Roadha Mihaaru
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ

ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ ވެސް އިތުރުވެއްޖެ

14 މާޗް 2018

ފާތުމަތު ނަހުލާގެ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ފެށި ފަހުން، ގިނަ ބަޔަކު ތިބީ މިއީ ކިހިނެއް، ކޮން ގޮތަކަށް ފެންނާނެ ވެބް ސީރީޒެއްތޯ ބަލައިލަން ބޭނުންވެފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ހަ މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ މި ސީރީޒަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފާތުމަތު ނަހުލާގެ ވެބް ސީރިޒް "ހުވާ" ގެ މަސައްކަތް ފެށި ފަހުން، ގިނަ ބަޔަކު ތިބީ މިއީ ކިހިނެއް، ކޮން ގޮތަކަށް ފެންނާނެ ވެބް ސީރީޒެއްތޯ ބަލައިލަން ބޭނުންވެފަ އެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ހަ މަހެއްހާ ދުވަހަށް ދެމިގެންދާ ގޮތަށް ތައްޔާރުކުރާ މި ސީރީޒަކީ ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

މުހައްމަދު ފައިސަލާއި ޔޫސުފް (ޔޫއްޕެ) ޝަފީއު ޑައިރެކްޓް ކުރާ ސީރީޒްގެ މަސައްކަތް އަންނަނީ ވަރަށް ބާރު ސްޕީޑްފައި ކުރަމުންނެވެ. ކުރިން މީގެ ރޯލެއް ޔޫއްޕެ ކުޅޭ ގޮތަށް ނެތަސް، ޔޫއްޕެގެ އިތުރުން ޒުވާން ބަތަލާ މަރިޔަމް އައްޒަ ވެސް މި ވަނީ "ހުވާ" ގެ ކާސްޓަށް މިހާރު އިތުރުވެފަ އެވެ.

ޔޫއްޕެއަކީ ސީރީޒްތަކަށް އެހާ އާންނު ނަމެއް ނޫން ނަމަވެސް، އައްޒަ ވަނީ މީގެ ކުރިން ނަހުލާ ގެނެސްދިން ސިލްސިލާތަކެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ވަކިވުމުގެ ކުރިން" އާއި "އުމުރަށް ސަލާން" ހިމެނެ އެވެ.

ޔޫއްޕެ: ވެބް ސީރީޒް "ހުވާ" ގެ ރޯލަކުން ފެނިގެން ދާނެ.

ޔޫއްޕެ: ވެބް ސީރީޒް "ހުވާ" ގެ ރޯލަކުން ފެނިގެން ދާނެ.

ޔޫއްޕެ އާއި އައްޒައާ އެކު "ހުވާ" ގެ ކާސްޓުން ފެންނާނެކަން މިހާރު ކަށަވަރުވެފައިވާ މަޝްހޫރު ތަރިންގެ ތެރޭގައި ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ފައިސަލް، ޖާދުﷲ (ޖާދު) އިސްމާއީލް ހިމެނެ އެވެ.

ނަހުލާ ބުނީ "ހުވާ" އިން ގިނަ އަދަދަކަށް އާ އެކްޓަރުން ވެސް ފެންނާނެ ކަމަށެވެ.

"ޔޫއްޕެ އާއި އައްޒަ މީގެ ކާސްޓަށް ގެނެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެ މީހުންގެ ކެރެކްޓާތައް ވަރަށް ވަރުގަދަ ވާނެ މީގައި. އަހަރެން ބުނާނީ މުޅި ސީރީޒަށް ބަލާ އިރު ވެސް މިއީ ކޮންމެ އެކްޓަރަކު ހަމަ ލީޑް ރޯލެއް ކުޅޭނެ އެއްޗެކޭ،" ނަހުލާ ބުންޏެވެ. "ކާސްޓުން ބޮޑުވިޔަސް މީގެ ރޯލްތައް ވަރަށް ބެލެންސްކޮށް ގެނެސް ދޭން މަސައްކަތްކޮށްފައި ވެސް ހުންނާނެ. ބެލުންތެރިން ހަމަ ވަރަށް ގަޔާވާނެ އެއްޗަކަށް ހުވާ ވާނެ ކަމުގެ އުންމީދު ބޮޑު."

ބޮޑު ބަޖެޓަކުން ހަދާ ވެބް ސީރީޒްގެ ބެލުންތެރިންނަށް ދައްކަން ފަށާނެ އިރެއް، ނަހުލާ އަންނަ މަހުގެ ފަހުކޮޅު އިއުލާން ކުރާނެ އެވެ. މީގެ ފަހަތުގައި ހުރީ ފިލްމީ ދާއިރާއަށްޓަކައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ފޫގަޅައިގެން ހުރި "ސިއްރު" ޕްރޮޑިއުސަރެކެވެ.

ނަހުލާ "ހުވާ" ގެ ބައެއް ކާސްޓުންނާ އެކު.

ނަހުލާ "ހުވާ" ގެ ބައެއް ކާސްޓުންނާ އެކު.

"ޝޫޓިން މިހާރު ވެސް ވަރަށް ބާރަށް ކުރިއަށް އެ ދަނީ. އަހަރެން ބުނާނީ އަހަރެންގެ އުފެއްދުންތަކުގައި ހުންނަ ޓަޗް ހުވާގައި ވެސް ވަރަށް ބޮޑަށް ހުންނާނޭ." ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުންޏެވެ.

ނަހުލާ ބުނީ "ހުވާ" އަކީ ދިވެހިންނާ ހަމައަށް އަންނާނެ ފުރަތަމަ ދިވެހި ވެބް ސީރީޒަށްވާތީ، މިއީ ތާރީހުގެ ތެރެއަށް ވަދެގެންދާ ވަރުގެ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށެވެ.

"ވަރަށް ޕްލޭންކޮށްގެން، ވަރަށް ރަނގަޅަށް މީގެ މަސައްކަތްތައް ކުރިއަށް ދަނީ. އެންމެ ބޮޑު ޓާގެޓަކީ ފެންވަރު ރަނގަޅު މޮޅު އެއްޗެއް ހެދުން،" އޭނާ ބުންޏެވެ. "ވަކިން ހާއްސަކޮށް ތާރީހުގައި ލިޔެވޭ ކަހަލަ ފުރިހަމަ އެއްޗަކަށް މީތި ހަދަން ބޭނުން ވަނީ. އިރާދަކުރެވިއްޔާ އެކަން ހާސިލު ވާނެ."