Roadha Mihaaru
ކެތުލެބުން 8،000 މީހުން ފަރުވާ ހޯދައިފި

ކެތުލެބުން 8،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދައިފި

26 އެޕްރީލް 2017

މިދިޔަ އަހަރުގެ ޖޫން މަހު އައިޖީއެމްއެޗުގައި އަލަށް ހުޅުވި ކެތުލެބުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ އަހަރުގެ ޖޫން މަހު އައިޖީއެމްއެޗުގައި އަލަށް ހުޅުވި ކެތުލެބުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ސިއްހީ ދާއިރާ އިން ހޯދި ކާމިޔާބާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އައިޖީއެމްއެޗަށް ހީނުކުރާވަރުގެ ބޮޑު ތަރައްގީއެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ހިތުގެ ބަލިތަކަށް ފަރުވާ ކުރުމަށް މިދިޔަ އަހަރު ރާއްޖޭގައި އަލަށް ހުޅުވި ކެތުލެބުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ.

"ކެތުލެބުގައި އެތައް އެތައް ސާޖަރީއެއް އެ އަންނަނީ ހަދަމުން. މިއިން ކޮންމެ ބޭފުޅަކީ ވެސް ކެތުލެބު ނެތް ނަމަ ރާއްޖޭން ބޭރުން ފަރުވާ ހޯދާނެ މީހުން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭޑީކޭގައި ވެސް ވަރަށް އަވަހަށް ކެތުލެބުގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާއިރު، މީގެ ސަބަބުން އައިޖީއެމްއެޗުން އެ ހިދުމަތް ހޯދުމަށް އޮންނަ ކިއޫ ކުޑަވާނެ އެވެ.

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރި އެރުންތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ދެނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރި އެރުންތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން މިއަދު މައުލޫމާތު ދެނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

މިދިޔަ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ އިން ހޯދާފައިވާ ކާމިޔާބުގެ ގޮތުގައި މިނިސްޓަރު އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ކޮންމެ ރަށެއްގައި ވެސް ޑޮކްޓަރަކު ބެހެއްޓުމެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގެ ކޮންމެ 430 މީހަކަށް ޑޮކްޓަރަކު މިހާރު ހަމަޖެހިފައިވާއިރު، 16 ރަށެއްގައި އަލަށް ޑޮކްޓަރުން ބައިތިއްބާފައިވާ ކަމަށެވެ. އަދި މީގެ ތެރެެއިން ނުވަ ޑޮކްޓަރުންނަކީ ދިވެހިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޑޮކްޓަރުންގެ އިތުރުން 87 އެމްބިއުލާންސް ހޯދާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު އެމްބިއުލާންސް ހޯދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ސަރުކާރާ ހަވާލުވި އިރު އޮތީ ދުވާ އެންމެ ފަސް ސީ އެމްބިއުލާންސް. އެކަމަކު މިހާރު 25 އުޅަނދު އޮންނާނެ،" ރަށްރަށުގެ ސިއްހީ ހިދުމަތަށް ގެނައި ކުރިއެރުމެއް ކަން ފާހަަގަ ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޝީޒާ އަލީ ވިދާޅުވީ ސިއްހީ ދާއިރާގައި ހިދުމަތް ދޭ މީހުންނަކީ ދިވެހިންނަށް ހެދުމަށް އެތަނުން ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ. އެގޮތުން ސްޕެޝަލައިޒްޑް ވުމަށް 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 39 ދިވެހި ޑޮކްޓަރުން ސަރުކާރުގެ ހަރަދުގައި ރާއްޖޭން ބޭރަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

މިއީ ސްޕެޝަލައިޒްޑް ވުމަށް ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި އެންމެ ގިނައިން ޑޮކްޓަރުން ރާއްޖޭން ބޭރަށް ފޮނުވި ފަހަރު ކަމަށް ޝީޒާ ވިދާޅުވި އެވެ.