Roadha Mihaaru
"ބޮސް"ގެ ޓްރެއިލާ: ރޮވޭ ގޮތްވޭތަ؟

"ބޮސް"ގެ ޓްރެއިލާ: ރޮވޭ ގޮތްވޭތަ؟

09 ސެޕްޓެމްބަރ 2017

ބެލުންތެރިން ހަމަ ރޮއްވައިލުމުގެ ބޭނުމުގައި ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އުފައްދާ އަސަރުގަދަ ލޯބީގެ ފިލްމް "ބޮސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބެލުންތެރިން ހަމަ ރޮއްވައިލުމުގެ ބޭނުމުގައި ފާތުމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން އުފައްދާ އަސަރުގަދަ ލޯބީގެ ފިލްމް "ބޮސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ނަހުލާގެ ސްކްރީންޕްލޭއަކަށް، ބަތަލާ އައިޝަތު ރިޝްމީ ޑައިރެކްޓްކުރާ ފިލްމެކެވެ. އަންނަ މަހުގެ 24 ގައި ރިލީޒް ކުރަން ތާވަލްކޮށްފައިވާ "ބޮސް" ގެ ލީޑް ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ މުހައްމަފު ޔުނާންއާ އެކު، މަރިޔަމް އައްޒަ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ) އަދި އަލީ އާޒިމް (ދޮންއައްޔަ) ހިމެނެ އެވެ.

"ބޮސް" ގެ ޓްރެއިލާ އިން ވެސް ފެންނަ ގޮތުގައި މި ފިލްމްވެގެން ދާނީ ލޯތްބާއި ޖަޒުބާތާއި އަސަރުތަކުން ފޯކޮށްލާ ކަހަލަ ފިލްމަކަށެވެ. މީގެ ޓްރެއިލާ އަށް ބަލާއިރު، އާންމުކޮށް ދިވެހި ފިލްމްތަކުގެ ޓްރެއިލާތަކާ ތަފާތުކޮށް ނެރެޓިވް ސްޓައިލަށް ޓްރެއިލާ ފައްކާކޮށްފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.

"މިއީ ބަލަން އިންނަ އިރު ގައިން ހީބިހި ނަގާނެ ފިލްމެއް. ބަލާ ހިތުން ބަލާލެވޭނެ ފިލްމެއް. ޓްރެއިލާ އިން ވެސް އެކަން އިހުސާސް ކުރެވޭނެ،" ނަހުލާ ބުންޏެވެ.

"ބޮސް" އަކީ ނަހުލާގެ އަސްލު ޓްރޭޑްމާކް ކަމަށްވާ މެލޮޑްރާމާއެކެވެ. އެހެންވެ މިއީ ރިޝްމީގެ ޑައިރެކްޝަންގެ ތެރެއިން "ނަހޫ ސްޓައިލް" ގެ ފިލްމެއް ގާތްގަނޑަކަށް ފަސް އަހަރު ފަހުން ސްކްރީނަށް އަންނަ ފުރަތަމަ ފަހަރެވެ. ސީދާ ނަހޫ ސްޓައިލްގެ ފިލްމެއް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައީ 2013 ގަ އެވެ. އެއީ ނަހުލާ، ލިޔެ، ރަވީ ފާރޫގް ޑައިރެކްޓް ކުރި "މި ހަށިން ފުރާނަދަންދެން" އެވެ.

"ބޮސް" އަކީ ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން މިދިޔަ އަހަރު ގެނެސް ދިން ބިރުވެރި ފިލްމް "4426" އަށް ފަހު، އެ ސްޓޫޑިއޯ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.

"ބޮސް" ގެ ޓްރެއިލާއާ އެކު ރޭ ވަނީ ފިލްމުގެ ހަތަރު ލަވައެއް ވެސް ސޯލްޓް ކެފޭގައި ބޭއްވި ހަފުލާއެއްގައި އިއްވާލައިފަ އެވެ. އެގޮތުން އެ ލަވަތައް ކިޔާފައިވާ ފަންނާނުން ވެސް ހަފުލާގައި ބައިވެރިވި އެވެ. އޭގެ ތެރޭގައި ރާފިޔަތު ރަމީޒާ، މާއިން ރަޝީދު، މަރިޔަމް އަޝްފާ އަދި ފިލްމުގެ ދެ ލަވައަކުން އިވިގެންދާ ފިރިހެން ދެ ލަވަ ކިޔުންތެރިން ކަމަށްވާ މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަން ދެވަނަ ހޯދި ޝަލަބީ އިބްރާހީމާއި ހަމޫދު އަހުމަދު ހިމެނެ އެވެ.

"ބޮސް" ގައި ހިމެނޭނީ މުޅިން ވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.

މި ފިލްމާ ބެހޭ ގޮތުން ރިޝްމީ ރޭ ބުނީ ފިލްމް ބެލުންތެރިންނަށް ކަމުދާނެކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށެވެ.

"ބޮސް" ގެ ޓްރެއިލާ.

"ނަހުލާގެ ސްކްރިޕްޓަކީ ބެލުންތެރިން އެއްވެސް ވަރަކަށް ޝައްކު ކުރާނެ ސްކިރިޕްޓެއް ނޫން. އެހާ ވެސް ފުރިހަމަ ސްކްރިޕްޓެއް "ބޮސް" ގެ ސްކްރިޕްޓަކީ. އަސްލު ކާސްޓުންގެ މޮޅުކަމާ ޑައިލޮގް ޑެލިވަކޮށްފައި ހުރި ފުރިހަމަކަމުން ރިއަލިޓީ އޭ ހީވާނެ،" އޭނާ ބުންޏެވެ. "އަދި މިހާތަނަށް ކާސްޓުން އެންމެ މޮޅަށް އެކްޓުކޮށްފައި ހުރި ފިލްމަކަށް މި ފިލްމް ވާނެ. ނަހޫ އުންމީދު ކުރާ ފެންވަރަށް މި ފިލްމު ސްކްރީނަށް އަންނާނީ."

މި އަހަރު އަޅުވާ ހަތް ވަނަ ފިލްމް "ބޮސް" ގެ ޓިކެޓް މި މަހުގެ 26 އިން ފެށިގެން ވިއްކަން ފަށާނެ އެވެ.