާ މި މެޗަށް ތައްޔާރުވާން ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމަށް އޮމާނު ސްކޮޑުގައި ތިބި ކުޅުންތެރިން ކުޅޭ ކްލަބްތަކުން އެ ކުޅުންތެރިންނަށް ރިލީސްދީފައިވާތީ ވާބީކް ވަނީ އޮމާން ޕްރިމިއާ ލީގުގެ ކްލަބްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އޮމާންގެ މީޑިއާތަކުން ވަނީ އެ ޓީމުން މި މެޗަށް ނެގީ އެންމެ ވަރުގަދަ ސްކޮޑު ނޫން ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. އެހެން ނަމަވެސް ވާބީކް ބުނީ މި ޓީމުގައި ތިބީ މި ވަގުތަށް ބަލާއިރު އޮމާން ފުޓްބޯޅަ އަށް އެންމެ ރަނގަޅު ކުޅުންތެރިން ކަމަށެވެ.
"ހަ ކުޅުންތެރިން ނެގިން 22 އަހަރުން ދަށުގެ އެއީ ޖެނުއަރީގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕަށް ވިސްނާފައި. އެއީ މުސްތަގުބަލަށް ވިސްނާފައި. އެއީ އޮމާން ފުޓްބޯޅައިގެ މުސްތަގުބަލު. ދެން މި ތިބީ ތަޖުރިބާހުރި ކުޅުންތެރިން. އެ ކުޅުންތެރިންގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފޭނެ،" ވާބީކް ބުންޏެވެ.
މެޗުގެ ކުރިން ވާބީކް މާ ބޮޑަށް ރާއްޖޭގެ ޓީމާ ބެހޭގޮތުން ވާހަކައެއް ނުދައްކަ އެވެ. އަދި ރާއްޖެ ޓީމާ ބެހޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށާއި އޭގެ ވާހަކަ މެޗުގެ ކުރިން ދެއްކުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޮމާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 20:15 ގަ އެވެ.
އޮމާން އަތްދަށުވެ ރާއްޖެ އަށް އަމިއްލަ ބާރު ގެއްލިއްޖެ
އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު
މިހާރު ޕްރެޝަރު އޮތީ ރާއްޖެ އަށް: އޮމާން ކޯޗު
ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ: އޮމާން ކޯޗު
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ
އުޒްބެކިސްތާން އަތުންބަލިވެ ރާއްޖެއަށް ދޮރު ބަންދުވެއްޖެ
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ