Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލުން ސިއްހީ ނިޒާމު ބަދަލުވާނެ

ދަރުމަވަންތަ ހޮސްޕިޓަލުން ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ: މިނިސްޓަރު

20 ސެޕްޓެމްބަރ 2017

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމަށް ހީނުކުރާވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އައިޖީއެމްއެޗްގެ ދެކުނުން މިހާރު ހަދަމުން އަންނަ 25 ބުރީގެ އެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުން ފާހަގަ ކުރުމަށް، އެ އިމާރާތުގެ އެންމެ މަތީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ތަނުގައި ބަހައްޓާ އެނދުތަކާއި ގާއިމު ކުރާ ޑައިގްނޯސްޓިކް ވަސީލަތްތަކުން ސިއްހީ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެތައް އަހަރެއް ކުރިއްސުރެ ހިދުމަތް ދެމުން އަންނަ އައިޖީއެމްއެޗުގައި 250-300 އެނދު ހުންނަ އިރު، ދަރުމަވަންތަ ހޮސްޕިޓަލްގައި ވެސް އެ އަދަދަށް އެނދު ބަހައްޓާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ އަމާޒަކީ އެ ތަނުން ދޭ ހިދުމަތްތަކަކީ ފާހަގަކޮށްލެވޭ އަދި މި ސަރަހައްދުން ވެސް އެންމެ ފުރިހަމަ ހޮސްޕިޓަލަށް ހެދުން ކަމަށް ވިދާޅުވި އެވެ.

ޓޮޕިން އޮފް ރަސްމިއްޔާތުގައި އެންމެ ފަހު ކޮންކްރީޓް، އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު އަޅުއްވައިލައްވަނީ-- ފޮޓޯ: ހުސެން ވަހީދު

ޓޮޕިން އޮފް ރަސްމިއްޔާތުގައި އެންމެ ފަހު ކޮންކްރީޓް، އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު އަޅުއްވައިލައްވަނީ-- ފޮޓޯ: ހުސެން ވަހީދު

ރާއްޖޭގައި އެންމެ ބޮޑު ހަރަދެއް ކޮށްގެން އަޅާ އެ އިމާރާތަށް ސަރުކާރުން ދޭ އަހައްމިއްޔަތު ފާހަގަކޮށް، ނާޒިމް ވިދާޅުވި ގޮތުގައި، މި ބިޔަ މަޝްރޫއު ފެށިގެން އައީ ލީޑާޝިޕަކުންނެވެ. އެއީ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމާއި ރައްޔިތުންނަށް ދިިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތަށް ބޮޑު ގޮންޖެހުމެއް ދިމާވެފައިވަނީ ކުރިން އެ ފަދަ ވަރުގަދަ ނިންމުންތައް ނިންމައި، ސިއްހީ ނިޒާމަށް ބޮޑު ހޭދައެއް ކުރެވިފައި ނެތުމުން ކަމަށެވެ.

"މި ހިދުމަތްތައް ފުޅާވެގެން އައީމަ ރައްޔިތުންގެ އިޖްތިމާއީ އަދި ސިއްހީ އެތައް ކަމަކަށް ބަދަލު އަންނާނެ. ރައީސްގެ އަމާޒުފުޅަކީ ރާއްޖޭން ބޭރަށް ފަރުވާ ހޯދަންދާ މީހުންގެ އަދަދު މަދުކޮށް، ގައުމުން ބޭރުވާ ޑޮލަރުގެ މިންވަރު މަދުކުރުން،" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް ނިންމުން ފާހަގަ ކުރުމަށް ބޭއްވި "ޓޮޕިން އޮފް" ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، އެންމެ ފަހު ކޮންކްރީޓް ސިމެންތި އަޅުއްވައިދެއްވީ މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗްގެ އިސް ވެރިންނެވެ.

މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗުގެ ބައެއް ވެރިން، ދަރުމަވަންތަ ހޮސްޕިޓަލްގެ ޓޮޕިން އޮފް ރަސްމިއްުޔާތުގައި. -- ފޮޓޯ: ހުސެން ވަހީދު

މިނިސްޓަރު ނާޒިމާއި އައިޖީއެމްއެޗުގެ ބައެއް ވެރިން، ދަރުމަވަންތަ ހޮސްޕިޓަލްގެ ޓޮޕިން އޮފް ރަސްމިއްުޔާތުގައި. -- ފޮޓޯ: ހުސެން ވަހީދު

މިނިސްޓަރު ވިދާޅުވީ ރައްޔިިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ފައިސާ އިން ހަރަދުކޮށްގެން ހިންގާ މި ފަދަ މުހިއްމު ޕްރޮޖެކްޓުތައް، އެންމެ ރަނގަޅު ގޮތުގައި ކުރި އަށް ދާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ ފައިސާ ހަރަދުވާ ގޮތް އެނގި، އެ ހިތްހަމަޖެހުން ލިބޭނީ އޭރުން ކަމަށް ވިދާޅުވި އެވެ.

މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖުލައި 26ގަ އެވެ.

މި ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ އިސް ވެރިންނާއި މުވައްޒަފުން އަދި، އެ މަސައްކަތް ކުރި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަންގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.