Roadha Mihaaru

ރަކީންގެ ހަމަނުޖެހުންތައް ހުއްޓާލަން އިންޑިއާ އިން ގޮވާލައިފި

ނިއު ދިއްލީ (ސެޕްޓެމްބަރު 10) - މިއަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް މިއަންމާ ސަރުކާރަށް އިންޑިއާ އިން ގޮވާލައިފި އެވެ.

ރަކީންގެ ހަމަނުޖެހުންތައް ހުއްޓާލަން އިންޑިއާ އިން ގޮވާލައިފި
ހަސަން އާމިރު
ހަސަން އާމިރު

10 ސެޕްޓެމްބަރ 2017

ނިއު ދިއްލީ (ސެޕްޓެމްބަރު 10) - މިއަންމާގެ ހުޅަނގުގެ ރަކީން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށް މިއަންމާ ސަރުކާރަށް އިންޑިއާ އިން ގޮވާލައިފި އެވެ.

"ރަކީން ސްޓޭޓުގެ ހާލަތު ހަމައަކަށް އެޅުވުމަށް ގޮވާލަން. ރަކީންގެ އާއްމު ރައްޔިތުންގެ ރައްކާތެރިކަން މިއަންމާ ސިފައިން ކަށަވަރު ކޮށްދޭން ޖެހޭނެ،" އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރަކީންގެ ހަމަނުޖެހުންތަކާ ގުޅިގެން އިތުރުވަމުންދާ ރެފިއުޖީންގެ މައްސަލައާ މެދު ކަންބޮޑުވާ ކަމަށް ވެސް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

އިންޑިއާ ސަރުކާރުން މި ބަޔާން ނެރުނު އިރު ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ ހަފުތާގައި ވަނީ މިއަންމާ އަށް ވަޑައިގެން އެ ގައުމުގެ ސްޓޭޓް ކައުންސެލާ އަން ސަން ސޫކީއާ ބައްދަލު ކުރައްވައިފަ އެވެ. ބުޑިސްޓުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަށް މޯދީ ކުރެއްވި ޒިޔާރަތުގައި ވަނީ މިއަންމާ ސިފައިންނަށް ރޮހިންޖާ މުސްލިމުންގެ ފަރާތުން ދޭ ކަމަށް ބުނާ ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ. ނަމަވެސް ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިންނާއި ބުޑިސްޓުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. އަދި ރެފިއުޖީންގެ އަދަދު އިތުރުވާތީ ކަންބޮޑުވުން ފާޅު ކުރައްވައިފައެއް ވެސް ނުވެ އެވެ.

މޯދީގެ ދަތުރުފުޅާ ދިމާކޮށް އިންޑިއާ އިން ވަނީ އެ ގައުމުގައި ދިިރިއުޅޭ 40،000 ރޮހިންޖާ ރެފިއުޖީން އަނބުރާ ފޮނުވާލަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

މިއަންމާގައި ދިރިއުޅޭ 1.1 މިލިއަން ރޮހިންޖާ މުސްލިމުންނަކީ އެ ގައުމުގެ މީހުން ކަމަށް މިއަންމާ ސަރުކާރުން ބަލައިގެންފައެއް ނުވެ އެވެ. އަދި ބަންގްލަދޭޝް އަށް އެތައް ލައްކަ ރެފިއުޖީންނެއް ވަދެފައިވާ އިރު ވެސް އެ މީހުންނަށް ބަންގްލަދޭޝްގެ ރަށްވެހިކަން ލިބިފައެއް ނުވެ އެވެ. ރަކީންގައި ރޮހިންޖާ މުސްލިމުން ދިރިއުޅޭތާ އެތައް ގަރުނެއް ވެއްޖެ އެވެ.