Roadha Mihaaru
ފާރިސަށް ކުރާ ދައުވާ ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

ފާރިސަށް ކުރާ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމަށް ބަދަލުކޮށްފި

11 ސެޕްޓެމްބަރ 2017

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައި ވަނިކޮށް އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައި ވަނިކޮށް އެ ދައުވާ އިސްލާހުކޮށް، ރިޝްވަތު ހުށަހެޅުމުގެ ދައުވާ އަށް ބަދަލުކޮށްފި އެވެ.

ފާރިސް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގަ އެވެ. އެކަމަކު އެ މައްސަލާގައި ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވިއިރު ދައުވާ އުފުލާފައި އޮތީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ހ. ގެ ދަށުން ދަށުންނެވެ. އެ މާއްދާއަކީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ބަޔާންކުރާ މާއްދާ އެކެވެ.

އެކަން ފާރިސްގެ ވަކީލުން ފާހަގަކޮށްފައި ވަނިކޮށް ޕީޖީ އޮފީހުން މިހާރު ވަނީ ދައުވާ އިސްލާހުކޮށް، ދައުވާކުރާ މާއްދާގެ ގޮތުގައި 510 ވަނަ މާއްދާގެ ށ. ހަމަޖައްސައިފަ އެވެ. ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ށ. އަކީ ރިޝްވަތު ހުށަހެޅުމުގެ ކުށް ބަޔާންކުރާ މާއްދާ އެވެ. އެކަމަކު އެ އިސްލާހު ގެނައީ މައްސަލަ އަނބުރާ ގެނައުމެއް ނެތި ކަމަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުންޏެވެ.

ފާރިސަށް ދައުވާކުރާ އެ މައްސަލައިގެ ލިޔުންތައް ކޯޓުން ފާރިސްގެ ވަކީލުންނާ ހަވާލު ކޮށްފައިވާއިރު އެ މައްސަލައިގެ އަޑުއެހުންތައް ފަށަން އަދި ތާވަލެއް ނުކުރެ އެވެ.

އެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ފާރިސަށް ގެއްލޭނެ އެވެ.

އެ މައްސަލައިގެ އިތުރުން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ވެސް އުފުލައިފަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.